ސަރުކާރުން ހަދާ ރިސޯޓުތަކުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ހުރިހާ ދިވެހިންނަކީ ރިސޯޓު ހިއްސާދާރުންގެ ގޮތުގައި ކަނޑައަޅައި، ޑޮލަރު ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށާއި 10 ރިސޯޓެއް ހަދާނެ ތަންތަން ވެސް މި ހަފުތާގައި ކަނޑައަޅައި ނިމޭނެ ކަމަށެވެ.
"އިރާދަކުރެއްވިޔާ ހަމަ އުއްމީދަކީ ނޮވެމްބަރު މަހުގެ ތެރޭގައި މީގެ ބައެއް މަޝްރޫއުތައް ފެށިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
މީގެ ނަތީޖާއަކަށް ވާނީ ތިއިން ކޮންމެ ބޭފުޅަކު ވެސް ކޮންމެ ދިވެހި ރައްޔިތަކީ ވެސް ރިސޯޓް ޝެއާ ހޯލްޑަރަކަށް ވާނެ. އަދި ކޮންމެ ބޭފުޅެއްގެ އެކައުންޓަށް، މި ރިސޯޓުތައް ހުޅުވިގެންދިޔައީމަ ޑޮލަރުން ފައިސާ ޖަމާވާނެ."
ސަރުކާރުގެ ކުންފުންޏަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށާއި އެ އިން ލިބޭ ފައިދާއިން ކޮންމެ ދިވެއްސަކަށް އަހަރަކު 400 ޑޮލަރު ދޭން ފަށާނެ ކަމަށް ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
ރައީސް އެ ދުވަހު ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ސިނާއަތް ރަސްމީކޮށް ފެށިތާ 50 އަހަރު ވީއިރު ވެސް އެކަމުން ދިވެހިންނަށް ސީދާ ގޮތެއްގައި މަންފާ ލިބޭނެ އެއްވެސް މަގެއް ފަހިވެފައި ނުވާ ކަމަށެވެ.
ރާއްޖޭގެ އިގުތިސާދުގައި އެންމެ މުހިންމު އެއް ދާއިރާއަކީ ޓޫރިޒަމް ސިނާއަތް ކަމަށް ވާއިރު އަމިއްލަ ފަރާތްތަކުން ރިސޯޓުތައް ހިންގަމުން ދަނީ ވެސް ގުދުރަތީ އެސެޓުތައް ދިގު މުއްދަތަކަށް ކުއްޔަށް ނަގައިގެން ކަމަށް ވިޔަސް ރިސޯޓު ވިޔަފާރިގެ ފައިދާ ސީދާ ލިބެން ޖެހޭނީ ދިވެހިންނަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި، އެ މަޝްރޫއުން ތަރައްގީކުރާ 10 ރިސޯޓުގެ ހިއްސާދާރުންނަކީ ދިވެހިން ކަމަށް ގާނޫނުން ހަމަޖައްސާނެ އެވެ. އަދި ނަތީޖާއަކީ އެ މަޝްރޫއުން ތަރައްގީކުރާ ރިސޯޓުން ލިބޭ ފައިދާ ކޮންމެ ދިވެއްސަކަށް އަހަރުން އަހަރަށް ލިބި، ރިސޯޓުތަކުގެ ފައިދާގެ ހިއްސާ ދިވެހިން ލިބުމެވެ.
ރިސޯޓުތައް ހަދަން ނިންމައި، 2030 ވަނަ އަހަރުން ފެށިގެން ކޮންމެ ދިވެއްސެއްގެ އެކައުންޓަށް މަދުވެގެން 400 ޑޮލަރު ޖަމާކުރަން ފަށާނެކަން ވެސް ރައީސް އެ ދުވަހު އިއުލާން ކުރެއްވި އެވެ.
"ހިސާބު ހަދާލާއިރު ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އިރާދަކުރެއްވިއްޔާ އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވެގެންދާނެ. މިސާލަކަށް ފަސް މެމްބަރުންގެ އާއިލާއެއް ނަމަ، ކޮންމެ މެމްބަރެއް، މަދުވެގެން 10 ރިސޯޓުގެ ޝެއާ ހޯލްޑަރަކަށް ވުމުގެ އިތުރުން އެ އާއިލާއަކަށް މަދުވެގެން 2،000 އެމެރިކާ ޑޮލަރު ލިބިގެންދާނެ،" ރައީސް ވިދާޅުވެފައިވެ އެވެ.