އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރާ އެ ދާއިރާގެ މިހާރުގެ ކައުންސިލް މެމްބަރު އިބްރާހީމް އަބޫބަކުރު ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދު ކުރައްވަން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލަށް އިބްރާހިމް އިންތިހާބުވީ ޕީޕީއެމް ޓިކެޓުގަ އެވެ. އޭގެފަހުން 2024 ވަނަ އަހަރު އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާފައިވާ ޕީއެންއެފްއާ ގުޅިވަޑައިގެންފަ އެވެ. އަދި އޭނާ މިފަހަރު ކައުންސިލްގެ ގޮނޑިއަށް ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.
ނަމަވެސް އޭނާ މިހާރު ވަނީ އެ ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ އަދި މާލޭ ސިޓީގެ މިހާރުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްއަށް ތާއީދުކުރަން ނިންމައިފަ އެވެ.
އަރީޝްގެ ކެމްޕެއިންގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަޑައިގަތުމުން އެތަނަށް ވަޑައިގެން، އިބްރާހީމް ވިދާޅުވީ އަމިއްލަގޮތުން ކުރިމަތިލީ ފޯމު ހުށަހެޅުމުގައި ދިމާވި "ކޮމިއުނިކޭޝަން އެރޯއެއްގެ" ސަބަބުން ކަމަށެވެ.
"އެހެން ނޫންނަމަ ޕާޓީއަށް މިވަރުގެ ޑެމޭޖެއް އަސްލު ލިބޭކަށް އަޅުގަނޑެއް ނޭދެން. އަޅުގަނޑަކަށް ވެސް ނޭނގޭ އޭތީގައި ކަންތައްތައް ވެގެން ދިޔަ ގޮތެއް. ރައީސަށް ވެސް އެނގިވަޑައިގެން އެކަން އޮތީ،" އިބްރާހިމް ވިދާޅުވި އެވެ.
އެހެންވެ، އެ ދާއިރާއަށް މިހާރު ވާދަ ކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަރީޝަށް ވޯޓު ދިނުމަށް އޭނާ އެދިވަޑައިގަތެވެ.
ރައީސް ވިދާޅުވީ އިބްރާހިމަކީ އެމަނިކުފާނުގެ މޭޔަރުކަމުން ފެށިގެން ކައުންސިލްގައި މަސައްކަތްތައް ވަރަށް ރަނގަޅަށް ކުރެއްވި މެމްބަރެއް ކަމަށެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދު ކުރައްވަން ނިންމެވުމުން އެކަމަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
"ވަރަށް އުފާކުރަން ކެންޑިޑެންސީ މިހާ ލަސްކޮށް ނަން ނުނެގުނަސް އިންތިހާބުގައި އިތުރަށް ކުރިއަށް ނުދާން ނިންމަވައި، އަޅުގަނޑުމެންގެ ޑެޕިއުޓީ މޭޔަރު އަރީޝަށް ތާއީދު ކުރައްވަން ނިންމެވީމަ. ވަރަށް އުފާކުރާ ކަމެއް، ވަރަށް ބޮޑަށް ޝުކުރިއްޔާ،" ރައީސް ވިދާޅުވި އެވެ.
ރައީސް މިހާރު ގެންދަވަނީ މާލެ ސަރަހައްދުގެ ހުރިހާ ދާއިރާތަކަށް ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންދަވަމުންނެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް މިފަހަރު ޕީއެންސީ ޓިކެޓުގައި ވާދަކުރައްވަނީ މޫސާ އަލީ ޖަލީލެވެ. އަދި އަންހެނުން ކޮމެޓީގެ ރައީސް ކަމަށް ވާދަކުރައްވަނީ އައިޝަތު އަލައިކާ އެވެ.