އަހަރުގެ އެންމެ މޮޅު އިންޖީނިއަރުގެ އެވޯޑު، ހަކަތައިގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކޮށްފައިވާ ޑރ. ފުރުގާން އިބްރާހިމަށް މިރޭ އަރުވައިފި އެވެ.
ބާސެލޯ ނަސަންދުރާ ހޮޓެލްގައި ބޭއްވި އިންޖީނިއާސް އެވޯޑު ރަސްމިއްޔާތުގައި، އެމްޑަބްލިއުއެސްސީގެ ޖެނެރަލް މެނޭޖަރަކަށް މަސައްކަތްކުރައްވާ ފުރުގާނަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެސިސްޓެންޓް މެކޭނިކެއްގެ ގޮތުގައި މީގެ 20 އަހަރު ކުރިން އެމްޑަބްލިއުއެސްސީއާ ގުޅިވަޑައިގެންނެވި ފުރުގާން ވަނީ ސިންގަޕޫރުގެ ގައުމީ ޔުނިވާސިޓީން މެކޭނިކަލް އިންޖީނިއަރިންގެ ރޮނގުން ޑިގްރީ އަދި އެނާޖީ ޓެކްނޮލޮޖީ އެންޑް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވައިފަ އެވެ.
އޭނާ ވަނީ އެމްޑަބްލިއުއެސްސީގެ އޮޕަރޭޝަންސް ޑިވިޝަންގެ ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވައިފަ އެވެ.
އެނާޖީ ޓެކްނޮލޮޖީގެ ދާއިރާއިން ޕީއެޗްޑީ ފުރިހަމަކުރެއްވި ފުރުގާން މި ވަގުތު ހުންނެވީ ފެން ކުންފުނީގެ ރިސްކު އެންޑް ކޮމްޕްލަޔަންސްގެ ޖެނެރަލް މެނޭޖަރަކަށެވެ.
އޭގެ އިތުރުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑު، އިންޖީނިއަރިންގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވި ތިން ބޭފުޅަކަށް ވަނީ އަރުވައިފަ އެވެ. އެއީ؛
- އަބްދުއްޝަކޫރު ސޯލިހު: ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރުކަމާއި ދައުލަތުގެ ގިނަ މަގާމުތައް ފުރުއްވި ސޯލިހު ވަނީ ރާއްޖޭގައި ކަރަންޓު އުފެއްދުމާއި ފޯރުކޮށްދިނުމާއި އެ ދާއިރާގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް އަދި އެ ދާއިރާއިން މުވައްޒަފުން ތަމްރީނުކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާފައި.
- މަރުހޫމް އަހުމަދު މަހުރީން: އިންޖީނިއަރިން އަދި އޭވިއޭޝަން އިންފްރާސްޓްރަކްޗާ ދާއިރާއަށް 40 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި. އޭނާ ވަނީ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައި ގައުމުގެ އެކި ކަންކޮޅުތަކުގައި ހިންގި އުމްރާނީ ތަރައްގީގެ މުހިއްމު މަޝްރޫއުތަކެއްގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައި.
- މަރުހޫމް މުހައްމަދު ރަޝީދު: އެޕްރެންޓިސްޝިޕެއްގެ ގޮތުގައި ސްޓެލްކޯއަށް ގުޅިވަޑައިގެންނެވި ރަޝީދު ވަނީ އެ ކުންފުނީގެ ޗެއާމަންކަމުގެ މަގާމު ފުރުއްވާފައި. އޭނާ ވަނީ ރާއްޖޭގެ ކަރަންޓުގެ ދާއިރާއަށް 50 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައި.
އެވޯޑު ހާސިލްކުރި އިތުރު އިންޖީނިއަރުން؛
- ޔަންގް އިންޖިނިއާ އެވޯޑު: މުހައްމަދު ޒިދާން ހަސަން. ވިލާ ކޮލެޖުން މަތީ ތައުލީމް ހާސިލްކޮށްފައިވާ ޒިދާން މި ވަގުތު މަސައްކަތްކުރަނީ އެމްއޭސީއެލްގައި.
- އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިޔުކޭޝަން އެންޑް ރިސާޗް އެވޯޑުު: ޑރ. ފުރުގާން.
