މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިނިސްޓަރީ
05 ނޮވެމްބަރ 2025 - 15:07
ދަރިވަރަކަށް ޓީޗަރަކު އެއްވެސް ގޮތަކުން ގޯނާއެއް ކުރިކަން އެތެރޭގެ ތަހުގީގުގައި ސާބިތުވެއްޖެ ނަމަ އެ ޓީޗަރަކު ވަޒީފާ އިން ވަކިކުރުމަށް ބަދަލުތައް ގެނައުމުގެ ވިސްނުން އެބަހުރި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ހަތަރު ސްކޫލެއްގެ ބައެއް ޓީޗަރުން ޖިންސީ ގޯނާގެ ތުހުމަތުގައި މި ފަހުން ހައްޔަރުކޮށް، ސަސްޕެންޑު ކޮށްފައި ވަނިކޮށް މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ އެފަދަ ހާދިސާތައް ހިނގަނީ ސްކޫލުން ބޭރުގައި ކަމަށެވެ. ނަމަވެސް، އެފަދަ ކަންތައްތަކުން ސްކޫލްތައް ރައްކާތެރި ކުރުމަކީ މިނިސްޓްރީ އަށް އެންމެ މުހިއްމު އަދި ސަމާލުކަންދޭ ކަން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރެއިން، ޓީޗަރަކަށް ތުހުމަތެއް ކޮށް، އަދި އެކަން އެތެރޭގެ ތަހުގީގުން ސާބިތުވެއްޖެ ނަމަ އެ މީހަކަށް ފިޔަވަޅު އެޅުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއެކު ގަވައިދު ބަދަލުކުރުމުގެ މަޝްވަރާތައް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު އޮންނަ ގޮތުން، ޓީޗަރަކަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ހިސާބުން ފުލުހުންގެ ޖިނާއީ ތަހުގީގު ނިންމައި ދައުވާކޮށް، މައްސަލަ ނިމެންދެން އެ ޓީޗަރަކު ހުންނަނީ ސަސްޕެންޑު ކޮށްފަ އެވެ. ނަމަވެސް، ޝަރީއަތް ދިގުދެމިގެންދިއުމާއި މަގާމާ އެކު، ސަސްޕެންޑު ކޮށްފައި ހުންނާތީ އެ މަގާމަށް އިތުރު މުވައްޒަފުން ހޯދަން ސްކޫލުތަކަށް ދަތިވެ އެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި ޖިނާއީ ދައުވާ ސާބިތުވިއަސް ނުވަތަ ނުވިއަސް، މިނިސްޓްރީގެ ވިސްނުމަކީ އިދާރީ ތަހުގީގުން އެ މީހެއްގެ މައްޗަށް ސާބިތުވާ ނަމަ ވަޒީފާއިން ވަކިކުރުމެވެ.
"ޝަރީއަތުން ސާބިތު ނުވެދާނެ [ޖިންސީ ގޯނާގެ މައްސަލަ]. އެކަމަކު، ސްކޫލުތަކުގައި ތިބޭ ޓީޗަރުންނަކީ އެންމެ އިތުބާރު ކުރާ ބަޔަކަށް ވާން ވާނެ. އެކަމުގައި ފިޔަވަޅު އެޅޭނެ،" އޭނާ ވިދާޅުވި އެވެ.
