ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއު މަގާމަށް އިންތިހާބުވި ޕާޓީން ވަކިވެ، އެހެން ޕާޓީއަކާ ގުޅިފައިވާތީ އޭނާ އެ މަގާމުން ވަކިވެފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ނިންމުމުން ބާއްވާ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އޭނާ ގޮނޑި ގެއްލިފައިވާ ކަމަށް އެލްޖީއޭއިން ނިންމީ މިދިޔަ ޖުލައި މަހު 19 ވަނަ ދުވަހެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ތިނަދޫ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 2:00އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ކައުންސިލް އިންތިހާބުގައި ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ޝުޖާއު ހޮވުނީ ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ. އޭނާ ފަހުން ގުޅުނީ އެމްޑީޕީއާ އެވެ.
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށް ފަހު، އިންތިހާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރަކަށް ވުމުން މަގާމު ގެއްލޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
އެހެންވެ، ތިނަދޫ ކައުންސިލް ރައީސްގެ މަގާމުން ޝުޖާއު ވަކިވެއްޖެ ކަމަށް ކަނޑައަޅައި، އެ ގޮނޑި ހުސްވެފައިވާކަން އީސީއަށް އަންގަން އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ނިންމީ މިދިޔަ ޖޫން މަހުގެ 30ގަ އެވެ.
އެ މައްސަލާގައި ޝުޖާއުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމިއިރު، އެލްޖީއޭ އިން ވަކި ގޮތެއް ނިންމަންދެން ޖޫން މަހުން ފެށިގެން އޭނާ ހުރީ ސަސްޕެންޑް ކޮށްފަ އެވެ. އަދި ކައުންސިލް ހިންގުން ނައިބު ރައީސްއާ އޮތީ ހަވާލުކޮށްފަ އެވެ.
އެ މައްސަލާގައި ޝުޖާއު މީގެ ކުރިން "މިހާރު" އަށް ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅުނީ ދަ ޑިމޮކްރެޓްސް އުވާލާފައިވާ ކަމަށް އީސީން މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެ ޕާޓީ ހިންގާ ފަރާތްތަކަށް އެންގުމުން ކަމަށެވެ.
ޝުޖާއު ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން އޭނާ އިންތިހާބުވި ނަމަވެސް މިދިޔަ މެއި މަހު މަގާމުގެ ހުވާކުރުމުގެ ކުރިން ޕާޓީ އުވާލާފައިވާ ކަމަށް އީސީން އެންގި ކަމަށެވެ. އެހެންވެ، އެއް ޕާޓީ ދޫކޮށް އަނެއް ޕާޓީއާ ގުޅުނު ކަމަށް މާނަކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.