ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް، ޑރ. އަހުމަދު ރިޔާޒް ހަމަޖައްސައިފި އެވެ.

އެ އިދާރާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ތަފާސްހިސާބުގެ ގާނޫނުގެ ދަށުން، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ރިޔާޒު އައްޔަންކުރެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. 

އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ، ކުރިން އެ ޒިންމާތައް އަދާކުރެއްވި އައިޝަތު ހަސަންގެ ދައުރު މިދިޔަ މަހު ހަމަވުމުންނެވެ.

ނިއުޒިލެންޑުން މެތަމެޓިކްސް އަދި އެޑިއުކޭޝަނަލް ސައިކޮލޮޖީން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ރިޔާޒު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ރިސާޗު އެނަލިސްޓަކަށް މަސައްކަތްކުރައްވައިފަ އެވެ.

ތަފާސް ހިސާބުގެ ގައުމީ އިދާރާގެ އިސްވެރިއަކަށް އައްޔަންކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ އާސަންދަ އޮފީހުގައި ޑޭޓާ އެނަލިސްޓަކަށެވެ. ރިޔާޒު ވަނީ ފަސް އަހަރަށް ވުރެ ގިނަ ދުވަހު އެ މަގާމު އަދާކުރައްވައިފަ އެވެ. 

އޭނާ މާސްޓާސް ހެއްދެވީ ވެސް ހިސާބުގެ ރޮނގުންނެވެ. 

އިޖުތިމާއީ، އިގުތިސާދީ އަދި ތިމާވެއްޓާ ގުޅޭ ކަންކަމުގެ ތަފާސްހިސާބު އެއްކުރުމާއި އެނަލައިޒްކުރުމަކީ ޗީފް ސްޓެޓިސްޓީޝަންގެ ދައުރެވެ. 

ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ހަރުދަނާކޮށް، މުހިއްމު މައުލޫމާތުތައް އެއް ހަމައެއްގައި އިތުބާރުހުރި ގޮތެއްގައި ފޯރުކޮށްދިނުމަކީ އެ ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މީގެ ފަސް އަހަރު ކުރިން އުފެއްދި ތަފާސް ހިސާބުގެ ގާނޫނުގައިވާ ގޮތުން ޗީފް ސްޓެޓިސްޓީޝަނަކީ ރައީސް އައްޔަންކުރައްވާ މަގާމެކެވެ. އެ މަގާމަށް ކަނޑައަޅާފައިވަނީ ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރަ އާއި އިނާޔަތްތަކެވެ.