އެންމެ ފަހު ނޭވައާ އެކު ދަރިފުޅު ޒީވާ ސިނާން އަހްމަދު މި ދުނިޔެ ދޫކުރި އިރު ސާބިތުކަމާ އެކު ބައްޕަ އެންމެ ގާތުގައި ހުއްޓެވެ. މޮނިޓަރުން ރޮނގުތައް ސީދާވެ، ނުވަ އަހަރުގެ ދަރިފުޅު ވަކިވުމަކީ ބަލަން ހިތަށް ކުޅަދާނަ މަންޒަރެއް ނޫނެވެ. އެކަމަކު ހިތްދަތި ވަގުތުކޮޅުގައި އެންމެންނަށް ސިނާންގެ މޫނުމަތިން ދެއްކީ ހިނިތުންވުމެވެ. ދަރިފުޅާ މެދު އޭނާ ފަހުރުވެރިވާ މިންވަރެވެ.
ދުނިޔޭގައި ހުރި އިރު އެކަންޏެއް ނޫނެވެ. ދުނިޔޭގައި ނެތަސް އޭނާ ބުނަން އޮތީ، އެ ދަރިފުޅާ މެދު އޭނާ ވަރަށް ފަހުރުވެރިވާ ވާހަކަ އެވެ.
ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި، ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވި ދަރިފުޅަށް އޮތް ލޯބި ސިފަކޮށްދެމުން ސިނާން ބުނީ ޒީވާއެކު ހޭދަވީ އޭނާގެ ހަޔާތުގެ އެންމެ އަގުހުރި އަދި އުފާވެރި އަހަރުތައް ކަމަށެވެ. ވަކިވެދިޔައީ ދުވަހަކު ވެސް ދަރިފުޅަށް ކިޔައިނުދެވޭނެ ވަރަށް، އެތައް ކަމެއް އޭނާއަށް ދަސްކޮށްދީފައި ކަމަށް ބުންޏެވެ.
އޭނާ ބުނީ އެމްއެންޑީއެފްގައި ބުރަ ދުވަހަކަށް ފަހު ގެއަށް އައިސް ޔުނިފޯމުގައި ޒީވާއަށް އާ ހުނަރެއް ދަސްކޮށްދޭން އިށީނުމަކީ އޭނާ އެންމެ ކުރާ ހިތްވާ ކަންތައް ކަމަށެވެ.
"އަަހަރެމެން ކޮންމެ ކަމެއް ދިރާސާއަކަށް ބަދަލުކޮށްލަމެވެ،" ސިނާން ލިއެފައިވެ އެވެ.
ދަރިފުޅުގެ ހުނަރުތައް ކިޔައިދެމުން ސިނާން ބުނި ގޮތުގައި ޅަ އުމުރުގައި ވެސް ޒީވާ ކަންތައްތައް ކުރަމުން އައީ ފާހަގަކޮށްލެވޭ ވަރަށް އެ އުމުރުގެ އެހެން ކުދިންނާ ތަފާތުކޮށް ކަމަށެވެ. ވަރަށް ތަރުތީބު އަދި ކުރަން އުޅޭ ކަންތައްތަކުގެ ތަފްސީލީ ޕްލޭންތައް ދަރިފުޅު ގެންގުޅޭ ކަމަށް ބުންޏެވެ.
ކޮންމެ ދުވަހަކު ޖާނަލް ލިއުމާއި އެއް ގަޑިއަކަށް ނިދާފައި ފަތިހު ހޭލުން ފަދަ ރަނގަޅު އާދަތައް ގެންގުޅުނު ކުއްޖެއް ކަން ސިނާން ފާހަގަކުރި އެވެ.
އުގެނުމުގައި ގެންގުޅުނު އިންތިޒާމީ ގޮތްތަކާ އެކު ޒީވާއަކީ ހިތުދަސްކުރުމުގެ ބާރު ގަދަ ކުއްޖެކެވެ. ސިނާން ބުނެފައިވާ ގޮތުގައި ސްޕެލިންބީ ގައި ބައިވެރިވާން ލިޓްރެޗާ ފޮތްތައް ހުރި ގޮތަށް ޒީވާ ހިތުދަސްކުރެ އެވެ.
