އައިޖީއެމްއެޗްގައި މެޑިކަލް އިންޓާންޝިޕް ހަދަން މިއަދު ހުޅުވާލައިފި އެވެ.

އެ ހޮސްޕިޓަލުން ކުރި އިއުލާނުގައި ވަނީ އިންޓާންޝިޕްގެ 13 ވަނަ ބުރުގައި ބައިވެރިވާން އެދޭ ޑޮކްޓަރުން މި މަހުގެ 24ގެ ކުރިން، ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ނޭޝަަލް ހެލްތު ކެއާ އެކަޑެމީއަށް ފޯމު ހުށަހަޅަން މުއްދަތު ދީފަ އެވެ. 

އަންނަ މަހުގެ 11 ވަނަ ދުވަހު ފަށާ އިންޓާންޝިޕަށް ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 12:00 އަށެވެ.

އިންޓާންޝިޕަށް ކުރިމަތިލާއިރު ކޮލެޖުން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ ހުށަހަޅަންޖެހެ އެވެ. އެ ކޮޕީއަކީ އެމްކިއުއޭއިން އެކްރެޑިޓްކޮށްފައިވާ ކޮޕީއަކަށް ވާންޖެހެ އެވެ. އަދި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ އާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް ހުށަހަޅަން ޖެހެ އެވެ.

އައިޖީއެމްއެޗްގައި އިންޓާންޝިޕަށް އާއްމުކޮށް ހުޅުވާލަނީ 15 ޖާގަ އެވެ. ނަމަވެސް، މި ފަހަރު އެ އަދަދު ވަނީ 24 އަށް އިތުރުކޮށްފަ އެވެ. 

އިއުލާނުގައި ބުނީ ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ކުރިމަތިލައިފިނަމަ، އިންޓާންޝިޕުން އިސްކަން ދޭނީ އެމްބީބީއެސް ނިންމިތާ ގިނަ ދުވަސްވެފައިވާ މީހުންނަށެވެ. 

ޑޮކްޓަރުންގެ މުސާރައިގެ އާ އޮނިގަނޑުގައި ވަނީ އިންޓާން ޑޮކްޓަރުންނަށް 10،000ރ. ގެ އެލަވަންސެއް ކަނޑައަޅައިފަ އެވެ. އެއާ އެއްގޮތަށް، ސަރުކާރު ހޮސްޕިޓަލުތަކުގައި އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ވެސް އެ އެލަވަންސް ލިބޭނެ އެވެ.

އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލާއި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ވެސް މެޑިކަލް އިންޓާންޝިޕް ގެންދެ އެވެ. އަމިއްލަ ހޮސްޕިޓަލަކަށް އެ ޕްރޮގްރާމް ގެންދަނީ އޭޑީކޭގައި އެކަންޏެވެ.