މަސްތުވާތަކެތި ހޯދާނެ ފައިސާ ނެތިގެން އައި ރުޅީގައި، މަންމަ ދިރިއުޅޭ ގޭގެ ތަކެއްޗަށް ގެއްލުންދިނުމުގެ އިތުރުން، ކުރީގެ ކްރިމިނަލް ކޯޓު އިމާރާތުން ތަކެތި ވަގަށް ނެގި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ޖަލަށްލާން ހުކުމްކޮށްފި އެވެ. 

މި މައްސަލައިގައި ކޯޓުން ހުކުމް އިއްވާފައިވަނީ ށ. މާއުނގޫދޫ، އަސަރު، އާދަމް ހަންނާދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައިވާ ގޮތުގައި، މިދިޔަ އޮގަސްޓް 16 ވަނަ ދުވަހުގެ ރޭ މ. މާކަރަ ގޭގެ ބަދިގޭގައި ހުރި ބޮޑު ބާލިދީއެއްގެ މަތިގަނޑު ފަޅާލައި، ކާން ގެންގުޅޭ ތަށިތަކެއް ތަޅާލައި، އަދި އޭނާގެ މަންމަ ދިރިއުޅޭ ކޮޓަރީގެ ދޮރަށް ކަތުރަކުން ޖަހައި ބޮޑެތި ގެއްލުންތަކެއް ދީފައިވެ އެވެ.

ޝަރީއަތުގައި ވާހަކަދައްކަމުން ހަންނާދު ބުނީ، އެކަން ކުރެވުނީ މަސްތުވާން ލާރި ނެތިގެން އަދި މަސްތުވާތަކެތި ނުލިބިގެން އައި ސިނގު ރުޅިއެއްގައި ކަމަށެވެ.

މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ ދަށުންނެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ކުރެއްވި ހުކުމުގައި ވަނީ:

  • މުދަލަށް ގެއްލުންދިނުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅައި، ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ނަމަވެސް ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު ތަންފީޒުކުރަންޖެހެނީ 23 ދުވަހުގެ ޖަލު އަދަބެކެވެ.
  • ގެއްލުމުގެ ބަދަލުގެ ގޮތުގައި 2,238 ރުފިޔާ ސިވިލް ކޯޓަށް ދެއްކުމަށް ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގައި ވެސް ހަންނާދުގެ މައްޗަށް ވަނީ ހުކުމް އިއްވައިފަ އެވެ. އެއީ، މި އަހަރުގެ ޖުލައި ފަސް ވަނަ ދުވަހުގެ ހެނދުނު، ހަވީރީ ހިނގުމުގައި ހުންނަ ކުރީގެ ކްރިމިނަލް ކޯޓުގެ އިމާރާތުގެ ތެރެއިން އެޗްޕީ ބްރޭންޑުގެ ދެ އޯލް-އިން-ވަން ޑެސްކްޓޮޕް ކޮމްޕިއުޓަރާއި ދެ ވޮއިސް ރިކޯޑަރު ވަގަށް ނަގައިގެން ދަނިކޮށް، މަގުމަތިން ފުލުހުންނަށް ފެނިގެން ހުއްޓުވައި ބަލައިފާސްކުރި މައްސަލައެކެވެ.

ޝަރީއަތުގައި އޭނާ ބުނީ، ޑެސްކްޓޮޕެއް ހޯދައިދީފިނަމަ ފައިސާ ދޭނެކަމަށް ކޮއްކޮއަކު ބުނެފައިވާތީ، މަސްތުވާން ފައިސާ ހޯދުމުގެ ބޭނުމުގައި ރައްޓެއްސަކާއެކު އެ އިމާރާތަށް ވަދެ ތަކެތި ނެގީ ކަމަށެވެ.

މި މައްސަލައިގައި ގާޒީ އަލީ ނަދީމް އިއްވެވި ހުކުމުގައި:

  • އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުން އޭނާ ކުށްވެރިވާކަމަށް ކަނޑައަޅައި، ނުވަ މަހާއި 18 ދުވަހުގެ ޖަލު އަދަބެއް 
  • ތަހުގީގު މަރުހަލާގައި ބަންދުގައި ހުރި 16 ދުވަސް އުނިކުރުމަށްފަހު، ތަންފީޒުކުރަންޖެހޭ އަދަބަކީ ނުވަ މަހާއި ދެ ދުވަހުގެ އަދަބެއް 

ހަންނާދު އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އެދުނު ނަމަވެސް، އޭނާގެ ކިބައިގައި ޖޫރިމަނާ ދެއްކުމުގެ މާލީ ގާބިލުކަން ނެތުމާއި، ވައްކަމުގެ ގިނަ ރެކޯޑުތަކެއް އޮތުމުން ކޯޓުން ވަނީ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދެވެން ނެތްކަމަށް ނިންމައިފަ އެވެ.