ފުލުހުންގެ ނަމުގައި ސްކޭމް މެސެޖުތަކެއް އެކި މީސްމީހުންނަށް ފޮނުވަމުންދާތީ އެ ކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސް ކޮށްފި އެވެ.
ފުލުހުން ބުނީ ވައިބާ ފަދަ މެސެޖު ކުރެވޭ އެޕްލިކޭޝަންތައް މެދުވެރިކޮށް، ސްކޭމް ހިންގަމުންދާކަން ފާހަގަ ވެފައިވާ ކަމަށެވެ.
ސަމާލުވާންވީ ކަންކަން:
ފުލުހުން ބުނީ ސްކޭމް ހިންގާ މީހުން ބޭނުންކުރަނީ ރާއްޖެއިން ބޭރުގެ ނަމްބަރުތައް ކަމަށެވެ. އެއީ 48+ އިން ފެށޭ ނަމްބަރުތައް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، އެކައުންޓްތައް ހަދާފައި ހުންނަނީ "Maldive Police" ފަދަ ނަންނަމުގަ އެވެ.
އެހެންވެ، އެ ކަމަށް ސަމާލުވާން އެދި ފުލުހުން ބުނީ، އަމިއްލަ މައުލޫމާތު އޯޓީޕީ ނުވަތަ ފައިސާގެ މުއާމަލާތްތަކާ ގުޅޭ ކަންކަމުގައި ފުލުހުން ވައިބާ ނުވަތަ އެ ނޫން ގޮތަކަށް ވެސް ނުގުޅާނެ ކަމަށެވެ.
ފުލުހުން ވަނީ އެ މީހެއްގެ އަމިއްލަ މައުލޫމާތު ހިއްސާ ނުކުރުމަށް އެދިފަ އެވެ. އެގޮތުން ބޭންކް އެކައުންޓުގެ މައުލޫމާތާއި އޯޓީޕީ ކޯޑު ނުވަތަ ޕާސްވޯޑް ފަދަ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ބޭރު ނަމްބަރުތަކުން ކުރާ ކޯލްތަކަށް ޖަވާބު ނުދިނުމާއި ރާއްޖޭގެ ރަސްމީ އިދާރާތަކުން ބޭރުގެ ނަމްބަރުތައް ބޭނުންކޮށްގެން މެސެޖުކުރާ އެޕްލިކޭޝަންތަކުން މުއާމަލާތެއް ނުކުރުމަށް ވެސް ފުލުހުން އެދެ އެވެ.
އެފަދަ ނަމްބަރުތަކުން ގުޅާ ނަމަ ވަގުތުން ބްލޮކްކޮށް، އެ ޕްރޮފައިލްތައް ރިޕޯޓް ކުރުމަށާއި ސްކޭމް ހިންގާ މީހުންގެ މަޅީގައި ޖެހިދާނެތީ މައުލޫމާތު ހިއްސާކުރުމަށް ވެސް ފުލުހުން އާންމުންގެ ކިބައިން އެދުނެވެ.
ފުލުހުން މިދިޔަ މަހު ހިއްސާކުރި މައުލޫމާތުގައި ބުނީ މި އަހަރުގެ މިހާތަނަށް ސްކޭމްގެ 1،584 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 15 މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށެވެ.
ރާއްޖޭގައި އެންމެ ގިނައިން ހިންގަނީ އޮންލައިން ވިޔަފާރިން ފައިސާ ހޯދާ ސްކޭމް ކަމަށާއި މި އަހަރު ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން 821 މައްސަލައަކީ ވެސް އެފަދަ ކަންކަން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން ދެން އެންމެ ގިނައީ ފައިސާ މާރު ކުރުމުގެ ނަމުގައި ހިންގާފައިވާ 240 ސްކޭމްގެ މައްސަލަ އާއި ޝަހުސު އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގި 213 މުއާމަލާތާ ގުޅޭ ކަންކަން ކަމަށް ފުލުހުން ބުންޏެވެ.