ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ރޭ ފަށައިފި އެވެ. 

އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި، 38 ވަނަ ގައުމީ މުބާރަތް ރަަސްމީކޮށް ފައްޓަވައި ދެއްވަަމުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ކީރިތި ގުރުއާނުގެ އިލްމު އުނގަންނައިދީ، ކުދިންގެ ހިތްތަކުގައި ގުރުއާން ކިޔެވުމުގެ ރީތި އާދަ އަށަގަންނުވައި އަދި ބޮޑުވަމުން އަންނަ ޖީލަކީ ގުރުއާނާ ގާތް ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މުޅި މުޖުތަމައު އަދާކުރަންޖެހޭ މުހިއްމު ޒިންމާއެއް ކަމަށެވެ.

އެ މަނިކުފާނު ވަނީ މުބާރާތުގެ ނަތީޖާއަށް ވުރެ ބޮޑަށް، ގުރުއާނަށް ކުދިންގެ ހިތްތަކުގައި އޮތް ލޯބި ދެމެހެއްޓުމަށް ބާރުއެޅުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ފަހަރުގެ މުބާރާތް ބާއްވަނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ކަމަށެވެ.

އޭގެ ތެރެއިން މާލެ ސަރަހައްދާއި ރާއްޖޭގެ 20 ސަރަހައްދެއްގައި މުބާރާތުގެ އޮޑިޝަން ބުރު ބާއްވާފައި ވެ އެވެ. އެ ބުރުގައި 2،742 ބައިވެރިން ކިޔެވިއިރު، ސެމީ ފައިނަލަށް ދަތުރުކުރީ 379 ދަރިވަރުންނެވެ.

ސެމީ ފައިނަލްގެ ކިޔެވުން އޮންނާނީ މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އަދި ފައިނަލް ބުރުގެ ކިޔެވުން އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އޮންނާނެ އެވެ.

ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ފާހަގަކޮށްލެވޭ މުބާރާތަކަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ ކަމެއް ކަން އިސްލާމިކް މިނިސްޓްރީން ފާހަގަކުރެ އެވެ.