ބަންގްލަދޭޝްގައި މަރުވި ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރާ ބެހޭގޮތުން އެކި ތުހުމަތުތައްކޮށް، އެކި ގޮތަށް ވާހަކަ ނުދެއްކުމަށް އޭނާގެ މަންމަ މިއަދު އެދިއްޖެ އެވެ.

ރައުދާގެ މަންމަ އާމިނަތު މުހައްރިމަތު ނެރުނު ބަޔާނެއްގައި ވަނީ އޭނާ މިހާރު ބޭނުންވަނީ ކޮންމެ މީހަކު ވެސް ދާން އޮތް ތަން ކަމުގައިވާ، މާތްﷲ ގެ ހަޟްރަތުގައި ރައުދާ ވެސް އޮތުމަށް ކަމަށާއި ދަރިފުޅަށް އިތުރަށް އުނދަގޫ ވާނެ ފަދައިން އެއްވެސް ފަރާތަކުން އަމަލު ނުކުރުމަކީ އެދުމެއް ކަމަށެވެ. ރައުދާގެ މަރާ ބެހޭގޮތުން އެކި މީޑިއާތަކުން އެކި ގޮތަށް ވާހަކަ ދައްކަމުން ދިއުމަކީ އޭގެ ސަބަބުން އޭނާއަށާއި ރައުދާގެ ކޮއްކޮއިންނަށް ވެސް އަސަރު ކުރާ ކަމެއް ކަމަށް މަންމަ ބުންޏެވެ.

"ރައުދާއާ ބެހޭގޮތުން ސާބިތުނުހިފޭ ވާހަކަތައް އަޑުއިވުމަކީ އަޅުގަނޑުމެންގެ އާއިލާ ކޮންމެ ދުވަހަކު ކަރުނަ އަޅާ ރޯ ކަމެކެވެ. އެކަންތައްތަކާ މެދު ރައުދާގެ ދެ ކޮއްކޮ އެތައް ސުވާލެއް އުފައްދާ ކަމެކެވެ. ރައުދާގެ މަރުގެ ހާދިސާ އަލުން ލޯމަތީގައި ހާމަވެގެންދާ ކަމެކެވެ،" ބަޔާނުގައި ވެ އެވެ.

ރައުދާއަކީ ދެވަނަ އަށް ނެތް ފަދަ ލޯބިވާ ދަރިއެއް ކަން ފާހަގަކޮށް، އޭނާގެ މަންމަގެ ބަޔާނުގައި ވަނީ ރައުދާ ބޭރަށް ކިޔަވަން ފޮނުވީ ގިނަ އުއްމީދުތަކާ އެކު ކަމަށް ވިޔަސް ﷲގެ ނިޔާފުޅު އޮތީ އެހެން ގޮތަކަށް ކަމަށެވެ. އަދި އެކަމާ މެދު ކެތްތެރިވާ ކަމަށް މަންމަ ބުންޏެވެ.

ރައުދާގެ މަރުގެ ހަގީގަތް އޭނާ އަށް ގަބޫލު ކުރެވޭނީ ރައުދާގެ އަނގައިން އެ ވާހަކަ ބުނާ ދުވަހަކުން ކަމަށާއި ކޮންމެވެސް ދުވަހަކު އެކަން ހާމަވާނެ ކަމަށް ވެސް މަންމަ ބުންޏެވެ.

"ރައުދާގެ މަރުގެ ހަގީގަތް މަހްޝަރުގެ ބިމުގައި އަޅުގަނޑަށް ހާމަވެގެން ދާނެ އެވެ. އޭނާއާ މެދު ހަމަކަށަވަރުން އިންސާފު ވެސް ލިބިގެންދާނެ އެވެ. މާތްﷲ ގެ ކިބަފުޅަށް ވަކީލުކޮށް، އަޅުގަނޑު އިންތިޒާރު ކުރަނީ އެދުވަހަށެވެ،" މުހައްރިމަތުގެ ބަޔާނުގައި ވެ އެވެ.

ރައުދާގެ މަންމަ ބުނީ، އޭނާގެ ދަރިފުޅުގެ ޕްރައިވެސީ އާއި ފަރުދީ ހައްގުތަކަށް އިހުތިރާމް ކުރުމަށް އެދޭ ކަމަށެވެ.

"ރައުދާ އަޅުގަނޑު ދޫކޮށްފައި ދިޔަ ފަހުން، ފާއިތުމިވީ 21 ދުވަހު ހިމޭނުން ހުރުމަށް ފަހު، މިއަދު އަޅުގަނޑު އެއްޗެއް މި ދަންނަވަނީ، ތިޔަ އެންމެ ބޭފުޅުންގެ އަރިހުން އެދޭ ވަރަށް ބޮޑު އެދުމަކާއިގެންނެވެ. ރައުދާ އަދި އޭނާގެ އެއްބަނޑުއެއްބަފާ 2 ކޮއްކޮގެ ހުރިހާ ކަމެއް، އެކަނިމައި އެކަނި ބަލަހައްޓަމުން ގެންދިޔަ މަންމައެއްގެ ހައިސިއްޔަތުންނެވެ. ރައުދާގެ ނަފުސާނީ އަދި ޖިސްމާނީ ހުރިހާ ކަމެއްގައި، އަދި ރައުދާގެ ހަޔާތުގައި ކުރިމަތިވި ހިތާމަ އާއި އުފަލުގައި އޭނާ ބެލެހެއްޓި އޭނާގެ މަންމަގެ ހައިސިއްޔަތުންނެވެ. އަދި ރައުދާ އަޅުގަނޑާ ވަކިވެގެން ދިޔަ ހާދިސާ ހިނގިއިރު، އޭނާ ކިޔަވަމުން ދިޔަ ކޯހުގެ މާލީ ހުރިހާ ޒިންމާއެއް އުފުލަމުން ގެންދިޔަ ބެލެނިވެރިއެއްގެ ހައިސިއްޔަތުންނެވެ. އޭނާ ދެކެ އިންތިހާ އަށް ލޯބިވާ، އެންމެ ތުއްތު އުމުރުން ފެށިގެން ބަލައި ބޮޑުކުރި މަންމައެއްގެ ހައިސިއްޔަތުންނެވެ،" ރައުދާގެ މަންމަގެ ބަޔާނުގައި ވަރަށް އަސަރާ އެކު ބުނެފައި ވެ އެވެ.

ދަންޖެހިފައި ހުއްޓާ ފެނުނު ރައުދާގެ މަރުގެ މައްސަލާގައި ޝައްކުތަކެއް އުފެދުމުން ދިވެހި ފުލުހުންނާއި ބަންގްލަދޭޝް ފުލުހުން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ. ރައުދާގެ އިތުރު ޕޯސްޓްމޯޓަމެއް ހެދުމަށް އޭނާގެ ގަބުރު ކޮނެގެން ނެގުމުގެ ހުއްދަ ބަންގްލަދޭޝްގެ ކޯޓަކުން އިއްޔެ ވަނީ ފުލުހުންނަށް ދީފަ އެވެ.

ރައުދާގެ ފުރަތަމަ ޕޯސްޓްމޯޓަމަށް ފަހު ބަންގްލަދޭޝް ފުލުހުން ފުރަތަމަ ނިންމީ ރައުދާ މަރުވީ އަމިއްލަ އަށް ކަމަށެވެ. އެކަމަކު އެކަން ގަބޫލުކުރަން ރައުދާގެ އާއިލާއިން ދެކޮޅު ހެދުމުން އިތުރު ޕޯސްޓްމޯޓަމަކަށް ދާން ނިންމީ އެވެ.