ގދ. ތިނަދޫގައި އަލަށް ރަޖިސްޓްރީވާ ތުއްތު ކުދިންނަށް މާލީ އެހީ ދޭން ފަށައިފި އެވެ. 

އެ ކައުންސިލުން މިއަދު އާއްމުކުރި "އަލަށް އުފަންވެ، ތިނަދޫ ސިޓީގައި ރަޖިސްޓްރީކުރާ ކޮންމެ ކުއްޖަކަށް އިނާމެއް ކަނޑައެޅުމުގެ އުސޫލު" ގައި ބުނީ އަލަށް އުފަންވާ ކުދިންނަށް މާލީ އެހީ ދޭން ނިންމީ ތިނަދޫގެ އާބާދީ އިތުރުކުރުމާއި މުޅި ރާއްޖޭގެ އާބާދީ ވެސް ނިސްބަތުން ދަށްވާތީ އަދި ހާއްސަކޮށް ޒުވާން އާއިލާތަކަށް ހިތްވަރުދީ، ވިހެއުމުގެ ރޭޓު މަތިކުރަން ބާރު އެޅުމުގެ ގޮތުން ކަމަށެވެ. 

އެންމެ ފަހަރަކު ދޭ މާލީ އެހީ ދޭނީ ތިނަދޫގައި އުފަންވެ، އެ ސިޓީގައި ރަޖިސްޓްރީވާ އަދި އެހެން ތަނެއްގައި އުފަން ވިއަސް ފުރަތަމަ ރަޖިސްޓްރީކުރާ ތަނަކަށް އެ ސިޓީ ވެއްޖެ ނަމަ އެވެ.

ތިނަދޫގެ ރަށްވެހިންނަށް ލިބިފައިވާ ކުއްޖަކަށް ކަނޑައަޅާފައިވަނީ 1،500ރ. އެވެ. އެއީ ކެޓަގަރީ އޭ އެވެ. ބީ ކެޓަގަރީއަކީ، އެހެން ރަށެއްގެ މައިންބަފައިންނަށް ލިބިފައިވާ ކުދިންނެވެ. އެ ކެޓަގަރީއަށް ހާއްސަ ކޮށްފައިވަނީ 2،000ރ. އެވެ. 

ކުއްޖާ ރަޖިސްޓްރީވި ކަމަށް ބަލާނީ އައިޑީކާޑު ހެއްދުމުންނެވެ. ކުއްޖާ ރަޖިސްޓްރީވާތާ އެއް މަސް ދުވަހުގެ ތެރޭގައި، ސިޓީ ކައުންސިލްގެ އެހީ ހޯދަން ހުށަހަޅަންޖެހެ އެވެ.

އުސޫލުގައި ބުނީ އެހީ ދޭއިރު ކުއްޖާގެ މަންމަ ނުވަތަ ބައްޕައަކީ ތިނަދޫގައި ރަޖިސްޓްރީވެފައިވާ މީހަކަށް ވާން ޖެހެ އެވެ. އަދި ކުއްޖާގެ މަންމަ އާއި ބައްޕައަކީ އެ ސިޓީގެ ބަޔަކަށް ނުވިއަސް ކުއްޖާ ރަޖިސްޓްރީކުރަނީ ތިނަދޫގައި ކަމަށް ވާންޖެހެ އެވެ.

އެ އެހީ ދެނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ.