ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) އަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތްތަކަކީ، ލުއިފަސޭހަ ގޮތެއްގައި މޫސުމީ މާލީ އެހީތެރިކަން ހޯދުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ މާލީ އޮނިގަނޑުތަކަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު އެގޮތަށް ވިދާޅުވީ ތުރުކީގެ އަންތާލިޔާގައި މިހާރު ކުރިއަށް ގެންދާ ކޮޕް31 ގެ ހަވާސާގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއާ އެކު އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭއޯސިސް)ގެ ލީޑަރުން މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަކީ އަމާޒެއްކަން ފާހަގަކުރައްވައި، އެ އަމާޒަށް ވާސިލުވުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައި ވަނީ މޫސުމީ މާލީ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމާއި މާލީ އިސްލާހުތައް ގެނައުމާއި ކަންކަން އަމަލީ ގޮތުން ތަންފީޒުކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
މޫސުމީ މާލީ އެހީތެރިކަމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، އެ އެހީއަކީ އެކަށީގެންވާ، ފަސޭހައިން ލިބޭ، ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެކަން ޔަގީންކުރެވޭ، އަދި ހިލޭ އެހީގެ ގޮތުގައި ދެވޭ އެހީއަކަށް ވާން ޖެހޭނެ ކަމަށެވެ. ހާއްސަކޮށް ކުރިއަށް އޮތް "ސުޕަ އެލް ނީނޯ"ގެ އަސަރުތަކަށް ބަލާއިރު، މޫސުމީ ބަދަލުތަކަށް ހޭނުމަށް ދެވޭ މާލީ އެހީތެރިކަން އިތުރުކުރުމަށާއި "ލޮސް އެންޑް ޑެމޭޖް ފަންޑް"އަށް އަވަސް ފުރުސަތެއްގައި ފައިސާ ޖަމާކޮށް ދިނުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.
ރައީސް ވިދާޅުވީ އެ ގައުމެއްގެ ހިއްސާ ވަރަށް ކުޑަ ކާރިސާއަކާ ކުރިމަތިލުމަށް، ބޮޑެތި އިންޓްރެސްޓް ރޭޓުތަކުގައި ދަރަންޏަށް ފައިސާ ނެގުމަށް ގައުމުތަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށެވެ. އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަކީ މި ކުދި ގައުމުތަކުގެ ތަރައްގީއަށް ހުރަސްއެޅޭ، ނުވަތަ ނާޒުކު ގައުމުތަކަށް ނުއުފުލޭ ވަރުގެ ދަރަނީގެ ބުރައަކަށް ވެގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މާލީ އިސްލާހުތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، މިހާރު އޮތް މާލީ ނިޒާމުތަކުގެ ސަބަބުން ނާޒުކު ގައުމުތަކަށް އަގުބޮޑު ލޯނުތަކަށް ބަރޯސާވާން މަޖުބޫރުވެ، އެ ގައުމުތަކުގެ ދަރަނީގެ ބުރަ އިތުރުވެ، މާލީ ތަނަވަސްކަން ހަނިވާ ކަމަށެވެ. އެހެންކަމުން، މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް ކުރާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ދިގު މުއްދަތުގައި އިގުތިސާދަށް ކުރާނެ އަސަރު ބެލުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކަށާއި ކްރެޑިޓް ރޭޓިން އޭޖެންސީތަކަށް ރައީސް ގޮވާލެއްވި އެވެ.
ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ވާ ވައުދުތަކަކީ އަމަލީ ނަތީޖާ ފެންނަ ކަންކަމަށް ވާންޖެހޭނެ ކަމަށެވެ.
ދުނިޔޭގެ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ (ގްލޯބަލް އިލެކްޓްރިފިކޭޝަން) ފުޅާކުރުމަށާއި ކުނި މެނޭޖުކުރުމަށާއި "ސާކިއުލާ އިކޮނޮމީ" އަށާއި މޫސުމީ ބަދަލުތަކަށް ވިލުންތެރި ސިޓީތައް ބިނާކުރުމަށް ކޮޕް-31 ގައި އިސްނަގާ ފަށާފައިވާ މަސައްކަތްތަކަށް މަރުހަބާ ވިދާޅުވެ، އެ މަސައްކަތްތައް ކާމިޔާބުކުރުމަށް އެކަށީގެންވާ މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށާއި އަމަލީ ގޮތުން ތަންފީޒުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ރައީސް އެދިވަޑައިގަތެވެ.
ރައީސް ވިދާޅުވީ ކުދި ގައުމުތަކުން އެދެނީ ޗެރިޓީއަކަށް ނުވަތަ ހަމްދަރުދީއަކަށް ނޫން ކަމަށާއި އެދެނީ މޫސުމީ އިންސާފަށް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ގުޅިގެން މަސައްކަތްކުރުމުގެ ނިޒާމުގެ ހަގީގީ އިމްތިހާނަކީ ވާ ވައުދުތަކެއް ނޫން ކަމަށާއި ނެރެދެވޭ ނަތީޖާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅު ނިންމާލެއްވީ އދ. ގެ ސެކްރެޓަރީ ޖެނެރަލް ގުޓަރޭސްގެ ދައުރުގައި ކުދި ގައުމުތަކަށް ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައި ގުޓަރޭސްގެ ދައުރު ނިމުމަކާ ގާތްވަމުންދާއިރު، އޭނާއަށް ހެޔޮ އެދުންތައް އަރިސްކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.