މީގެ 13 އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ހުސައިން ވަހީދުގެ މަރުގެ މައްސަލާގައި ކުށް ސާބިތުވެފައިވާ ކުޑަ ކުއްޖެއްގެ މައްޗަށް އޮތް މަރުގެ ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.
ޑިސެމްބަރު 2013 ގައި މ. އައިޝާ، ހުސައިން ވަހީދަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން 2015 ވަނަ އަހަރު ހުކުމްކުރި އެވެ. އެ ދެ ކުދިންގެ މަރުގެ ހުކުމް ހައި ކޯޓުން ތާއީދުކޮށްފައިވެ އެވެ.
އޭގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް އޮތް މަރުގެ ހުކުމުގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ އަދަބު ބަދަލުކޮށްދޭން ވަނީ އެދިފަ އެވެ. ދައުލަތުން އެގޮތަށް އެދުނީ މީލާދީ ގޮތުން 18 އަހަރު ނުފުރޭ ކުދިންނަށް މަރުގެ އަދަބު ދިނުން ކުޑަކުދިންގެ އަދުލުގެ ގާނޫނުން މަނާކޮށްފައިވާތީ އެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމްގައި ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން ކުޑަކުދިންގެ މައްޗަށް މަރުގެ ހުކުމް އިއްވުން މަނާކޮށްފައިވާތީ، ކުއްޖާގެ މައްޗަށް އޮތް މަރުގެ ހުކުމް ބާތިލްކުރަން ޖެހޭ ކަމަށެވެ.
އެހެންވެ، ހައި ކޯޓުން ތާއިދުކޮށްފައި އޮތް ހުކުމް ބާތިލްކޮށް އަލުން އަދަބު ކަނޑައަޅަން މައްސަލަ ޖުވެނައިލް ކޯޓަށް ވަނީ ފޮނުވައިފަ އެވެ. ގާނޫނުގައިވާ ގޮތުން މަރުގެ ހުކުމެއް ކަނޑައަޅާފައިވާ ކުށެއް ކުޑަކުއްޖަކު ކޮށްފި ނަމަ، އެ ކުއްޖާއަށް 18 އަހަރު ވުމަށް ފަހުގައި ވެސް ކަނޑައަޅަން ޖެހޭ މަރުގެ ހުކުމް ފިޔަވައި ދެން އޮންނަ އެންމެ ބޮޑު އަދަބެއްގެ ހަތަރުބައިކުޅަތިންބަޔަށް ވުރެ ބޮޑު ނޫން އަދަބެކެވެ.
މި މައްސަލާގައި މަރަން ހުކުމްކުރި އަނެއް ކުއްޖާގެ ހުކުމް ވެސް 2024 ވަނަ އަހަރު ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވެ އެވެ. އެ ހުކުމް ބާތިލްކުރީ ހުސެއިން ވަހީދުގެ މަންމަ އެ ކުއްޖާއަށް މާފުދީފައިވާތީ އެވެ. މަންމަ މާފުދީފައިވަނީ އެ ކުއްޖާ މާފަށް އެދުމުންނެވެ. އެހެންކަމުން އިސްލާމީ ޝަރީއަތުގެ ދަށުން އެ ހާލަތުގައި މަރުގެ އަދަބު ނުދެވޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
އެ ކުއްޖާގެ މައްޗަށް ގާނޫނީ ގޮތުން ދެން ކަނޑައެޅޭނެ ގާނޫނީ އަދަބަކާ މެދު ގޮތެއް ނިންމުމަށް ޖުވެނައިލް ކޯޓަށް އެ މައްސަލަ ވެސް ތަހުވީލްކުރި އެވެ.
އެ ދެ މީހުންނަށް މިހާރު އުމުރުން 18 އަހަރު ފުރިފައި ވިޔަސް، އެ މީހުން ކުށްކުރީ ކުޑަކުދިންގެ ގޮތުގައި ތިބެ ކަމަށްވާތީ އެ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.