ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބޭ ވޯޓުލުމުގެ ހައްގަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ގައުމުގެ ކުރިމަގު ބިނާކުރަން ލިބޭ ބޮޑު އަމާނާތެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
މިއަދު ފާހަގަކުރާ ވޯޓުލާ މީހުންގެ ދުވަހުގެ މުނާސަބަތުގައި އީސީން ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި ވޯޓުލާ މީހުންގެ ހައްގުތަކާއި އިންތިހާބީ ނިޒާމަށް މިހާރަށް ވުރެ ބޮޑަށް އިތުބާރު އުފެއްދުން ކަމަށެވެ. އަދި ވޯޓުލުމުގެ މުހިންމުކަން އަންގައިދީ އިންތިހާބުތަކާއި ޑިމޮކްރަސީއާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ވެސް އީސީން ބުންޏެވެ.
"ވޯޓުލުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ލިބިދޭ އަސާސީ ހައްގަކަށްވާއިރު، އެއީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ގައުމުގެ ކުރިމަގު ބައްޓަންކުރުމަށް ލިބޭ ބޮޑު އަމާނާތެކެވެ،" އީސީގެ ބަޔާނުގައިވެ އެވެ.
"އެހެންކަމުން ވޯޓު ދިނުމުގައި ވަގުތީ ފައިދާއަށް ބެލުމުގެ ބަދަލުގައި، ދީނާއި ގައުމަށް ތެދުވެރި، ގާބިލު މީހަކު އިހުތިޔާރު ކުރުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ފަރުދީ ޒިންމާއެކެވެ."
ވޯޓުލާ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ވޯޓަކީ ހައްގެއް އަދި ޒިންމާއެއް!"، އެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 25 ވަނަ ދުވަހަކީ ރާއްޖޭގައި ވޯޓުލާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އީސީން ނިންމާފައި ވަނީ 2015 ވަނަ އަހަރު ހއ. ހޯރަފުށީގައި ބޭއްވި "ޑިމޮކްރަސީ ހަފުތާ"ގަ އެވެ.
އީސީން ބުނީ ވޯޓުލާ މީހުންގެ ދުވަސް މިދިޔަ ތިން އަހަރު އެކި ހަރަކާތްތަކާ އެކު ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު، ވޯޓުލާ މީހުން އިތުރުކުރުމަކީ އެ ކޮމިޝަނުން އަބަދު ވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދީގެން ކުރާ ކަމެއް ކަމަށެވެ.
މި އަހަރުގެ ވޯޓުލާ މީހުންގެ ދުވަހާ ގުޅިގެން ވެސް ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭގެ ތެރޭގައި ދުވަހާ ގުޅޭ ގޮތުން ކޮމިޝަނުގެ މެންބަރުންގެ ހާއްސަ ބަސްދީގަތުންތަކާއި ވޯޓުލާ މީހުންގެ ދުވަހުގެ މުހިންމު ކަމާ ގުޅޭ ގޮތުން ހާއްސަ ޕޮޑުކާސްޓެއް މިއަދު މެންދުރު ފަހު 2:30 ގައި ދައުލަތުގެ މީޑިއާ ޕީއެސްއެމުންނާއި އެ ކޮމިޝަނުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްދޭނެ ކަމަށް އީސީން ބުންޏެވެ.
އީސީން ބުނީ އެ ޕޮޑުކާސްޓުގައި ވޯޓުލާ ދުވަހެއްގެ ގޮތުގައި ވަކި ހާއްސަ ދުވަހެއް ފާހަގަކުރަނީ ކީއްވެގެންކަމާއި އެކަމުގެ މުހިންމުކަމާއި ވޯޓުލުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ވޯޓަކީ ކިހާ މުހިންމު އެއްޗެއްކަމާއި ވޯޓުލުމުގެ ހައްގާއި ޒިންމާތަކާ ގުޅޭ ބައިތައް ހިމަނާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ދުވަހާ ގުޅޭ މުހިންމު މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދިނުމާއި ވޯޓުލާ މީހުންގެ ދުވަހާ ގުޅޭ ތަފާސްހިސާބުތަކާއި ވީޑިއޯ ކްލިޕްތައް ދެއްކުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އީސީން ބުންޏެވެ.