ޓްރެފިކް ޖޫރިމަނާގެ އަދަދު 5،000ރ. އަށް ވުރެ ބޮޑުވެއްޖެ ނަމަ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމާއި ބާތިލުކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް އަމަލުކުރަން ފަށައިފި އެވެ.
ކުރިން އޮންނަ ގޮތުން ލައިސަންސް ބާތިލުވާނީ އެއްގަމު އުޅަނދު ދުއްވުމަށް ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު ހަމަވުމުުގެ އިތުރުން، ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން ލައިސަންސުން ކްރެޑިޓް ޕޮއިންޓް އުނިކުރަމުން ގޮސް ކްރެޑިޓް ޕޮއިންޓް ހުސްވުމުންނެވެ.
އާ ގާނޫނުގައިވާ ގޮތުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށް އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ލައިސަންސް ހިފެހެއްޓޭނެ އެވެ. އެއީ؛
- ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފު އަމަލެއް ކުރުން.
- ގާނޫނުގައި ބަޔާންކުރާ ޝަރުތު އެ ފަރާތުގެ ކިބައިން އުނިވެއްޖެކަމަށް އެކަށީގެންވާ ސަބަބުތަކާ އެކު ގަބޫލުކުރެވުން.
- އެ ގާނޫނުގެ ދަށުން ދައްކަންޖެހި ނުދައްކާ ހުރި ފީ އާއި ޖޫރިމަނާ ފައިސާގެ އަދަދު 5،000ރ. ނުވަތަ އެއަށް ވުރެ ބޮޑުވުން.
ގާނޫނުގައިވާ ގޮތުން ލައިސަންސް ހިފެހެއްޓޭނީ އެފަދަ ހާލަތެއް އޮތްކަމަށް ޓްރެފިކް ފުލުހުން ކަނޑައެޅުމުން ނުވަތަ ލައިސަންސް ހިފެހެއްޓުމަށް ޝަރުއީ ކޯޓަކުން އަމުރުކުރުމުންނެވެ. މި ސަބަބުގެ މައްޗަށް ބިނާކޮށް މީހެއްގެ ލައިސަންސް ހިފަހައްޓާ ނަމަ، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން އެ މީހެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު އުނިވެއްޖެކަން މިނިސްޓްރީން ޔަގީންކުރަންޖެހެ އެވެ. އެ ޝަރުތު އުނިވެއްޖެ ނަމަ، އެ މީހަކަށް ދޫކޮށްފައިވާ ލައިސަންސް، ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެ މަތިން ބާތިލުކުރަންޖެެހެ އެވެ.
ވަގުތީ ގޮތުން ލައިސަންސް ހިފަހައްޓައިފި ނަމަ، އެ ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ނަމަ، ލައިސަންސްގެ ބަދަލުގައި 48 ގަޑިއިރަށް، އެއްގަމު އުޅަނދު ދުއްވުމުގެ ވަގުތީ ހުއްދައެއް، މިހާރު ވެސް ދޭ ގޮތަށް ދޭނެ އެވެ. އަދި ޖޫރިމަނާ ފައިސާ ރަސްމީ ބަންދު ދުވަސްތަކުގައި ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިނުވާ ނަމަ އެ 48 ގަޑިއިރުގެ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުލަ އެވެ.
އާ ގާނޫނުގައިވާ ގޮތުން، ލައިސަންސް އޮވެގެން ދުއްވަންޖެހޭ ނުވަތަ އޮޕަރޭޓްކުރަންޖެހޭ އެއްގަމު އުޅަނދެއް، ލައިސަންސް ނުހޯދައި ދުއްވުމަކީ ނުވަތަ ލައިސަންސްގެ މުއްދަތު ހަމަވެފައި ވަނިކޮށް ދުއްވުމަކީ ނުވަތަ ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ނުވަތަ ވަގުތީ ލައިސަންސެއް ނެތި ދުއްވުމަކީ މަނާކަމެކެވެ.
ލައިސަންސް ނެތި ދުއްވައިފި ނަމަ؛
- ފުރަތަމަ ފަހަރަށްނަމަ 1,000ރ. ރުފިޔާއިން ޖޫރިމަނާކުރުން.
