ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިރޭ ރާއްޖެ ވަޑައިގެންފި އެވެ. 

ދެ ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. 

މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ހެނދުނު 8:30 ގައި ޖުމްހޫރީ މައިދާން ސަރަހައްދުގަ އެވެ. 

ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގަތުމުގެ ދައުވަތު އަރުވާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައީސް މުއިއްޒު މެލޭޝިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.

މިއީ މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަގާމާ ނޮވެމްބަރު 2022 ގައި އަންވަރު ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ނުވަ އަހަރު ފަހުން މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެ ވަޑައިގެންނެވިއިރު، މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މުހިންމު ދާއިރާތަކުން އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. 

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މި ދަތުރުފުޅުގައި ބޮޑުވަޒީރު އަންވަރު ރައީސް މުއިއްޒާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވަވާނެ އެވެ. އެ ބައްދަލުވުންތަކުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުމާއި ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އާ ދޮރުތައް ހުޅުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. 

ނަމަވެސް، އެ އެއްބަސްވުންތަކުގެ އިތުރު ތަފުސީލެއް ރައީސް އޮފީހުން އަދި ނުދެ އެވެ. 

ބޮޑުވަޒީރު އަންވަރުގެ މި ދަތުރުފުޅުގައި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އެ މަނިކުފާނުގެ އަރިހަށް ވަކިވަކިން އިހުތިރާމުގެ ޒިޔާރަތްތަކެއް ކުރައްވާނެ އެވެ. 

ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ 1968 ގަ އެވެ.

އެނގިފައިވާ ގޮތުގައި ބޮޑުވަޒީރު އަންވަރު ރާއްޖެއަށް ވަޑައިގަންނަވާނީ ބްރެޒިލް އާއި އިންޑިއާ އާއި ޗައިނާ އަދި ރަޝިއާ އިސްނަގައިގެން އުފައްދާފައިވާ އިގުތިސާދީ ޖަމިއްޔާ، "ބްރިކްސް"ގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު އެވެ.

ރާއްޖެއަށް އެންމެ ފަހުން މެލޭޝިއާގެ ބޮޑުވަޒީރަކު ވަޑައިގެންނެވީ 2017 ވަނަ އަހަރު އެވެ. އެއީ އޭރުގެ ބޮޑުވަޒީރު ނަޖީބް ރައްޒާގެވެ.