ޖިންސީ ގޯނާގެ މައްސަލަތަކުގައި މި ފަހުން ހައްޔަރުކުރި ހަތަރު ޓީޗަރުން ވަނީ 30 ދުވަހަށް ސަސްޕެންޑު ކޮށްފަ އެވެ. ތަހުގީގު ކުރިއަށްދާ ގޮތުން، އެ މުއްދަތު އިތުރު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަށީދު
05 November 2025
ޓީޗަރުންނަށް ވަޒީފާ ދިނުމާ ވަކިކުރުން އޮތީ ގާނޫނު އަސާސީއާ ގާނޫނުން މިނިވަން މުއައްސަސާ ސިވިލް ސަރވިސް ކޮމިޝަނާ މަތިކޮށްފަ. އެއީ ސިޔާސީ އެއްވެސް ފަރާތަކަށް ރައްޔިތުން ދީފައޮތް ބާރެއް ނޫން. މިވަރު ބޭފުޅުންނަށް ރައީސް މިނިސްޓަރުކަން ދެއްވާފަ މިތިބީ. މެންޑޭޓުން ބޭރުވެވޭއިރުވެސް ނޭގޭ. އެޑިއުކޭޝަން މިނިސްޓަރުގެ މެންޑޭޓަކީ އެޑިއުކޭޝަން ޕޮލިސީ.
ނަޒާހަތް
05 November 2025
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ޖިނާއީ ތަހުގީގަށް ސާބިތުވާ މިންވަރަށް ކަންކަން ބަލަން ނުޖެހޭނެ. ނަޒާހަތްތެރިކަން ގެއްލިއްޔާ ވަކިކުރަންވާނެ. ޕާރފޯމަންސް ނެތިއްޔާ ވަކިކުރަންޖެހޭނެ. ފިތުނަ އުފައްދާނަމަ ވަކިކުރަންޖެހޭނެ.
ވަންޗޫ
05 November 2025
މަނިކުފާނު މީ ކޮންވައްތަރު ތަހުޤީގު؟ އަހުރެން ނޭގެނީ ކޮންވައްތަރު ތަހުގީގު؟ މީ އާރުމެން ރަށު ބަނގުލާ ތަހުގީގު؟ ޙުރިހާ އެންމެން ގާގޫނު އިންސާފު ދެނީ! މަނިކުފާނު އިންސާފު ބޭނުން ނެތީ! އަހުރެން ބޭނުންވަނީ ގާނޫނު ހައްްްޤު!
ބޮޑުބެގެ ބެއްޔާ
05 November 2025
ނޯ ނޯ. ސަރީއަތަށް ސާބިތުވެ، ހުކުމެއް ކުރުމުން މެނުވީ އޭނާގެ މައްޗަށް ގާނޫނީ ނިންމުމެއް ނުނިންމޭނެ. ހުރިހާ ކަމެއްގެ ތެރެއަށް އަތް ނުބާނުއްވާ.
މިނިސްޓްރީ
05 November 2025
އަސްލު ރަގަޅު ވާހަކައެއް، ޝަރީއަތަށް ސާބިތު ނުވިއަސް އެކަށީގެންވާ ގޮތުގައި ހިންގޭ އެތެރޭގެ ތަހުގީގަކުން ސާބިތުކުރެވޭނަމަ އެމީހަކު ޓީޗަރުކަމުން ވަކިކުރެވެންވާނެ، ޓީޗަރުންނަކީ ގަދަރުވެރި މީހުން ރެސްޕެކްޓްކުރާ ބަޔަކަށް ވާންޖެހޭ، ކޮންމެހެން ޝަރީއަތަށް ސާބިތުވަންދެން ވަޒީފާއިން ވަކިނުކޮށް ބަހައްޓަންނުޖެހޭ، ދަރިވަރުންގެ އިތުބާރު އޮންނަ މީހަކަށް ޓީޗަރ ވާންޖެހޭ
މިނިސްޓްރީގެގައްޒަ
08 November 2025
އެކަށީގެންވާގޮތުގައި މިނިސްޓްރީއަކަށް ތަހްޤީޤެއް ނުހިންގޭނެ، މިނިސްޓްރީގައި އުޅޭ ދެތިން ކެނަޔަކު، އެއްވެލާފަ ހިތްހަމަ ނުޖެހޭ މީހަކު ކަތިލާލީމަ ނިމުނީ، މިހާތަނަނަށް މިނިސްޓްރީއިން ގިނަފަހަރު ކަންތައްތައް ކޮށްފަ ހުރީ އެހެން.