ހއ. ދިއްދޫގައި ރޭގަނޑު ކުޑަކުދިން އެކަނި ބޭރަށް ނުކުމެ އުޅޭތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ރަށު ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނީ ގައުމު ބިނާކުރުމުގައި އާއިލާގެ ދުޅަހެޔޮކަން ދަމަހައްޓައި، އަންނަން އޮތް ޖީލުތަކުގެ ދައުރު މުހިންމުވުމުން އެ ޖީލުތައް ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރަން މިއަދުގެ ކުޑަކުދިންގެ ޖިސްމާނީ، ނަފްސާނީ، ރޫހާނީ، ފިކުރީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ރައްކާތެރިކުރަން ބާރުއެޅުމަކީ މުހިންމު ފަރުދީ ޒިންމާއެއް ކަމަށެވެ.

ނަމަވެސް، އެއްވެސް ބޭނުމެއް ނެތި ރޭގަނޑު 9 ގެ ފަހުން ބެލެނިވެރިއެއް ނެތި 18 އަހަރުން ދަށުގެ ކުދިން ރަށު ތެރޭގައި އުޅޭކަން ފާހަގަކުރެވޭ ކަމަށް އިއުލާނުގައިވެ އެވެ.

އެއީ އިޖުތިމާއީގޮތުން ނޭދެވޭ އަސަރުތައް ކޮށް، އަހުލާގީ އެތައް މައްސަލަތަކެއް ކުރިމަތިވާނެ ކަންތައްތަކެއް ކަމަށްވާތީ މަދަނީ ޖަމިއްޔާތަކާއި ފަންނީ ތަމްރީނު އަދި ތައުލީމުދޭ މަރުކަޒުތަކުން ވެސް 18 އަހަރުން ދަށުގެ ކުދިން ބައިވެރިކޮށްގެން ހިންގާ ހަރަކާތްތައް ރާވާއިރު އެކަންކަމަށް ސަމާލުކަން ދިނުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިފަ އެވެ.

"މުހިއްމު ބޭނުމެއް ނެތި، އުމުރުން 18 އަހަރުން ދަށުގެ ކުދިން ރޭގަނޑު 9 ގެ ފަހުގައި ބެލެނިވެރި ފަރާތެއް ނުވަތަ ބަލަދުވެރި ފަރާތެއް ނެތި ރަށު ތެރޭގައި ހަރަކާތްތެރިވެ ނޫޅޭކަން ކަށަވަރުކޮށް ބެލެހެއްޓުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރަމެވެ." އިއުލާނުގައިވެ އެވެ. 

ސްކޫލު ދަރިވަރުންގެ އަހުލާގީ މިންގަނޑު ހިފެހެއްޓުމުގެ ގަވާއިދުގެ ދަށުން، ބެލެނިވެރިޔާގެ ހުއްދަ ލިބިގެން ނޫނީ ރޭގަނޑު 10 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުމަކީ މަނާ ކަމެކެވެ. މީގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގަނޫނުގެ ދަށުން 16 އަހަރުން ދަށުގެ ކުދިން ބެލެނިވެރިޔަކާ ނުލައި ރޭގަނޑު މަގުމަތީގައި އުޅުމަކީ މަނާ އަދި ފުލުހުން ސަމާލުކަންދޭ ކަމެކެވެ.