ކ. ކާށިދޫގައި މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީ ކެމިކަލް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް އަނެއްކާ ވެސް އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައިވާ ގޯތިތަކާއި ދަނޑުތަކުގައި ކެމިކަލް ބޭސް ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.

ކެމިކަލް ބޭސް ބޭނުންކުރުމުގައި އާންމު މިންގަނޑުތަކާ ހިލާފަށް އެއްވެސް ރައްކާތެރިކަމެއް ނެތި ދަނޑުތަކުގައި މަސައްކަތްކުރާ ބިދޭސީން ކެމިކަލް ބޭސް ބޭނުންކުރާ ނަމަ އެކަމުގެ ޒިންމާ އެ ބިދޭސީއަކަށް ވަޒީފާ ދީފައިވާ މީހަކު ނަގަން ޖެހޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ކާށިދޫގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި އޮތް ކޮޕީފަތް ދަނޑެއް-- ފޮޓޯ: މިހާރު
ކާށިދޫގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި އޮތް ކޮޕީފަތް ދަނޑެއް-- ފޮޓޯ: މިހާރު

"މިފަދަ ކަންކަމަކީ ބަލި މީހުންނާއި ކުޑަކުދިން ސިއްހީ ނުރައްކަލެއްގެ ތެރެއަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު އަމަލަކަށްވާތީ މިފަދަ ކަންކަން ހުއްޓާލުމަށް އިލްތިމާސް ކުރަމެވެ،" އެ އިއުލާނުގައިވެ އެވެ.

ކުރިއަށް އޮތްތަނުގައި، ގޯތިތަކާއި އަވަށާ ކައިރީގައި ދަނޑުވެރިކަން ކުރާ ސަރަހައްދުތައް ބަލައި މޮނީޓާކޮށް، ކެމިކަލް ބޭސް ބޭނުންކުރާ ދަނޑުވެރިންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މީހުން ދިރިނޫޅޭ ސަރަހައްދުތަކުގައި ކެމިކަލް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ކައުންސިލުން ހުއްދަ ދީފައި އޮންނަ ކަމަށެވެ. ނަމަވެސް ބިދޭސީންނާ ދަނޑުތައް ހަވާލުކުރުމުން އަވަށުތެރެއިން ވިއްކާފައި ހުންނަ ގެވަޅުތަކުގައި ގަސް ހައްދާއިރު ބާރުގަދަ ކެމިލަކް ބޭނުންކުރާތީ އެކަމުގެ އުނދަގޫ ބޮޑުވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

"މީހުން ވަރަށް ޝަކުވާ ކުރޭ، ނޭވާ ހިއްލުމާއި އެލާޖިކްވުން ކަހަލަ ކަންކަން ވާތީ. އެ މައްސަލަ ވަރަށް ބޮޑުވެފައި އޮތީ މި ރަށުގައި،" އޭނާ ބުންޏެވެ.

ކާށިދުއަކީ ރާއްޖޭގައި މިހާރު ދަނޑުވެރިކަން އެންމެ ބޮޑަށް ކުރާ އެއް ރަށެވެ. މޭވާ އާއި ތަރުކާރީގެ އިތުރުން ތަފާތު ވައްތަރުގެ މާ ގަސް ވެސް ވިއްކުމަށް މާލެ ގެނެ އެވެ.