- ސަސްޓެއިނެބިލިޓީ ޗެމްޕިއަން އެވޯޑުު: އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދިޔަ އިރުގެ ހަކަތަ އާއި އެންއެސް ބެޓެރި ބޭނުންކޮށްގެން ޑީކާބަނައިޒްޑް ސީވޯޓާ ޑީސަނަލައިޒޭޝަން ސިސްޓަމް ގާއިމްކުރުމުގެ ޕްރޮޖެކްޓް.
- ސްޓޫޑެންޓް އިނޮވޭޓާ އެވޯޑު: ހުސެއިން ޖައުޝަން. މެލޭޝިޔާގައި މެކޭނިކަލް އިންޖީނިއަރިން ކިޔަވާ ޖައުޝަން ވަނީ ސިއްހީ ދާއިރާ އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެކި ތަކެތި އުފައްދާފައި.
- ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު: އެމްޑަބްލިއުއެސްސީ. މި އެވޯޑު ލިބުނީ ދުވާފަރުގައި ހިންގި އިންޓެގްރޭޓެޑް ޔުޓިލިޓީ ޕްރޮޖެކްޓަށް.
- ވިމެން އިން އިންޖިނިއަރިން އެވޯޑު: އަސްރާރު. ސިވިލް އިންޖީނިއަރަކަށް 15 އަހަރު ގިނަ ދުވަހު މަސައްކަތްކޮށްފައިވާ އަސްރާރަކީ ރާއްޖޭގެ ފުރަތަމަ ޗާޓާޑު އަންހެން ސިވިލް އިންޖީނިއަރު.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، އިންޖީނިއަރުންނަކީ ގައުމު ބިނާކުރާ، މި ގައުމުގެ އާއްމު ދިރިއުޅުމާއި އިގުތިސޯދު، އެ ބައެއްގެ ބުރަ މަސައްކަތަށް ބިނާވެފައިވާ ފަހުލަވާނުން ކަމަށެވެ.
މުއްތަލިބު ވިދާޅުވީ އިންޖީނިއަރުންގެ ދުވަސް ފާހަގަކުރަން މި އަހަރު ބޭއްވި ހަރަކާތްތަކުން، އެފަދަ ފަންނުވެރި މަސައްކަތްތައް ދައްކައި، އެ ކަންތައް ކިޔައިދިނުމަކީ ދަރިވަރުން މަހުރޫމް ކޮށްފައިވާ ކަމެއް ކަން އެނގުނު ކަމަށެވެ.
މިގޮތުން، ކޮންމެ ރަށެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ހިނގާއިރު އެކަންކަން އެ ކުދިންނަށް ކިޔައިދިނުމަށް އެއްވެސް ސަމާލުކަމެއް ދެވިފައިނުވާ ކަމަށާއި، މި އަހަރު އެކަން ފުޅާދާއިރާގައި ހިންގިފައިވާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ފާހަގަކުރި އިންޖީނިއަރުންގެ ދުވަހާ ގުޅުވައި މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުން ސިނަމާލެ ބްރިޖު ސައިޓަށް އަދި ރަށްރަށުގައި އިންޖީނުގެތަކާއި ފެން ޕްލާންޓު އަދި އެކި މަޝްރޫއުތައް ހިންގާ ސައިޓުތަކަށް ދަރިވަރުން ޒިޔާރަތްކުރި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ކުދިން ބްރިޖު ސައިޓަށާއި ރަށްރަށުގައި ހިނގަމުންދާ މަޝްރޫއުތަކުގެ ސައިޓުތަކަށް ގެންގޮސް، މަސައްކަތް ގެންދާ ގޮތް ކިޔައިދީފައިވާ ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖީނިއަރުންގެ އެވޯޑަށް 10 ކެޓަގަރީއަކުން ހުޅުވައިލި އެވެ. އެ ކެޓަގަރީތަކަށް 70 އަށްވުރެ ގިނަ ހުށަހެޅުން ލިބުނަސް މިރޭ އެވޯޑު ދީފައިވަނީ އޭގެ ތެރެއިން އަށް ކެޓަގަރީއަކުންނެވެ.