އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގައި 131 ރަށު ދާއިރާގައި ވޯޓުލުން ކުރިއަށް ދާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އިންތިހާބާ ގުޅޭ އެންމެ ފަހުގެ މައުލޫމާތި ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ވޯޓުލުން ކުރިއަށްދާނީ އިންތިހާބުކުރަންޖެހޭ އަދަދަށްވުރެ ގިނައިން މަގާމުތަކަށް ކުރިމަތިލާފައިވާ ދާއިރާތަކުގައި ކަމަށެވެ.
އިންތިހާބަށް ކުރިމަތިލުމަށް ހުޅުވައިލި މުއްދަތު މިދިޔަ މަހު 30އަށް ހަމަވެފައިވާއިރު، 131 ރަށު ދާއިރާގައި ވޯޓުލުން ކުރިއަށް ދާނެ ކަމަށާއި އެ ދާއިރާތަކަށް 2،500 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަރަށް އުފަލާއެކު އިއުލާންކޮށްން، މުޅި ރާއްޖޭގައި މި އިންތިހާބުގެ ކަންކަން ނިމިގެންދާއިރު 2،500 އަށްވުރެ ގިނަ ބޭފުޅުން އިންތިހާބީ މަގާމުތަކުގައި އަޅުގަނޑުމެންގެ ހަރަކާތްތަކުގައި ރުކުރުވާލެވޭނެ. މިއީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ކާމިޔާބީއެއް،" ފިރުޒުލް ވިދާޅުވި އެވެ.
މާލޭގެ އިތުރުން ރަށްރަށުގައި ވެސް ވޯޓުލުން ކުރިއަށް ގެންދާއިރު، މި އިންތިހާބުގެ ވޯޓާސް ލިސްޓު މިހާރުވަނީ އާންމުކޮށްފަ އެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އިތުރުން އިންތިހާބާ ގުޅޭ އެކިއެކި ކަންކަމުގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
މި އިންތިހާބުގައި ޕީއެންސީގެ ވޯޓާސް ލިސްޓުގެ އަސާސެއްކަމުގައި ބަލަނީ އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެމްބަރުންގެ ދަފްތަރަށެެވެ. އެހެންވެ މި އިންތިހާބުގައި ވޯޓުލެވޭނީ މިދިޔަ މަހުގެ 15 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަނުގައި އޮންނަ ޕީއެންސީގެ ދަފްތަރުގައި ތިބި މެމްބަރުންނަށް އެކަންޏެވެ.
ޕީއެންސީގެ ދާއިރާތަކަށް އިންތިހާބުކުރާނީ ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުން ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސް އެވެ.
ޕީއެންސީ އެތެރޭގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާއިރު، ޕާޓީގެ ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15އިން 18އަށެވެ.