ކުޑަ އަގެއްގައި އޮލިމްޕަސް ސިނަމާ ކުއްޔަށް ދިން ނަމަވެސް ދިވެހި ފިލްމީ ދާއިރާއަށް އެވްރެޖުކޮށް އަހަރަކު 15 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭ ކަމަށް ފަންނުވެރިކަމާ ބެހޭ މިނިސްޓަރު ހީނާ ވަލީދު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ގެނެސްދޭ "އަހާ" ފޯރަމްގެ ރޭގެ އެޕިސޯޑުގައި ހީނާ އެހެން ވިދާޅުވީ އާންމު މީހަކު ކުރި ސުވާލަކާ ގުޅިގެންނެވެ. އެ މީހާ ފޮނުވި ސުވާލުގައި އެހީ ފަންނާއި ތަރިކައިގެ ދާއިރާއަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދައިން ސީދާ އެ ދާއިރާގެ އާންމު މަސައްކަތްތެރިންނަށް ލިބޭ މަންފާއަށް ވުރެ އިދާރީ ހިންގުމަށާއި އިޝްތިހާރުކުރުމަށް ކުރާ ހޭދަ ބޮޑުވަނީ ކީއްވެތޯ އެވެ.
މިނިސްޓަރު ހީނާ ވިދާޅުވީ ދިވެހި ފަންނުވެރިންނަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދައަކީ ވަރަށް ބޮޑަށް ސަބްސިޑައިޒް ކޮށްގެން ހިނގާ ހަރަދުތަކެއް ކަމަށެވެ.
މިސާލެއްގެ ގޮތުގައި ހީނާ ވިދާޅުވީ އާޓިސްޓުންނަށް ނޭޝަނަލް އާޓް ގެލެރީ ދޫކުރަނީ ދުވަހު ކުއްޔަކާ ނުލައި ކަމަށެވެ. ނަަމަވެސް އާޓިސްޓަކަށް އެ މައުރަޒަކުން ލިބޭ ފައިދާގެ 15 ޕަސެންޓު ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ ޓްރަސްޓް ފަންޑަށް ޖަމާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން ހަމަ އެއާ އެކީގައި ފިލްމީ ދާއިރާއަށް ބަލައިލި ކަމަށް ވިޔަސް، އެގޮތަށް ފަންނާނުން ކުރާ ވަރަށް މުހިންމު ވަރަށް ބޮޑު މަސައްކަތެއް އެއީ، އޮލިމްޕަހުގައި ވަރަށް ގިނަ ފިލްމުތައް މިހާރު އަޅުވަމުން އަދި އެ ދާއިރާ ވަރަށް ބޮޑަށް ކުރިއަރައިގެން މި ދަނީ. ދާއިރުގައި މި ދާއިރާގެ ވިޔަފާރިގެ އަހަރަކަށް އެވްރެޖުކޮށް މިހާރު ވިޔަފާރިގެ އަގު މި އުޅެނީ 15 މިލިއަން ރުފިޔާ ހިސާބުގައި،" ހީނާ ވިދާޅުވި އެވެ.
އޮލިމްޕަސް ވެސް ކުއްޔަށް ދެނީ ވަރަށް ކުޑަ އަގެއް ކަމަށާއި އެއީ ރެއަކަށް އެންމެ 2،000ރ. ކަމަށް ހީނާ ވިދާޅުވި އެވެ.
ނަމަވެސް، އޮލިޕްމަހުގެ ސިނަމާ ހޯލްގެ އިތުރުން ޕްރެކްޓިކްސް ރޫމްތަކާއި ޓްރެއިނިން ރޫމްތަކާއި އަދި އާޓް ގެލެރީގައި ވެސް އިތުރު ތަންތަން ހުންނައިރު، އެ ތަންތަން ބެލެހެއްޓުމަށާއި މަރާމާތުކުރުމަށް ބޮޑެތި ހަރަދުތަކެއް ހިނގާ ކަމަށް ހީނާ ވިދާޅުވި އެވެ.
"ދައުލަތުގެ ބަޖެޓުން ކުރެވޭ އެންމެ ބޮޑު ހޭދައަކީ ހަގީގަތުގައި ފަންނުވެރިންނަށް ވަރަށް ބޮޑަށް ސަބްސިޑައިޒް ކުރެވިގެން އެ ބޭފުޅުންނަށް ފަންނުވެރިކަމުގެ ދާއިރާތަކުން ވީހާ ވެސް ބޮޑަކަށް އާމްދަނީ ލިބޭނެ ފުރުސަތު ފަހިކޮށްދިނުމަށްޓަކާ އަޅުގަނޑުމެން ކުރާ ހޭދައެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތަކީ ފަންނުވެރިންނަށް ސަބްސިޑައިޒް ކޮށްދީގެން ކަމަށް ވިޔަސް، އެ މީހުންނަށް ލިބޭ އާމްދަނީ އިތުރުކުރުމާ އެކު، އެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ފަންނާނުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ހީނާ ވިދާޅުވި އެވެ.