ރާއްޖޭގެ ކުންފުންޏަކަށް ދީފައިވާ ވިޔަފާރީގެ ނަން މެލޭޝިއާ ކުންފުންޏެއްގެ ވިޔަފާރި ނަމަކާ އެއްގޮތްވާތީ މެލޭޝިއާގެ ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް ކުރި ދައުވާ ނާކާމިޔާބުވެއްޖެ އެވެ.
ސިވިލް ކޯޓުގައި ޖުޑިޝަލް ރިވިއުގެ ދައުވާއެއް އުފުލީ މެލޭޝިއާގެ ޓްރެވަލް އެޖެންސީ ކުންފުންޏެއް ކަމަށްވާ އެންޑް ޓްރެވަލްސް ސިންދްރަމް ބަރްހާދް އެވެ. އެ ކުންފުނިން ދައުވާކުރަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ކަމަށްވާ މައިއެންޒީ ޓްރިޕް ޕްރައިވެޓް ލިމިޓެޑްގެ ނަން މެލޭޝިއާގެ ކުންފުނިން ހިންގާ ވިޔަފާރިއެއް ކަމަށްވާ މައިއެންޒެޑްޓްރިޕް.ކޮމްގެ ނަމާ އެއްގޮތްވާތީ އެވެ.
މެލޭޝިއާގެ ކުންފުނިން އެ ނަން އެއްގޮތް ކަމަށް ބުނެ ދިވެހި ކުންފުނީގެ ނަން ބަދަލުކުރަން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅި ނަމަވެސް އެ މިނިސްޓްރީން ނިންމީ ނަން ބަދަލުކުރަން އަންގަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މިނިސްޓްރީން ބުނެފައިވަނީ އެ ނަމާ އެއްފަދަ ނަމެއް ރާއްޖޭގައި ލޯކަލް ބިޒްނަސް ރަޖިސްޓްރީގައި ނެތް ކަމާއި އަދި އެ ނަމުގައި ކުރިން ރާއްޖޭގައި އެހެން ކުންފުންޏެއް ރަޖިސްޓްރީކޮށްފައި ނެތް ކަމަށެވެ. އަދި އެ ނަމަކީ މަޝްހޫރު އެހެން ކުންފުންޏެއްގެ ނަމެއްގެ ގޮތުގައި ބޭނުން ކުރަމުންދިޔަ ނަމެއް ކަމަށް ނުބެލެވޭ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
އެ މައްސަލާގައި މެލޭޝިއާ ކުންފުނިން ސަރުކާރާ ދެކޮޅަށް ދައުވާ ކުރުމުން އެ ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމްގައިވާ ގޮތުން ބޭރު ގައުމެއްގެ މަޝްހޫރު ވިޔަފާރީގެ ނަމެއް ނުވަތަ މަޝްހޫރު ވިޔަފާރީގެ ނަމެއް ރަޖިސްޓްރީކޮށްދީގެން ނުވާނެ ކަމަށް ގާނޫނުގައިވާ ކަމަށެވެ.
އެފަދަ ނަމެއް ރަޖިސްޓްރީ ނުކުރެވޭނެ އޮތީ ދެ ހާލަތެއް ކަމަށާއި އެއީ އެ ނަމަކީ ރާއްޖޭން ބޭރުގެ މަޝްހޫރު ނަމަކަށްވުން ނުވަތަ ރާއްޖޭން ބޭރުގެ މަޝްހޫރު ވިޔަފާރިއެއްގެ ނަމާ ގުޅުން ހުރުމުގެ ސަބަބުން އެއީ އެއް ނަމެއް ކަމަށް ގަބޫލުކުރެވިގެން އާންމުންނަށް އޮޅުން އަރާފަދަ ނަމަކަށްވާ ނަމަ ކަމަށް ހުކުމުގައިވެ އެވެ.
އެކަމަށް ރިއާޔަތްކޮށް ކޯޓަށް ފަރުވާ ހޯދަން ހުށަހަޅާނަމަ، އެ ނަމަކީ ބޭރުގެ މަޝްހޫރު ވިޔަފާރިއެއްގެ ނަންކަން ނުވަތަ އެ ނަމުގެ ސަބަބުން އާންމުންނަށް އޮޅުން އަރާނެކަން ސާބިތުކުރަން ހެކި ހުށަހަޅަން ޖެހޭނެ ކަމަށް ހުކުމްގައި ބުންޏެވެ.
ނަމަވެސް، އެ މައްސަލައިގައި އެފަދަ ހެކިތަކެއް ހުށަހަޅާފައިނުވާ ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ، ގާޒީ ފައިސަލް އާދަމް ހުކުމް ކުރެއްވީ ދިވެހި ކުންފުނީގެ ނަން ބަދަލު ކުރަން އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް އަންގާނެ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.