އެލްނީނޯގެ ސަބަބުން ގާހުދުވާ މައްސަލަ ބޮޑުވެ، ބިން ހިއްކުމުގެ މަޝްރޫއުތައް ހުއްޓާލަން ޖެހިއްޖެ ނަަމަ ސަރުކާރުން އެ ފިޔަވަޅު ވެސް އަޅާނެ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު އަލީ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި މީޑިއާބްރީފިންއެއްގައި މިނިސްޓަރު ވިދާޅުވީ މިހާރަށް ވުރެ ބާރުދަށް އެލްނީނޯތައް އައި ދުވަސްވަރު ވެސް ބިންހިއްކުމުގެ ހުއްޓާލާފައިވާ ކަމަށާއި އެކަމަކު އެ މަސައްކަތް ހުއްޓާލުމަކީ ވެސް ފަސޭހަކަމެއް ނޫން ކަމަށެވެ. އެ މަސައްކަތް ހުއްޓާލެވޭނީ މަސައްކަތްތަކާ ހަވާލުވެ ތިބޭ ކޮންޓްރެކްޓަރުންނާ މަޝްވަރާ ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބިން ހިންހިއްކުުމުގެ މަސައްކަތްކުރާ ކޮންޓްރެކްޓަރުންނާ މަޝްވަރާކުރަން ޖެހެނީ އެއީ ދުވާލަކަށް އެތައް ޑޮލަރެއް ދައްކަން ޖެހޭ ކަމަކަށް ވާތީ އެވެ. 

"އެހެންވީމާ މިގޮތަށް އިމްޕެކްޓެއް އަންނަ އިރުަގައި އެ ބޭފުޅުންގެ ފަރާތުން ވެސް އެއްބާރުލުން މީގައި ބޭނުންވާނެ އެ [ޑްރެޖަރު] އައިޑަލްކޮށް އޮންނަ ދުވަހެއްގައި، އެކަމާ ގުޅިގެން ޗާޖަސް ނުނަގާ ނޫނީ މިނިމަލް ޗާޖެއްގައި މިކަން ކޮށްގެން އެ ޑްރެޖަރުތައް އައިޑަލް ކޮށްގެން ބައިތިއްބަން ވެސް،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހާލަތުގައި އެހެން ތަނެއްގައި މަސައްކަތް ކުރަން ހިނގައްޖެ ނަމަ އާމްދަނީ ނުހުއްޓި މަސައްކަތް ކުރެވޭނެ ކަމަށް ބުނުން ފަދަ ޖަވާބުތައް ކޮންޓްރެކްޓަރުން ދޭނެ އެވެ. 

"އެހެންވީމާ މީގައި ހުރޭ [ބަލަންޖެހޭ ކަންތައްތަކެއް] ހަމަ ތިބެފައި ހުއްޓާލަން އެހާ ފަސޭހަކަމަކަށް ނުވޭ. އެހެންވީމާ އެގޮތަށް ހުއްޓާލަން ޖެހިއްޖެ ކަމަށް ވަންޏާ،  އެ ހާލަތު އެ ވަރަށް ގޯސްވެއްޖެ ކަމަށް ވަންޏާ ހަމަ ހުއްޓާލާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

"ކުރީ ފަހަރެއްގައި ވެސް އަޅުަގނޑުމެން ވެއްޖެ [ބިންހިއްކުން] ހުއްޓާލާފައި. އެހެންވީމާ ދެން ވެސް ހުއްޓާލަން ޖެހިއްޖިއްޔާ، އެ ހާލަތަށް ދިޔައީމާ އަޅުގަނޑުމެން ހުއްޓާލާނަން."

ޝަރީފް ވިދާޅުވި ގޮތުގައި އެލްނީނޯ އަންނަ އަހަރާ ހަމައަށް ވެސް ދެމިގެން ހިނގައިދާނެ ކަމަށް މިހާރު ވަނީ ލަފާކޮށްފަ އެވެ. އެލްނީނޯ އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށްފައިވާ ކަަމަށާއި މި ސަރަހައްދުގެ މޫސުމަށް ބަދަލުތައް ގެނުވާ "އިންޑިއަން އޯޝަން ޑައިޕޯލް"ގެ  އަސަރު ވެސް ރާއްޖެއަށްް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.