ސިނަމާލެ ބްރިޖަށް ކޮންމެ ދުވަހެއްްގައި ފަތިހު ކަސްރަތަށްދާ އަންހެނަކަށް ތިން މަސް ދުވަސް ވަންދެން އެކި ފަހަރުމަތިން ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. 

ފުލުހުން މިއަދު ބުނީ އެކި ފަހަރު މަތިން މީހަކަށް ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 6:00 ހާއިރުކަމަށެވެ. 

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏަސް އަދި އެއްވެސް ތަފްސީލެއް ނުުދެ އެވެ.

މި މައްސަލަ ބަލައިދޭން އެ އަންހެންމީހާ ފުލުސް އޮފީހަށް ހުށަހެޅިއިރު، ފުރައްސާރަ ކުރާ ކަމަށް ބުނާ ފިރިހެންމީހާއާ، އަންހެންމީހާ ސުވާލުކުރާ ވީޑިއޯއެއް ސޯޝަލް މީޑީއާގައި މިއަދު ވަނީ އާންމުކޮށްފަ އެވެ.

އެ ވީޑިއޯގައި ފެންނަނީ ފިރިހެނަކު ކަސްރަތަށް ދަނިކޮށް އޭނާއާ އަންހެންމީހާ ސުވާލުކުރާ ތަނެވެ. އަދި ތިން މަސް ދުވަސް ވަންދެން އޭނާއާ ފުރައްސާރަ ކުރަމުންދާތީ އެ މައްސަލާގައި ދެން މަޑުން ނުހުންނާނެ ކަމަށް ބުނެ އެ އަންހެންމީހާ ވީޑިއޯކުރާ މަންޒަރު ފެނެ އެވެ. 

އަންހެންމީހާ ބުނާ ގޮތުގައި އޭނާ ކަސްރަތު ކުރަމުންދާއިރު އެ ފިރިހެންމީހާ ފަސްފަހަތުން ހިނގަމުންދެ އެވެ. އަދި ކަސްރަތަށް މަގުމައްޗަށް ނިކުތުމުން އެ ދިމާލުން ވެސް އޭނާ ފަހަތުން ނުކުންނަ ބުންޏެވެ. ވީޑިއޯގައި ފެންނަނީ އެއާ އެކު، އެ ފިރިހެންމީހާ "ސޮރީ" އޭ ބުނެފައި ބާރަށް ހިނގާފައިދާ މަންޒަރެވެ. ވަކި ހިސާބަކުން ފިރިހެންމީހާ ދުއްވައިގަނެ އެވެ.

އަންހެންމީހާ ބުނީ ފިރިހެންމީހާ ފުރައްސާރަކުރާ ވަރުން ބްރިޖުމަތީގައި ހަމަޖެހިލައިގެން ހިނގާ ވެސް ނުލެވޭ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އަންހެންމީހާ ބުނީ އެ މީހާއާ ކުރިމަތިލީ ފުރައްސާރައަށް އިތުރަށް ކެތްނުވެގެން ކަމަށެވެ. އެހެންވެ، ފުލުހުންގެ 119 އަށް ގުޅައި އެކަން ރިޕޯޓުކުރަން މަސައްކަތްކުރުމުން ފުލުހުން ވަނީ އެތަނަށް ދިޔުމަށް އެދިފައި ކަމަށެވެ. 

އޭނާގެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ މައްސަލަ އޭނާ ރިޕޯޓުކުރީ މިއަދުގެ ހެނދުނު ހެންވޭރު ޕޮލިހަށެވެ.