ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ދޭ ސައިބާ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. 

ފުލުހުންގެ ވެބްސައިޓުގައި ބުނީ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން މޮނިޓާކުރަމުން އަންނަ ކަންތައްތަކުގެ ތެރެއިން، ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންވެ، ސަރުކާރުގެ މުއައްސަސާތަކުންނާއި އާންމުން ވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.  

ފުލުހުން ބުނި ގޮތުގައި، އެގޮތަށް ފޮނުވާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ ބަލާބެލުމަށް އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާފައި ހުންނަ ސައްހަ އީމެއިލްތަކެއްގެ ގޮތުގައި، އޮޅޭފަދަ ގޮތަކަށެވެ. ހަމަލާދޭ ފަރާތްތަކުން އެ އީމެއިލްތަކުގައި ހިމަނާފައި ހުންނަ ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ފޮނުވާފައި ހުންނަނީ ރަސްމީ އިންވިޓޭޝަނެއް، ލިޔެކިޔުންތަކެއް ނުވަތަ ފައިލް-ޝެއަރިން ލިންކުތަކެއްގެ ގޮތުގަ އެވެ.

އެފަދަ ނުރައްކާތެރި ލިންކުތަކަށް ވަދެވި ނުވަތަ ފައިލްތައް ހުޅުވިއްޖެ ނަމަ، އެމީހެއްގެ ޔޫސަނޭމް އަދި ޕާސްވޯޑް ކަހަލަ މުހިންމު މައުލޫމާތުތައް ހެކަރުންނަށް ލިބުމުގެ ފުރުސަތު ބޮޑު ކަމަށާއި އޭގެ ސަބަބުން އިދާރާތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށާއި ނެޓްވޯކަށް ހުއްދަނެތި ވަދެ، ސިސްޓަމްތައް ކޮމްޕްރޮމައިޒްވުމަށް މަގުފަހިވާ ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ ސީސޮކުން ލަފާކުރާ ގޮތުގައި މިއީ ވަކި އަމާޒެއް ކަނޑައަޅައިގެން، ރޭވިގެން ކުރިއަށް ގެންދާ ކެމްޕެއިނެއްގެ ބައެއް ކަމަށް ބެލެވޭ ކަމަށެވެ. މިކަމާ ގުޅިގެން ސީސޮކުން ދަނީ އެ ހަރަކާތްތައް ވަރަށް ގާތުން މޮނީޓާކުރަމުން ކަމަށާއި މި ހަމަލާތަކުން ރައްކާތެރިވުމަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށް، ނުރައްކާތެރި ވެބްސައިޓްތަކާއި ނެޓްވޯކްތައް ބްލޮކް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގު އަދި ޓެކްނިކަލް އެނަލިސިސް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުންޏެވެ.

ސަމާލުކަން ދޭންވީ ކަންކަން

  • އީމެއިލްއަކާ އެކު އަންނަ ލިންކުތަކާއި އެޓޭޗްމަންޓްތައް އެއީ ރައްކާތެރި އެއްޗެއްކަން ޔަގީން ނުކުރެވެނީސް ނުހުޅުވުން.
  • ފެންނަ ފެނުމަށް ދަންނަ މީހެއް ނުވަތަ އިތުބާރުކުރެވޭ އިދާރާއަކުން ފޮނުވާފައިވާ އީމެއިލްއެއް ކަމުގައި ވިޔަސް، އާދަޔާހިލާފު ކަމަކަށް އެދިފައިވާ ނަމަ، އެހެން ޒަރީއާއަކުން (މިސާލަކަށް ފޯނުން) ގުޅައިގެން އެއީ ސައްހަ އީމެއިލްއެއްތޯ ކަށަވަރުކުރުން.
  • އީމެއިލްގައިވާ ލިންކަކަށް ފިތާލައިގެން ހުޅުވޭ ޕޭޖެއްގައި ޔޫސަނޭމް އަދި ޕާސްވޯޑް ފަދަ މައުލޫމާތު ނުޖެހުން.
  • އީމެއިލް އަދި ރަސްމީ އެކައުންޓްތަކުގައި މަލްޓި-ފެކްޓާ އޮތެންޓިކޭޝަން ބޭނުންކުރުން.
  • ކޮމްޕިއުޓަރުގެ އޮޕަރޭޓިން ސިސްޓަމް އަދި ބޭނުންކުރާ އެޕްލިކޭޝަންތައް އަބަދުވެސް އަޕްޑޭޓްކޮށް ބެލެހެއްޓުން. 
  • ޝައްކުކުރެވޭ އީމެއިލްއެއް ލިބިއްޖެ ނަމަ، ލަސްނުކޮށް ތިޔަ އޮފީހެއްގެ އައިޓީ ނުވަތަ ސެކިއުރިޓީ ޓީމަށް ރިޕޯޓްކުރުން.
  • ޝައްކުކުރެވޭ ފައިލެއް ނުވަތަ ލިންކެއް ހުޅުވިއްޖެ ނަމަ، އަމިއްލައަށް އެކަން ހައްލުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި، ވަގުތުން ކޮމްޕިއުޓަރު ނެޓްވޯކުން ވަކިކޮށް (ޑިސްކަނެކްޓްކޮށް) އައިޓީ ޓީމުގެ އެހީތެރިކަން ހޯދާ. 

ފުލުހުން ބުނީ މި ކަހަލަ ހަމަލާތަކުން ދިފާއުވުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ އާންމުން ސަމާލުވުމާއި ހޭލުންތެރިވުން ކަމަށެވެ. ރައްކާތެރިކަމުގެ މި ކަހަލަ ފިޔަވަޅުތަކަށް ސަމާލުވުމަކީ ސައިބާ ހަމަލާތަކުން ދިފާއުވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅު ކަމަށާއި އެކަމާ ގުޅޭ ޓެކްނިކަލް އިތުރު ތަފުސީލު ސައިބާ ޕޯޓަލް އިން ލިބެން ހުންނާނެ ކަމަށް ފުލުހުން ބުންޏެވެ.