ވޯޓްލުމަކީ ގައުމީ ވާޖިބެއް ކަމަށާއި އެ ހައްގު އަދާކުރުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު އިލްތިމާސް ކުރައްވައިފި އެވެ. 

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ  1،350 ކެންޑިޑޭޓުންނާއެކު ބާއްވާ އިންތިހާބަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އިންތިހާބު ކަމަށެވެ.

އެ ވޯޓުގައި ބައިވެރިވެ ގައުމީ ވާޖިބު އަދާކޮށް ހުރިހާ ރައްޔިތުން ވެސް ވޯޓުލާން ނިކުތުމަށް ފަލާހު އެދިވަޑައިގަތެވެ. 

"ދަންނަވާލަން ބޭނުންވަނީ ހުރިހާ ދިވެހި ރައްޔިތުން އަދާކުރަން ޖެހޭ ގާނޫނީ ވަރަށް ބޮޑު ޒިންމާއެކޭ. ވީހާ ވެސް ގިނަ ރައްޔިތުން ނިކުމެ މި ވޯޓުގައި ބައިވެރިވެ ވޯޓުލައިދެއްވުމަކީ ހަގީގަތުގައި ގައުމީ ވަރަށް ބޮޑު ވާޖިބެއް ކަމަށް އަޅުގަނޑު ދެކެނީ،" ފަލާހު ވިދާޅުވި އެވެ.

ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓު މޫސާ އަލީ ޖަލީލު ވޯޓު ލައްވަނީ.-- ފޮޓޯ: ޕީއެންސީ
ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓު މޫސާ އަލީ ޖަލީލު ވޯޓު ލައްވަނީ.-- ފޮޓޯ: ޕީއެންސީ

އެ ތިން އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާފައިވާ 588 ފޮށީގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން ބުނެފައިވަނީ ހެނދުނު 10:00 އާ ހަމައަށް 41،162 މީހުން ވޯޓުލަފާއިވާ ކަމަށެވެ. އެއީ 16،166 އަންހެނުންނާއި 24،996 ފިރިހެނުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 253،714 މީހުންގެ 13.96 ޕަސެންޓެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި ޖުމުލަ 2،961 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެއީ 1،322 ކެންޑިޑޭޓުންނެވެ.

ޔާމީން ވޯޓުލައްވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
ޔާމީން ވޯޓުލައްވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

ދެވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ އަދަދަކީ 905 އެވެ. އަދި އެމްޑީއޭއިން 57 ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީން 15 ކެންޑިޑޭޓުން އަދާލަތު ޕާޓީން ނުވަ ކެންޑިޑޭޓުން އަދި ދަ ޑިމޮކްރެޓްސް ޕާޓީން އަށް ކެންޑިޑޭޓުން ވާދަކުރެ އެވެ. 

އަމިއްލަ ގޮތުން އެ ދެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 645 އެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެކަނި ވެސް 1،593 ކެންޑިޑޭޓުން ވާދަކުރާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 1،368 ކެންޑިޑޭޓުން ވަނީ ވާދަކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ތިން އިންތިހާބަށް 888,845 ވޯޓު ކަރުދާސް ނޮވެލްޓީ ޕްރިންޓާސް މެދުވެރިކޮށް ޗާޕްކުރި އެވެ.