އެމްޕީއެލްއަށް އޭސީ ޔުނިޓުތަކެއް ގަތުމުގައި ނާޖައިޒު މަންފާ ހޯދި ކަމުގެ ތުހުމަތުގައި، އެ ކުންފުނީގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނެއިދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވަން ނިންމައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ 2016 އަދި 2017 ވަނަ އަހަރު އެމްޕީއެލްއަށް 18 އޭސީ ޔުނިޓު ހޯދީ، އޭރު އެ ކުންފުނިން އަމަލުކުރި ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރަންޖެހޭ ގަވައިދާ ހިލާފަށް ކަމަށެވެ. އާންމުކޮށް އިއުލާން ނުކުރާއިރު، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ވެސް ނެތް ކަމަށް އޭސީސީން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ އޭސީ ޔުނިޓު ހޯދަން ހަވާލުކުރީ އެކަމުގެ ތަޖުރިބާއެއް ނެތް އަދި އެ މައްސަލައިގައި ތުހުމަތުކުރާ ފަރާތްތަކާ ގުޅުން އޮތް މީހެއްގެ ވިޔަފާރިއަކަށް ކަމަށެވެ. އެ ތަކެތި ހޯދީ އޭރުގެ މާކެޓު ރޭޓަށްވުރެ ބޮޑު އަގުގައި 1,083,998ރ. އަށެވެ.
އެހެންވެ، އޭރުގެ ސީއީއޯ ޖުނެއިދު އަދި އެ ކުންފުނީގެ ޕްރޮކިއުމަންޓު ޑިޕާޓްމަންޓުގެ ހެޑަކަށް އޭރު ހުންނެވި މ. ހިލްއިންދަގާޑަން، އަބްދުލްވައްހާބުގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވަން މިދިޔަ ބުދަ ދުވަހު ވަނީ ނިންމައިފަ އެވެ.
އެ މައްސަލައިގައި އޭސީސީން އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖައިޒު މަންފާ ހޯދައިދިނުމާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކޮށްދިނުމަށެވެ.