ދުނިޔޭގެ ފިނިހޫނުމިން މިހާރަށް ވުރެ 1.5 ޑިގްރީ ސެލްސިއަސް އިން މައްޗަށް ގޮސް މޫސުމަށް އަންނަ ބަދަލުތަކުގެ ކާރިސާއަކާ ކުރިމަތިވާ އިރު އެކަމަށް ހޭނި، ރެޒިލިއެންޓް މުސްތަގުބަލެއް ބިނާކުރަން ރާއްޖެއިން އަޒުމް ކަނޑައަޅާފައިވާ ކަމަށާއި އެ ދާއިރާއިން ރާއްޖެއަށް މާލީ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ތުރުކީގެ އަންތާލިއާގައި މިހާރު ކުރިއަށް ގެންދާ "ކޮޕް 31" ސަމިޓްގައި ކުރެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ ތިން ކަމެއްގައި ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅު އަޅަން އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ. ފުރަތަމަ ކަމަކީ ރައީސް ވިދާޅުވި ގޮތުގައި މާލީ އެހީ ދިނުމެވެ.

"ތަރައްގީ ވެފައިވާ ގައުމުތަކުން އެ ގައުމުތަކުގެ މާލީ އިލްތިޒާމްތައް އަދާކުރަން ޖެހޭނެ. މާލީ އެހީތެރިކަން ވާން ޖެހޭނީ އަލަށް ދޭ، އިތުރަށް ދޭ އަދި ހިލޭ ދޭ އެހީއަށް. ގްރީން ކްލައިމެޓް ފަންޑް އަލުން މުއްސަނދިކުރަން ޖެހޭ އަދި އެޑަޕްޓޭޝަން ފަންޑަށް ރައުސްމާލް ދޭން ޖެހޭ، ގެއްލުމަށް ބަދަލުދޭ ފަންޑަށް އެކަށީގެންވާ ވަރަށް ވަސީލަތްތައް ދޭން ޖެހޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މޫސުަމަށް އަންނަ ބަދަލުތަކުގެ މިހާލަތު އުފެއްދުމުގައި ވަރަށް ކުޑަކޮށް ނޫނީ ބައިވެރި ނުވާ ރާއްޖެ ފަދަ ގައުމުތަކުން، އެ ހާލަތަށް ހޭނުމުގައި ދަރަނިވެރި ވާން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭނެ އެވެ. 

ތުރުކީގައި މިހާރު ކުރިއަށް ގެންދާ ކޮޕް31 ސަމިޓުގައި ރައީސް މުއިއްޒު އެހެން ގައުމުތަކުގެ ލީޑަރުންނާ އެކު މިއަދު ގުރޫޕް ފޮޓޯއެއް ނަންގަވަނީ.
ތުރުކީގައި މިހާރު ކުރިއަށް ގެންދާ ކޮޕް31 ސަމިޓުގައި ރައީސް މުއިއްޒު އެހެން ގައުމުތަކުގެ ލީޑަރުންނާ އެކު މިއަދު ގުރޫޕް ފޮޓޯއެއް ނަންގަވަނީ.

މި ބަދަލަށް ހޭނުމުގެ ގާބިލުކަން ލިބެން ޖެހޭނީ ނުއުފުލޭ ވަރުގެ ދަރަންޏާ އެކުގައި ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ގޮތުން އަވަސް ފިޔަވަޅުއަޅަން ޖެހޭ ދެވަނަ ކަމަކީ ރައަީސް ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން އެހީތެރިވާން ކަނޑައަޅާފައިވާ ނިޒާމުތައް އިސްލާހު ކުރުމެވެ. މޫސުމަށް އަންނަ ބަދަލުތަކަށް ހޭނެން ކުރާ އިންވެސްޓްމެންޓްތައް ބަލައި، ރޭޓްކުރާ ގޮތް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އިސްލާހުކުރަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ކޮޕް31 ސަމިޓުގައި މިއަދު ތަގުރީރު ކުރައްވަނީ.
ރައީސް މުއިއްޒު ކޮޕް31 ސަމިޓުގައި މިއަދު ތަގުރީރު ކުރައްވަނީ.

