ކީރިތި ގުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ އެއްވަނަ އިސްމާއީލް އިޒުއާން އިބްރާހީމް، އާޔަން އަހްމަދު އިނާން އަދި އާއިޝަތު ޒީކް ރިޔާޒް ރޭ ހޯދައިފި އެވެ.

މުޅި މުބާރާތުން އިޒުއާން އެއްވަނަ ހާސިލްކުރީ ހާފިޒުންގެ ގޮފިންނެވެ. މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން ޒީކް އެެއް ވަނަ ހާސިލްކޮށްފައިވާއިރު، އާޔަންއަށް އެއްވަނަ ލިބުނީ ބަލައިގެން ކިޔެވުމުގެ ގޮފިންނެވެ. 

މުޅި މުބާރާތުން އެއްވަނަ ހޯދި ބައިވެރިންނާ އިނާމުތައް ހަވާލު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މި އަހަރުގެ މުބާރާތުގެ ރަން ވަނަތަކަށް އަގުހުރި ގިނަ އިނާމުތަކެއް ދީފައި ވެ އެވެ. އޭގެ ތެރޭގައި ރައީސް ދެއްވި ޝަރަފުގެ ފިލަ އާއި 100،000ރ. ފައިސާގެ އިނާމުގެ އިތުރުން، ބޭނުން ރޮނގަކުން ބޭނުން ގައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް ދިން ހާއްސަ ސްކޮލަޝިޕް ހިމެނެ އެވެ.

ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ކުދިން.---ފޮޓޯ: ރައީސް އޮފީސް
ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ކުދިން.---ފޮޓޯ: ރައީސް އޮފީސް

އޭގެ އިތުރުން، ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒާއި ޒަކާތު ހައުސް އަދި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން އިސްލާމިކް މިނިސްޓްރީން ހުށަހެޅި 75،000ރ. ގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީ އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ދިން އުމްރާ ދަތުރު ވަނީ ހަވާލުކޮށްފަ އެވެ.

މި ފަހަރުގެ މުބާރާތް ބޭއްވީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ކަމަށެވެ.

އޭގެ ތެރެއިން މާލެ ސަރަހައްދާއި ރާއްޖޭގެ 20 ސަރަހައްދެއްގައި މުބާރާތުގެ އޮޑިޝަން ބުރު ބާއްވާފައި ވެ އެވެ. އެ ބުރުގައި ޖުމްލަ 2،742 ބައިވެރިން ވަނީ ކިޔަވައިފަ އެވެ.

ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކޮށްމ ފާހަގަކޮށްލެވޭ މުބާރާތަކަށް ހެދުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމެއް ކަން އިސްލާމިކް މިނިސްޓްރީން ފާހަގަކުރެ އެވެ.