ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒުގެ މަގާމު ސީނިއާ މިނިސްޓަރު ފެންވަރަށް މަތިކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިރޭ ވިދާޅުވީ ފަޔާޒުގެ މަގާމު މަތިކުރެއްވީ މި ހަފުތާގެ ތެރޭގައި ކަމަށެވެ.

އޭނާގެ މަގާމު މަތިކުރެއްވީ ސީނިއާ މިނިސްޓަރެއްގެ ފެންވަރަށް ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ސީނިއާ މިނިސްޓަރުގެ ފެންވަރުގައި، މި ސަރުކާރުން އައްޔަން ކުރެއްވީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އެ މަނިކުފާނު މަޖިލީހުގެ މެމްބަރުކަމަށް ހޮވިވަޑައިގަތް ފަހުން، ސީނިއާ މިނިސްޓަރު ފެންވަރުގެ މަގާމެއްގައި އެހެން އެއްވެސް ބޭފުޅަކު ނުހުންނަވަ އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފުގެ މަގާމަށް ފަޔާޒު އައްޔަން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމާ އެކު ނޮވެމްބަރު 2023 ގަ އެވެ. 

ފަޔާޒަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވުމަށް ފަހު 2020 ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ.

ފަޔާޒު ވަނީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. އަދި އެއީ ރައީސް މުއިއްޒު އެންމެ އިތުބާރު ކުރައްވާ ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރީގައި އުޅުއްވާ އެއް ބޭފުޅާ ވެސް މެ އެވެ.