ގދ. ފިޔޯރީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެ ރަށުގެ ޖަނަރޭޓަރު ހަލާކުވެ މުޅި ރަށުން ކަރަންޓް ގޮސްފައިވާތީ ގއ. ދެއްވަދޫން އިންޖީނެއް ގެންގޮސް ކަރަންޓު ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިރޭ ބުނެފި އެވެ.

މިއަދު މެންދުރު އިންޖީނުގޭގެ ބެޓެރި ސެޓެއް ގޮވައިގެން ހިނގި އެ ހާދިސާގައި އެތަނުގެ މުވައްޒަފަކު މަރުވި އިރު ހުރި ހަމައެކަނި އިންޖީނު ވެސް ވަނީ ހަލާކުވެފަ އެވެ.

ފެނަކައިން ބުނީ ފުލުހުންގެ ތަހުގީގަށް އިންޖީނުގެ ބަންދުކޮށްފައިވާތީ ދެއްވަދޫން ގެންނަ އިންޖީނު ބަހައްޓާނީ އިމާރާތުގެ ބޭރުގައި ކަމަށެވެ. އާ އިންޖީނެއް ލިބުނު ނަމަވެސް އެ މަސައްކަތް ނިންމަން އަދި ވަގުތު ނަގާނެތީ މިރޭ 12 ޖެހުމުގެ ކުރިން ކަރަންޓު ދެވޭނެ ކަމަށް ލަފާނުކުރެވޭ ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.

ފިޔޯރީގެ އިންޖީނުގޭގައި ކުއްލިއަކަށް އެއްޗެއް ގޮވައި އަލިފާން ރޯވުމުގެ ސަބަބުން މަރުވީ އޭރު އެތަނުގައި ޑިއުޓީއަށް ހުރި އުމުރުން 26 އަހަރުގެ ނާޒިދު އަބްދުﷲ އެވެ.

ޓެކްނީޝަނެއްގެ ގޮތުގައި ތިން އަހަރު ހޭދަކުރި ޒުވާނާ އޮތީ ސިފަ ވެސް ނޭނގޭ ވަރަށް އަނދާފައި ކަމަށް، 1200 އެއްހާ މީހުންގެ އާބާދީއެއް އޮތް ރަށުގެ ކައުންސިލުން ބުންޏެވެ.

ބައެއް މީހުން ލަފާކުރަނީ އިންޖީނުގޭގައި ރޯވީ ބެޓެރީ ގޮވައިގެން ކަމަށެވެ.