ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އުފެއްދީއްސުރެ އެ އިދާރާގެ ޗީފް އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި ހިސާން ހަސަން އެ މަގާމުން ވަކިކޮށްފި އެވެ.

ހިސާން މަގާމުން ވަކިކޮށްފައިވާކަން އިތުބާރު ހުރި މަސްދަރަކުން "މިހާރު"އަށް ކަށަވަރުކޮށްދިން ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އުފެއްދީ 2004 ވަނަ އަހަރު ރާއްޖެއަށާއި އޭޝިއާގެ ގިނަ ގައުމުތަކަކަށް ކުރިމަތިވި ސުނާމީއަށް ފަހު ކުއްލި ހާލަތުގައި މީހުންނަށް އެހީވުމަށާއި ރާއްޖެއަށް ލިބުނު އެހީގެ ކަންކަން ބެލެހެއްޓުމަށެވެ.

އެ ސެންޓަރު އުފެއްދުމާ އެކު އެތަން ހިންގަވަން ސަރުކާރުން އައްޔަން ކުރި ހިސާން އޭރު ހުންނެވީ  މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް(އެމްއެންޑީއެފް)ގެ ލާންސްކޯޕްރަލްގެ ރޭންކްގަ އެވެ.

އޭގެ ފަހުން 2011 ގައި އެތަން މަދަނީ އިދާރާއަކަށް ބަދަލުކޮށް، 2015 ވަނަ އަހަރު ފާސްކުރި ގާނޫނަކުން އެއިދާރާއަށް ގާނޫނީ ބާރު ދިން އިރު ވެސް އިސްކޮށް ހުންނެވީ އޭނާ އެވެ.

މިހާރު އޮތް ގޮތަށް އެންޑީއެމްއޭގެ ނަމަށް އެ އިދާރާގެ ނަން ބަދަލުކޮށް އެތަނުގެ ސީއީއޯގެ މަގާމަށް ހިސާން ހަމަޖެއްސީ 2018 ވަަނަ އަހަރު އެވެ.