"ކެމިކަލް ވިއްކުމުގެ ހުއްދަ" ނަގަން ދިން މުއްދަތު އެއް މަސް ދުވަހަށް އިތުރުކޮށް، އެ މުއްދަތުގެ ތެރޭގައި އެކަން ނުކޮށްފި ނަމަ، ރާއްޖެއަށް ކެމިކަލް އެތެރެކުރުމުގެ ހުއްދަ އެ ފަރާތްތަކަށް ނުދޭނެ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ނުރައްކާތެރި ކެމިކަލް ރާއްޖޭގައި ވިއްކުމުގެ ހުއްދަ އާއި  އެ ކެމިކަލްތައް ގުދަންކޮށްފައި ބަހައްޓާ ތަންތަން މަކުޑި ޕޯޓަލްގައި ރަޖިސްޓްރީ ކުރަން ދިން މުއްދަތު މިހާރު ހަމަވެފައިވާ ކަމަށެވެ. 

އެކަމަކު އެ މުއްދަތު ހަމަވިއިރު ކެމިކަލް ވިއްކާ ފިހާރަތައް ރަޖިސްޓްރީކުރުމާ އެކު ހުއްދަ ހޯދުމަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ނިސްބަތުން ވަަރަށް މަދު ކަމަށް މިނިސްޓްރީން ބުންޏެވެ. 

އެހެންވެ، މަކުޑި ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދެން މިއަދުން ފެށިގެން އިތުރު އެއް މަސް ދުވަސް ދޭން ވަނީ ނިންމައިފަ އެވެ.  

މިނިސްޓްރީން ބުނި ގޮތުގައި އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީނުކޮށް ކެމިކަލް ވިއްކަމުންދާ ފަރާތްތަކާ މެދު ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ އެވެ. އަދި އެ ފަރާތްތަކަށް ނުރައްކާތެރި ކެމިކަލް ރާއްޖެ އެތެރެކުރުމުގެ ހުއްދަ އިތުރަށް ދެވެން ނޯންނާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެެވެ. 

މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްކުރިން ކުރި އެވެ. އެއީ  ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ 2019 ވަނަ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށް ފަހުގަ އެވެ. އެ ހާދިސާގައި އެކަކު މަރުވި އިރު، މީހުންގެ ގޯތިގެދޮރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.

ޑިފެންސް މިނިސްޓްރީން 2024 ގައި ބުނެފައިވާ ގޮތުގައި ކެމިކަލް ގުދަންކުރާ 144 ތަނާއި ކެމިކަލް ވިއްކާ 62 ފިހާރަައެއް މާލޭގައި އެބަހުއްޓެވެ. މާލޭގައި ކެމިކަލް ގެންގުޅޭ ތަންތަން ހުރީ ގަވާއިދާ އެއްގޮތަށް ތޯ ބަލަން ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ފަޔާ އެންޑް ރެސްކިއު ސާވިސް އިން މިދިޔަ އަހަރު "އޮޕަރޭޝަން ހިރާސް ފާސް"ގެ ނަމުގައި ހާއްސަ ހަރަކާތެއް ވެސް ހިންގި އެވެ.