އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގައި މާލެއަށް ވަކި އިންތިޒާމެއްތަކެއް ހިމަނައި ވަކި އޮފީހެއް ގާއިމްކުރަން ކަނޑައެޅީ މާލެއަށް ކުރިމަތިވެފައިވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އެހެން ގޮތަކަށް ހައްލުނުވާނެތީ ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާބްރީފިންގައި ސައީދު ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި މި އަހަރު ފަށާނެ ކަމަށާއި މަގުތައް ޒަމާނީ ވާއިރު ޓްރެފިކްގެ މައްސަލަ ވެސް ހައްލުވާން ޖެހޭ ކަމަށެވެ. އެއީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ތަސައްވުރެއް ކަމަށާއި މުޅި މާލެއަކީ ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް އޭރިއާއަކަށް ހެދީ އެ ތަސައްވުރު ހަގީގަތަކަށް ހަދަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުޅި މާލެއަކީ ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނަކަށް ހަދައިގެން ނޫން ގޮތަކަށް މި މައްސަލައަށް [މާލޭގެ ޓްރެފިކް މައްސަލައަަށް] ހައްލެއް ހޯދަން ދަތިވާނެ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނުގައި އެގޮތަށް ކަނޑައެޅީ ވަރަށް ގިނަ ބަޔަކާ މަޝްވަރާ ވެސް ކޮށްގެން ކަމަށާއި އޭގެ ތެރޭގައި އާއްމުންނާއި ވިޔަފާރިވެރިންނާއި ދައުލަތުގެ ގިނަ އަދަދެއްގެ މުއައްސަސާތައް ހިމެނޭ ކަމަށެވެ. އެހާ ގިނަ ބަޔަކާ މަޝްވަރާކުރާ އިރު ހިޔާލުތަފާތުވުންތައް ވެސް ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މުޅި ގާނޫނުގެ ވެސް މަގުސަދަކީ އާއްމު ފަރުދެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށާއި މާލެ ސަރަހައްދަކީ ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނެއް ކަމަށް ކަނޑައެޅީ ވެސް އެކަމަށް ބަލައިގެން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"ފަށާއިރުގައި މާލެ ސަރަހައްދު، ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނަކަށް މި ވަނީ. އޭގެ މާނަައަކީ ރެޖިސްޓާ ނުުކުރެވޭނެ ޒޯނެކޭ ނޫން. އޭގެ މާނަައަކީ ރެޖިސްޓާ ކުރެވޭނެއޭ، އެެހެން ނަމަވެސް ވަކި މިންގަނޑުތަކެއްގައި، ވަކި ގޮތަކަށް ކަންކަން އިންތިޒާމްކުރެވިގެން ކަންކަން ކުރުމުގެ ރޫހު ހުރިހާ ބޭފުުޅުންގެ ވެސް ހުންނަން ވާނެއޭ،"  ސައީދު ވިދާޅުވި އެވެ.

މާލެ ނޫން އެހެން ސަރަހައްދެއް ވެސް ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނަކަށް ހެދިދާނެ ކަމަށާއި އެކަން އެގޮތަށް ކުރަން ސިޓީކައުންސިލަކުން ނިންމައި ސަރުކާރަށް ހުށަހެޅުުމުން ރައީސް ކަނޑައަޅުއްވާ އިންތިޒާމްތަކެއްގެ ދަށުން އެކަން ކުރިއަަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުން މި ދިޔަ މަހު ފާސްކުރި އެއްގަމުދަތުރުފަތުރުގެ އާ ގާނޫނުގައިވާ ގޮތުން މާލޭގައި އެއްގަމު ދަތުރުފަތުރާ ގުޅޭ ހުރިހާ ކަމެއް ކުރާނީ އެ ގާނޫނުގެ ދަށުން ގާއިމްކުރާ ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ނަމުގައި ގާއިމްކުރާ ވަކި އޮފީހަކުންނެވެ. އަދި ގާނޫނުގައި މާލެއަށް ހާއްސަކޮށް ބައެއް ކަންކަން ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި، އެކެއްގެ ނަމުގައި އެއް ވެހިކަލަށް ވުރެ ގިނައިން ރަޖިސްޓްރީކުރާ ނަމަ އިތުރު ފީއެއް ނެގުން ފަދަ ބައެއް ކަންކަން ވެސް ހިމެނެ އެވެ.