ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފަކީ ސިޔާސީ މަގާމެއްގައި އުޅުއްވި ބޭފުޅަކަށް ވާތީ މިނިވަންކަމާ އެކު މަސައްކަތް ކުރައްވާނީ ކިހިނެއްތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ސުވާލު އުފެއްދެވުމުން އެމަނިކުފާނުގެ ވެރިކަމުގައި މީހުން ފްރޭމްކުރި ގޮތުގެ ހަނދާން، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ކުރީގެ މެންބަަރު ސައުދު ހުސައިން މިއަދު އާކުރައްވައިފި އެވެ.
ޕީއެންއެފުން ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ "ޕްރޮސެކިއުޓާ ޖެނެރަލް ނެރުނީ ސިޔާސީ ހާލީގެ ތެރެއިން" ކަމަށެވެ. އެހެންވީމާ ޕްރޮސެކިއުޓާ ޖެނެރަލަށް އިތުބާރު ކުރާނީ ކިހިނެއްތޯ އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.
"އެއީ ކުރީގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރެއް. މުއިއްޒު ވިދާޅުވި ގޮތަކަށް ވިދާޅުވި ކަމެއް ކުރައްވަނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައުދު ވިދާޅުވީ ފަހުގެ ތާރީހުގައި ވެރިކަން ކުރައްވާފައިވާ ބައެއް ބޭފުޅުންނަށް އެބޭފުޅުން ވެރިކަން ކުރެއްވި ގޮތް ހަދާންނެތުނީތޯ ސުވާލު އުފެދޭ ކަމަށެވެ. ނުވަތަ އެގޮތަށް ވާހަކަ ދައްކަވަނީ ރައްޔިތުންނަކީ މޮޔައިން ކަމަށް ދެކެވަޑައިގަންނަވާތީތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
"...ޕްރޮސެކިއުޓަރ ޖެނެރަލް ބޭނުންކޮށްގެން އެ ބޭފުޅާ އާއި ޚިޔާލު ތަފާތުވާ އެންމެންނަށް ނުހައްގު ދައުވާ ކުރުމާއި ސިޔާސީ ގިނަ ބަޔަކު ފުރޭމްކޮށް ޖަލަށްލާ ހިންގެވީ އަނދިރި ދައުލަތެއް. ވިސްނާ ބަޔަކަށް އިބުރަތެއް،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ސައުދު ވިދާޅުވި އެވެ.
ޔާމީނަށް ސައުދު އެގޮތަށް ރައްދު ދެއްވިއިރު ޔާމީނުގެ ވެރިކަމުގައި ސައުދަށް އެކި ތުހުމަތުތައްކޮށް ޖަލަށްލި ނަމަވެސް އެއިން އެއްވެސް ތުހުމަތެއް ސާބިތެއް ނުވެ އެވެ. އަދި ޔާމީނުގެ ވެރިކަމުގައި ސައުދު ފުރަތަމަ ބަންދުކުރީ މެންބަރުކަން ގެއްލިފައިވާ ކަމަށް ސަރުކާރުން ކަނޑައަޅައިގެން އުޅުނު ދުވަސްވަރު ރައްޔިތުންގެ މަޖިލީހަށް ސައުދު ވެދެވަޑައިގެންނެވުމުންނެވެ.
އޭރުގެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމް ދެބައިވިއިރު ސައުދާއި އެހެން 11 މެންބަރަކު ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވަނިކޮށް، ސުޕްރީމް ކޯޓުން ނެރުނު ރޫލިއަކާ ހަވާލާދީ އެ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނާއި ސަރުކާރުން މާނަކުރި އެވެ.
އެ މައްސަލައިގެ އިތުރުން ފަނޑިޔާރަކު އަވަހާރަކޮށްލަން އުޅުނު ކަމަށް ވެސް ސައުދަށް ތުހުމަތުކޮށް އެ މައްސަލާގައި ވެސް އޭނާ ބަންދުކުރި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްއާ ބެހޭގޮތުން ޔާމީން ދެއްކެވި ވާހަކަފުޅަށް މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވެސް އެކްސްގައި ރައްދު ދެއްވި އެވެ.
އޭނާ ވިދާޅުވީ ޔާމީނުގެ ވެރިކަމުގައި ޕްރޮސެކިއުޓާ ޖެނެރަލެއް ހޮވަން އުޅުއްވި ގޮތާއި ހިންގެވި އެހެން ކަންތައްތައް ރާއްޖޭގެ އިލްމީ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަަމަށެވެ.
"ރާއްޖޭގައި ކިޔަވައިގެން ތިއްބެވި ވަރަށް ގިނަ އިލްމީ ބޭފުޅުން މަނިކުފާނަށް އެބަ މަލާމާތް ރައްދު ކުރެއެވެ. އެބޭފުޅުންނަށް މަނިކުފާނު ފަނޑިޔާރު ގެއާއި އެގޭ ފުރާޅާއި އެގޭގައި ވާހާ ބަޔަކަށް ހެދިގޮތާއި ޤާނޫނު ހަދާ ގެޔާއި އެގެ ވަށައިގެން މަނިކުފާނުގެ އޯޑަރަށް ހިންގި ކަންކަމާއި އެގޭ ތެރެއިން ޕްރޮސިކުޓާ ޖެނެރަލެއް ހޮވަން މަނިކުފާނު އުޅުއްވި ގޮތާއި މިނިވަން މުއައްސަސާ ގެތަކާއި މަނިކުފާނާ ދެކޮޅަށް ޚަބަރު ފަތުރާ މީޑިއާތަކަށް ހެދިގޮތް ސާފުކޮށް އެގެއެވެ،" އެެކްސްގައި ކުރެއްްވި ޕޯސްޓްގައި ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔާމީނަށް ކުރެެއްވިފައިވާ ކަންތައްތައް އަބަދު ހަނދާންކޮށްދޭން ޖެހުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.