ހުޅުމާލެ 2 ގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި ބައްޕައަކާއި ދަރިއަކަށް އަނިޔާވެ ބައްޕަގެ ހާލު ސީރިއަސް ވެއްޖެ އެވެ.

ފުލުހުން މިރޭ ބުނީ ހުޅުމާލެ 2، ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ހިނގި އެ އެކްސިޑެންޓެއްގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ ހެނދުނު 7:44 ގައި ކަމަށެވެ. 

އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އުމުރުން 62 އަހަރުގެ ފިރިހެނަކާއި ސައިކަލް ފަހަތުގައި އިން އުމުރުން 24 އަހަރުގެ ފިރިހެނަށް އެކިވަރު އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިރޭ ބުނީ އޭގެ ތެރެއިން އުމުރުން 62 އަހަރުގެ މީހާ އަށް މިހާރު ފަރުވާދެމުން އަންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ކަމަށެވެ. އެ މީހާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، އޭނާގެ ސިކުނޑީގެ ކަނާތް ފަރާތަށް ލޭއެޅިފައިވުމާ ގުޅިގެން ބޮލުގެ އޮޕަރޭޝަނެއް ވެސް ކޮށްފައިވާ ކަމަށެވެ.

"އަދި މިހާރު އޭނާ އަށް ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންނެވެ،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ. 

މި ހާދިސާ ހިނގީ ސައިކަލާއި ކާރެއް ޖެހިގެންނެވެ. ފުލުހުން އަންނަނީ މި އެކްސިޑެންޓް ތަހުގީގު ކުރަމުންނެވެ.

ހުޅުމާލެ 2 ގެ ވިނަރެސް ހަތެއްގެ ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި އުމުރުން ނުވަ އަހަރުގެ ކުއްޖަކު ރޭ ފަތިހު ވަނީ ނިޔާވެފަ އެވެ. މި އެކްސިޑެންޓުގައި ނިޔާވީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ހަތަރެއްގައި ކިޔަވަމުންދިޔަ މ. ލެމަންޓްރީ 1، ޒީވާ ސިނާން އަހުމަދެވެ.

އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ދިރާސާ ކުރުމަށް ފަހު، ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓު ހިނގީ ވިނަރެސް ހަތެއްގެ ކައިރި އަށް މަޑުކޮށްފައި އޮތް ކާރަކަށް އަރަން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެން ކަމަށެވެ.