އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ދުނިޔޭގެ ބާރުތަކުން މި ސަރަހައްދަށް ބޮޑެތި އަސްކަރީ އާލާތްތައް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ދިވެހި ސަރުކާރުން މިއަދު ރައްދު ދީފި އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ބައިނަލްއަގުވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ހާއްސަ އިގުތިސާދީ ސަރަހައްދު ހިމެނޭ ގޮތަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ގޮތުން ނުވަތަ އެ ނޫން ވެސް ގޮތަކުން ބަލަހައްޓަން ބޭރުގެ ފަރާތަކަށް ހުޅުވައިލުމަކީ ރާއްޖޭގެ މިނިވަންކަމާއި ދިވެހި ސިޔާދަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށެވެ.
އެއީ މި ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތަށް އަސަރު ކުރާނެ ކަމެއް ކަމަށާއި އެކަން އެގޮތަށް ނުކުރުމަކީ ދިވެހި ސަރުކާރުގެ އަސާސީ ސިޔާސަތެއް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
...ވީމާ، ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އެއްވެސް ހާލެއްގައި ބޭރުގެ އަސްކަރީ ނުވަތަ އެ ނޫން ވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭ ކަމުގައި ދަންނަވަމެވެ. އަދި މި ނޫން ގޮތަކަށް މޭރުން ވެދާނޭ ފަދަޔަކުން ބޭރުގެ ނުފޫޒަކަށް، ސީދާ ނުވަތަ ނުސީދާ ގޮތަކުން ވިޔަސް އެއްވެސް ފަރާތަކުން ދަޢުވަތު ނުދިނުމަށް ދިވެހިސަރުކާރުން އިލްތިމާސްކުރަމެވެ،" ސަރުކާރުގެ ބަޔާނުގައި ވެ އެވެ.
ޖޯގްރަފީއަށް ބަލާއިރު ރާއްޖެއަކީ ސްޓްރެޓިޖިކް ގޮތުން ވަރަށް މުހިންމު ތަނެއްގައި ލައްވާފައިވާ ގައުމެއް ކަމަށް ވެސް ދިވެހި ސަރުކާރުން ފާހަގަކުރި އެވެ. ރާއްޖޭގައި ހުރި ބައިނަލްއަގުވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރި އާއި އާންމު ވިޔަފާރީގެ ވަރަށް ބޮޑު ޕަސެންޓްއް ދުނިޔޭގެ އެއް ބައްރުން އަނެއް ބައްރަށް ދަތުރުކުރަން ބޭނުންކުރާ މުހިންމު ކަނޑުއޮޅިތަކެއް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ސަރުކާރުން ބުނި ގޮތުގައި ރާއްޖޭގެ ސަހައްދު އަމާންކަމާ އެކު، ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދޭ ދިނުމަކީ ދުނިޔޭގެ ތެލުގެ އަދި އެހެނިހެން ވިޔަފާރިތަކަށް ރާއްޖެއިން ޒަމާނުއްސުރެ ކޮށްދޭ އަގުހުރި ހިދުމަތެކެވެ. އެއީ ދުނިޔެ އާއި މި ސަރަހައްދުގެ ހަމަޖެހުމަށާއި އަމާންކަމަށް ކޮށްދޭ ވަރަށް މުހިންމު ހިދުމަތެއް ކަމަށް ވެސް ބުންޏެވެ.