ހުޅުމާލެ 2 ގެ ހިޔާ ފްލެޓެއްގެ ބެލްކަނީގައި އާއްމުންނަށް ފެންނަ ގޮތަށް ޖިންސީ ގުޅުން ހިންގި މައްސަލައިގެ ތުހުމަތުވާ ދެ މީހުން ހައްޔަރުކޮށްފި އެވެ.
އާއްމު އިޖުތިމާއީ މިންގަނޑާ ޚިލާފު މި އަމަލު ހިންގި ހިޔާ ޓަވަރުގެ ބެލްކަނި ހުންނަނީ އެހެން ގިނަ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް ފެންނާނެ ގޮތަށެވެ.
މި މައްސަލަ ފުލުހުން ބަލަން ފެށީ ހިޔާގެ 12 ވަނަ ޓަވަރުގެ ބެލްކަނީގައި އަންހެނަކާއި ފިރިހެނަކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީގެ ދުވަސްކޮޅެއް ކުރިން ޝޯޝަލް މީޑީއާގައި އާއްމުކުރުމުންނެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިރޭ ބުނީ ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަޔަކު ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އާންމު ތަންތަނުގައި ބަދުއަހުލާގީ އަމަލު ހިންގުމަކީ ރާއްޖޭގެ ގާނޫނުތަކުން މަނާ ކަމެކެވެ.