"ރެޒިލިއެންސް އަށް ކުރާ މަސައްކަތްތަކާ މެދު ދެކެން ޖެހޭނީ އަޅުގަނޑުމެން އެންމެންގެ މުސްތަގުބަލަށް ކުރާ އިންވެސްޓްމެންޓެއްގެ ގޮތުގައި. މާލީ ބުރައެއްގެ ގޮތުގައެއް ނޫން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އަވަސް ފިޔަވަޅު އަޅަން ޖެހޭ ތިން ވަނަ ކަމަކީ ރައީސް ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނެން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމުގެ ދާއިރާ އެވެ. ކާނާގެ ކަށަވަރުކަމާއި ހަކަތަ އާއި ފެނުގެ ވަސީލަތްތައް ގާއިމްކުރުމުގައި ރާއްޖެއިން އަންނަނީ އަމާޒުތައް އަމަލީ މަސައްކަތަށް ހަދަމުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ތުރުކީގައި މިހާރު ކުރިއަށް ގެންދާ ކޮޕް31 ސަމިޓްގެ ތެރެއިން ރައީސް މުއިއްޒު، އެ ގައުމުގެ ރައީސާއި އދ. ގެ ސެކްރެޓަރީ ޖެނެރަލާއެކު ފޮޓޯފުޅެއް ނަންގަވަނީ.
ތުރުކީގައި މިހާރު ކުރިއަށް ގެންދާ ކޮޕް31 ސަމިޓްގެ ތެރެއިން ރައީސް މުއިއްޒު، އެ ގައުމުގެ ރައީސާއި އދ. ގެ ސެކްރެޓަރީ ޖެނެރަލާއެކު ފޮޓޯފުޅެއް ނަންގަވަނީ.

އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގައި ރާއްޖޭން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވާން ކުރާ މަސައްކަތް އޮތީ ރަނގަޅު ޓްރެކްގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ކްލައިމެޓް ފަންޑިން ހޯދަން ކުރާ މަސައްކަތުގައި ބޮޑެތި ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި  ރާއްޖޭގެ މުއައްސަސާއަކަށް ގްރީން ކްލައިމެޓް ފަންޑް އެކްރިޑިޓޭޝަން ލިބުނީ މިދިޔަ މަހު ކަމަށް ވެސް އެ މަނިިކުފާނު ވިދާޅުވި އެވެ. 

"މިއީ އޭޝިއާގެ، ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމަަކަށް މިކަން ހާސިލުވި ފުރަތަމަ ފަހަރު. މިކަމުން ދައްކައިދެނީ ކްލައިމެޓް ފައިނޭންސް ހޯދައި ޑެލިވަރީ ކުރަން ބޭނުން ކުރުމުގައި އިދާރީ ގޮތުން އަޅުގަނޑުމެން ތައްޔާރުވެފައިވާ މިންވަރު،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ތަންފީޒު ނުކުރެވޭ އުއްމީދުތަކަކީ ހަމަ އެކަނި ވައުދުތަކެއް ކަމަށާއި ތަންފީޒުކުރުމަށް ޓަކައި ފައިސާ އާއި ޓެކްނޮލޮޖީ ބޭނުންވާ ކަމަށެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް އެންމެ މުހިއްމީ މުއާހަދާތަކުން ލާޒިމުކުރާ ޒިންމާތައް އަދާކުރުމުގައި ފިޔަވަޅުތައް އެޅުން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ކޮޕް31 ސަމިޓުގައި މިއަދު ތަގުރީރު ކުރައްވަނީ.
ރައީސް މުއިއްޒު ކޮޕް31 ސަމިޓުގައި މިއަދު ތަގުރީރު ކުރައްވަނީ.

"އަޅުގަނޑުމެން މި ގޮވާލަނީ އިންސާފަށް، ޒިންމާ އަދާކުރުމަށާއި ފިޔަވަޅުތައް އެޅުމަށް،" ރައީސް ވިދާޅުވި އެވެ. 

ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތަކަ އަށް ބަދަލުކުރައްވާނެ ކަމަށް ރައީސް މުއިއްޒު އިއުލާން ކުރައްވާފައިވާއިރު، ރާއްޖޭގައި އެފަދަ ހަކަތައިން އުފައްދަމުން އައީ 53 މެގަވޮޓްްގެ ކަރަންޓު ކަމަށާއި އެކަމަކު މިހާރު އެ އަދަދު 126 މެގަވޮޓަށް އިތުރު ކޮށްފައިވާ ކަމަށް ސަރުކާރުން މިދިޔަ ސެޕްޓެމްބަރު މަހު ބުންޏެވެ.

ރައީސް އޮފީހުަގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި އެންވަޔަރްމެންޓް މިނިސްޓަރު އަލީ ޝަރީފު ވިދާޅުވެފައި ވަނީ އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ގާބިލްކަން (އިންސްޓޯލްޑް ކެޕޭސިޓީ) އެ މިންވަރަށް އިތުރުކުރީ އެކި ސަރަަހައްދުތަކުގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގަ އެވެ. އެއީ 2023 އާ ހަމައަށް އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދި މިންވަރަށް ވުރެ ދެގުނައަށް ވުރެ ވެސް މަތީ މިންވަރެކެވެ.