ގެސްޓްހައުސްއެއްގެ ތެރޭގައި އަންހެނަކު ރޭޕްކުރި ކަމުގެ ކުށް ސާބިތުވެ، މީހެއްގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
މީގެ ހަތަރު އަހަރު ކުރިން ހިނގި މި ހާދިސާއާ ގުޅުން ކްރިމިނަލް ކޯޓުން ހުކުމް އިއްވީ އިސްމާއިލް ޖުމާން، ކަޑުރޯޅި ލ. މާބައިދޫގެ މައްޗަށެވެ.
އޭނާ އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ ފަތިހުގެ ވަގުތެއްގައި މާލޭގައި ގެސްޓްހައުސްއަކަށް ގެންގޮހެވެ.
ހުކުމްގައި ބުނި ގޮތުގައި ޑީއެންއޭ ތަހުލީލް ރިޕޯޓާއި، ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓާއި، މެޑިކޯ ލީގަލް ރިޕޯޓަށް ބެލުމުން، އަނިޔާ ލިބުނު ފަރާތާ އެކު އިސްމާއީލް ޖުމާން ޖިންސީ އަމަލު ހިންގާފައިވާކަން ޝަރީއަތަށް ކަށަވަރުވެ އެވެ. އަދި އިސްމާއީލް ޖުމާންގެ ޑީއެންއޭ އަނިޔާލިބުނު ފަރާތުގެ ހަށިގަނޑުގެ އެކިތަންތަނުން ނެގުނު ސާމްޕަލްތަކުން ފެނިފައިވާ ކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.
ޖުމާންގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ އަނިޔާލިބުނު ފަރާތުގެ މެޑިކޯލީގަލް ރެކޯޑުގައި އަނިޔާ ލިބުނު ފަރާތުގެ ޖިންސީ އަނިޔާ ލިބިފައިވާކަން އެނގޭ ކަމަށާއި އަނިޔާލިބުނު ފަރާތުގެ ކަރުގައި ވެސް ރަތްވެފައިވާ ތަނެއް ހުރި ކަމަށެވެ.
މީހަކު ރުހުމުގައި ކުރި ނަމަ މި ބާވަތުގެ އަނިޔާތަކެއް ލިބޭނެކަމަށް ގަބޫލެއްނުކުރެވޭ ކަމަށް ގާޒީ މުޒައްމިލް ނާސިރު ނެރުއްވި ހުކުމްގައިވެ އެވެ. އިސްމާއީލް ޖުމާން އެ އަމަލު ހިންގާފައިވަނީ އެ ކުށް ކުރުމުގެ ގަސްދު އޮވެމެ، އެކަން ކުރަނީ އަނިޔާ ލިބުން ފަރާތުގެ ނުރުހުމުގައި ކަން އެނގިހުރެ ކަމަށް ހުކުމްގައިވެ އެވެ.