"އަހަރެމެން އެކުގައި ޕަބްލިކް ސްޕީކިން އަށް ތައްޔާރުވަން، އޭނާގެ އާޓް މަސައްކަތަށް ޕޭޕައޮރިގާމީ ސްޓެންސިލް ތައްޔާރުކުރަން. ޕްރެޒެންޓޭޝަނުގައި އަހަރެން ބޭނުންކުރާ ހުނަރުތައް އޭނާ ވަރަށް އަވަހަށް ދަސްކުރި،" އެކުގައި ހޭދަކުރި ވަގުތުތަކުގެ ހަނދާން އާކުރަމުން ސިނާން ލިޔެފައި ވެ އެވެ.
ސިނާން ބުނި ގޮތުގައި ޒީވާ ދަސްކުރި ހުނަރުތަކުގެ ތެރެއިން ސްކޭޓްކުރާ އިރު ވެއްޓުމުން އަމިއްލަ އަށް ތެދުވެ، އަނެއްކާ ވެސް ހިތްވަރު ކުރަން ޖެހޭ ކަން ދަސްކުރި އެވެ. އުސް ތަންތަނުން ޖެހިލުމެއް ނެތި ކަނޑަށް ފުންމާލަން ކެރޭ ވަރަށް އޭނާ ހިތްވަރު ގަދަ ކަމަށް ލިއެފައިވެ އެވެ.
ސްކޭޓްކުރާއިރު ދަރިފުޅު ވެއްޓުމުން ނަގަން ނުދާ ކަމަށް ސިނާން ބުންޏެވެ. އަމިއްލައަށް ތެދުވެފައި "މުހިއްމީ ވެއްޓުނު އަދަދެއް ނޫން ކަމަށާއި އަމިއްލައަށް ތެދުވުން ކަމަށް" ޒީވާ ބުނާ ކަމަށް ސިނާން ލިއެފައިވެ އެވެ.
އޭނާ ބުނީ ސަޕްރައިޒެއްގެ ގޮތުގައި އެގްރެސިވް ސްކޭޓް ބޫޓެއް ގަތަސް ޒީވާއަށް އެ ފެނުމުގެ ނަސީބު ނުލިބު ކަމަށެވެ.
ޗެސްކުޅެން ލޯބިކޮށް، ދޫއޮޅޭ ބަސްތަކުން އޭނާ ބަލިކުރަން އުޅޭ ކަމަށް ސިނާން ލިއެފައިވެ އެވެ.
ޒީވާގެ ހުވަފެނަކީ، ސިނާން ބުނި ގޮތުގައި، ސިއްހީ ދާއިރާއަށް ވަނުމެވެ.
ދަރިފުޅަށް ކުކުޅު ރިހަ ކައްކައި ދިނުމާއި ބިސްގަނޑު އެޅުމާއި ރެސްޓޯރެންޓުން އެއްޗެއް ކާލަން ދިއުން ފަދަ އެކުގައި ހޭދަކުރި ގިނަ ހަނދާންތަކެއް ސިނާން ވަނީ ހިއްސާކޮށްފަ އެވެ. ތައުލީމީ ދަތުރެއްގައި ދެ މީހުން އެކުގައި ލާމު އަތޮޅަށް ދާން ވެސް އޮތީ ޕްލޭންކޮށްފަ އެވެ.
"[ޒީވާ އަކީ] ބައްޕައަކު ދެކޭނެ އެންމެ ފުރިހަމަ ހުވަފެނެވެ،" ސިނާން ލިއެފައިވެ އެވެ.
އެކުގައި ހޭދަކުރި ކޮންމެ ހިނދުކޮޅަކާ މެދު ސިނާން ހުރީ ހިތްހަމަޖެހިފަ އެވެ. ހުނަރުން ފުރިގެންވާ، މޮޅު ދަރިފުޅާ މެދު އިންތިހާއަށް ފަހުރުވެރިވެފަ އެވެ.