މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މާލޭގައި ހަދާ ދެ ޕާކިން ބިލްޑިންގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރުގެ ކުރިން ނިންމާލެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ހީނާމާގޭ ޕާކިންގައި، ޕާކިން ބިލްޑިންއެއް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށާއި އެ މަސައްކަތާ ގުޅިގެން މިހާރު ކުރިއަށް ގެންދަނީ ކޮންޓްރެކްޓަރާ އެކު، އެންމެ ފަހު ޑީޓެއިލް މަސައްކަތްތައް ކުރުން ކަމަށެވެ. 

މާލޭގައި ދެން ޕާކިން ބިލްޑިން އަޅަނީ ސޯސަން މަގުގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލާ ޖެހިގެން ހުންނަ ހުސް ބިމުގަ އެވެ. 

ސައީދު ވިދާޅުވީ އެ މަސައްކަތް މިހާރު އޮތީ ކޮންޓްރެކްޓަރާ ހަވާލުކުރުމުގެ ފައިނަލް މަރުހަލާގައި ކަމަށެވެ. 

"ހީނާމާގޭ ޕާކިން ބިލްޑިން އެޅުމަށްޓަކައި ރައީސް ވަނީ ނިންމަވާއިފައި. ކޮންޓްރެކްޓަރާ އެކީގައި އެންމެ ފަހުގެ ޑީޓެއިލްތަކަށް މަސައްކަތްކުރަމުން. ދެން ސޯސަން މަގުގެ ޔުނިވާސިޓީއާ ޖެހިގެން އޮތް ބިމުގައި ވެސް ޕާކިން ބިލްޑިންއެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުން. އިއްޔެ އަޅުގަނޑުމެންނަށް ވަނީ އެ މަސައްކަތުގެ ގާތްގަނޑަކަށް ފައިނަލް މަރުހަލާ ނިންމާލެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މާގިނަ ދުވަސްތަކެއް ނުވެ އެ މަސައްކަތްތައް ހަވާލުކޮށް، މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މިވަގުތުގެ އަމާޒަކީ އަންނަ ނޮވެމްބަރުގެ ކުރިން ޕާކިން ބިލްޑިންތަކުގެ މަސައްކަތް ނިންމުން ކަމަށް ވިދާޅުވި އެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ--
ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ--

އެ ޕާކިން ބިލްޑިންތަކާ އެކު، މާލޭގެ ޕާކިންއަށް ލުޔެއް ލިބޭނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. 

"މާ ގިނަ ދުވަހެއް ނުވެ ކޮންޓްރެކްޓަރާ ހަވާލުކުރެވި ދެ ބިލްޑިންގެ ވެސް ޓާގެޓަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން މި ތަންތަން ނިންމުން. އެހެންވީމަ ޕާކިންގެ ހައްލު މީގެ ކުރިން ނެތް ހައްލުތަކެއް އިރާދަކުރެއްވިއްޔާ މި ގެނެވެނީ." ސައީދު ވިދާޅުވި އެވެ. 

މިދިޔަ ޖުލައި މަހު "ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވަނީ މާލޭގައި ދެ ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަން އިއުލާން ކުރައްވައިފަ އެވެ. 

ރައީސް ވިދާޅުވީ މިހާތަނަށް ވެސް އެ މަސައްކަތް މަޑުޖެހިފައި އޮތީ ރާއްޖެއިން ބޭރުން ފައިނޭންސް ހޯދުމަށް ކަމަށެވެ. އެކަމަކު އިތުރަށް މަޝްރޫއު ފަސްކުރުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ. 

މިދިޔަ މާޗް މަހު ވަނީ ހުޅުމާލޭގައި ހަތަރު ޕާކިން ބިލްޑިން އެޅުމަށް ބެޗް ކޮންސްޓްރަކްޝަނާ ހަވާލުކޮށް މަސައްކަތް ފަށައިފަ އެވެ.

ބެޗް ކޮންސްޓްރަކްޝަން ކުންފުނިން 13 ބުރީގެ އިމާރާތް އަޅަން ނިންމާފައިވަނީ ހުޅުމާލޭގެ 1 ގަ އެވެ. އެ ތަނުގައި ދެ ފުރޮޅުލީ އުޅަނދުތަކަށް 500 އަށް ވުރެ ގިނަ ޖާގަ އަދި ހަތަރު ފުރޮޅުލީ އުޅަނދަށް 800 އަށް ވުރެ ގިނަ ޖާގަ ކަނޑައަޅާފައިވެ އެވެ. އެއީ މިހާތަނަށް އަޅަން ނިންމާފައިވާ ޕާކިން ބިލްޑިންތަކުގެ ތެރެއިން އެންމެ ބޮޑު ތަނެވެ. 

ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ޕާކިން ބިލްޑިން އަޅާނީ ކުރިއަރާފައިވާ ގައުމުތަކުގައި އެފަދަ ބިލްޑިންތައް ގެންގުޅޭ ކޯޑުތަކަށެވެ. އެގޮތުން، އިމާރާތުގެ ތެރޭގައި ޓްރެފިކް ފްލޯއަށް އިސްކަންދީ، ކޮމާޝަލް ސްޕޭސް ހިމެނޭނެ ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ.