ކަނޑުގެ ލޮނުގަނޑު މައްޗަށް ދިއުމުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކާއި އައްސޭރިފަށުގެ ގައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާތަކުން ރައްކާތެރިވުމަށާއި އެފަދަ ގައުމުތަކުގެ ގާނޫނީ ސިޔާދަތު ދެމެހެއްޓުމަށް ބާރުއަޅައި "އދ. ގެ ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭ ގަރާރު" އދ. ގެ އާންމު މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފި އެވެ.
މިއީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ފެންވަރެއްގައި މިފަދަ ފުރިހަމަ ގަރާރެއް އދ. އިން ފާސްކުރި ފުރަތަމަ ފަހަރެވެ. އެ ގަރާރު ފާސްކުރީ މިދިޔަ މަހު 24 ގަ އެވެ.
ގަރާރުގެ މުހިންމު ނުކުތާތައް
- މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުން: ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ގައުމެއްގެ ބިމުން ބައެއް ގެއްލުނު ނަމަވެސް، އެ ގައުމެއްގެ މިނިވަންކަމާއި ސިޔާދަތު، އަދި އދ. ގެ މެންބަރުކަން ދެމިއޮންނާނެކަން ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ކަށަވަރުކޮށްދިނުން.
- ކަނޑުގެ ސަރަހައްދީ އިމުގެ ރައްކާތެރިކަން: އދ. ގެ ކަނޑުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އިގުތިސާދީ ހާއްސަ ސަރަހައްދުތަކާއި ކަނޑުގެ އިންތައް، ބިންގަނޑަށް އަންނަ ބަދަލުތަކާ އެކު ބަދަލުނުވެ ދެމިއޮންނާނެކަން ކަށަވަރުކުރުން
- މާލީ އެހީތެރިކަން އިތުރުކުރުން: ތިމާވެށީގެ ނުރައްކާތަކުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމަށް ގޮވާލުން.
ރާއްޖޭގެ ދައުރާއި ވަކާލާތު
ރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ މައިދާނުގައި އެންމެ އިސްވެ، ވަކާލާތުކުރަމުން އަންނަ އެއް ގައުމެވެ. މީގެ 37 އަހަރު ކުރިން، 1989 ވަނަ އަހަރު މާލޭގައި ބޭއްވި ކުދި ޖަޒީރާ ގައުމުތަކުގެ ބައްދަލުވުމުގައި އެކުލަވާލި "މާލެ ޑިކްލަރޭޝަން"އަކީ މި މަސައްކަތުގެ ފެށުމެވެ.
އދ. ގެ އާންމު މަޖިލީހުން މިދިޔަ މަހު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދެއްވި ތަގުރީރުގައި ވިދާޅުވެފައި ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކަލުން ސަލާމަތްވުމަށް އޮތް ހައްލަކީ "ފަސްޖެހުން ނޫން" ކަމަށާއި އޭގެ ބަދަލުގައި ސާބިތުކަމާ އެކު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.
ނައިބު ރައީސް ވަނީ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން އަވަސްކުރުމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ކުދި ގައުމުތަކުގެ ހައްގުއް ފުރިހަމައަށް ކަށަވަރުކޮށްދިނުމަށް ގޮވާލައްވައިފަ އެވެ.