- ދެވަނަ ފަހަރަށްނަމަ 1,500ރ. ރުފިޔާއިން ޖޫރިމަނާކުރުން.
- ތިންވަނަ ފަހަރަށްނަމަ 2,000ރ.ރުފިޔާއިން ޖޫރިމަނާކުރުން.
އަދި އެއަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް އެންމެ ފަހުން ކުރެވުނު ޖޫރިމަނާގެ ދެގުނަ އިތުރުވާ ގޮތުގެމަތިން ޖޫރިމަނާކުރާނެ އެވެ.
ލައިސަންސް އޮވެގެން ދުއްވަންޖެހޭ ނުވަތަ އޮޕަރޭޓްކުރަންޖެހޭ އެއްގަމު އުޅަނދެއް، ލައިސަންސް ނުހޯދައި އުޅަނދު ދުއްވައިފި މީހަކު މިގޮތަށް ޖޫރިމަނާކުރުމުގެ އިތުރުން އެ ދުއްވި އުޅަނދު ގިނަވެގެން 30 ދުވަހުގެ މުއްދަތަށް ހިފަހައްޓަންޖެހޭ ގޮތަށް ވެސް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ. އަދި އުޅަނދުގެ ވެރިމީހާ ވެސް 2،000ރ. އިން ޖޫރިމަނާކުރާނެ އެވެ.
ގާނޫނާ ހިލާފަށް ޕާކްކުރާ ނަމަ މި ގާނޫނުގައި ވަނީ ކޮންމެ ފަހަރަކު 500ރ. އިން ޖޫރިމަނާކުރާ ގޮތަށެވެ. އަދި ޑީމެރިޓް ޕޮއިންޓް އެ ފަރާތުގެ އެއްގަމު އުޅަނދުގެ ލައިސަންސްގައި ރެކޯޑްކުރަން ޖެހެ އެވެ. މީގެ އިތުރުން ވަކި ހާއްސަ ތަންތަނެއް ކަނޑައަޅައި އެ ތަންތަނުގައި ޕާކްކޮށްފި ނަމަ 1،500ރ. އިން ޖޫރިމަނާކުރެވެ އެވެ. އެ ތަންތަނަކީ؛
- ގޯޅި ނުވަތަ މަގެއްގެ ނިކުންނަ ކަންމަތި.
- ސްކޫލްތައް ކައިރީގައި ޕާކުކުރުމަށް ކަނޑައެޅިފައިވާ ޒޯންތައް ފިޔަވައި އެހެނިހެން ސަރަހައްދުތައް.
- ބަސް ހުއްޓުމަށް ކަނޑައެޅިފައިވާ ޒޯންތައް.
- ކަފިހިހުރަސް.
ވެހިކަލް ދުއްވަމުން، އެ ވެހިކަލެއް ދުއްވުމުގެ ލައިސަންސް ނެތް މީހަކަށް ވެހިކަލްގެ ކޮންޓްރޯލް ދިނުމަކީ ވެސް މި ގާނޫނުގައި ބޮޑެތި ޖޫރިމަނާ ކަނޑައަޅާފައިވާ ކަމެކެވެ. އުޅަނދުގެ ކޮންޓްރޯލް، ކުޑަކުއްޖަކާ ނުވަތަ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިނުވާ ފަރާތަކާ ހަވާލުކުރުން އަދި އުޅަނދުގެ ކޮންޓްރޯލް، ފަސިންޖަރުންގެ ސީޓެއްގައިވާ މީހަކާ ހަވާލުކޮށްފި ނަމަ 25،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެ އެވެ. އަދި މިފަދަ ކުށެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ވެއްޖެ ނަމަ ކުޑަބޮޑުމިނަށް ބަލައި 50،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ އެވެ.
ފަރުވާކުޑަކޮށް ނުވަތަ ނުރައްކާކޮށް ދުއްވައިފި ނަމަ ވެސް 25،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެ އެވެ. އަދި އެފަދަ އަމަލެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ވެއްޖެ ނަމަ މި ޖޫރިމަނާ 100،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކަށް ބޮޑުވެ އެވެ.