އާއިލާ އާއި އަވަށްޓެރިންނަށް މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ އެތައް އުނދަގުލެއް ކޮށްފައިވާ އަހްމަދު ފައިރިޝްގެ މައްސަލައިގައި އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީންވުމުން މުހައްމަދު ސައީދު އޭނާގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައްވައިފި އެވެ. 

ބީއެމްއެލްގެ ހެޑް އޮފް މާކެޓިން އެންޑް ސްޓްރެޓެޖީ ސައީދު ފޭސްބުކްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 35 ގަޑިއިރަށް ފަހު، އޭނާގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލީ މި މައްސަލައިގައި ކުރިއަށް އޮތް ތަނުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ކަމާބެހޭ އިދާރާތަކުން ދީފައި ވާތީ ކަމަށެވެ. 

"ހޯމް މިނިސްޓަރު އަލީ އިހުސާން އަމިއްލަފުޅަށް ވެވަޑައިގެންނެވި ވައުދަށް ޝުކުރު އަދާކުރަން. މި ވެވަޑައިގެންނެވި ވައުދުތައް ފުރިހަމައަށް އަމަލީ ސިފައެއް އަންނަކަން ކަށަވަރުކުރުމަށް އަހަރެން މިކަންކަން ފާރަވެރިކަމާ އެކު ބަލަމުންދާނަން،" ސައީދު ވިދާޅުވި އެވެ. 

މި ހަޅުތާލުގެ ވަގުތު ސާބިތުކަމާ އެކު ކައިރީގައި ތިބި އާއިލާ އާއި އެހެން އެންމެންނަށް ޝުކުރު އަދާކޮށް ސައީދު ވިދާޅުވީ މި މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައުމުގައި އެހީތެރިވެދިން މީޑިއާތަކަށާއި ސޯޝަލް މީޑިއާ ޓީމުތަކަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. 

ސައީދު ވަނީ މި މައްސަލައިގައި އޭނާގެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އިސްމާއިލް ނިޒާރު ދެއްވި އެއްބާރުލުން ވެސް ފާހަގަކުރައްވައިފަ އެވެ. 

ސައީދު ކުރިން ވިދާޅުވި ގޮތުގައި، ހަޅުތާލަށް ނުކުންނަވަން މަޖުބޫރުވެވަޑައިގަތީ ހުރިހާ މުއައްސަސާއަކަށް ވެސް އެ މައްސަލަ ހުށަހަޅައި އެއްވެސް ކުރިއެރުމެއް ނުލިބުމުންނެވެ. 

އޭނާ ދިރިއުޅޭ ގެ ހުންނަ ހ. ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ފައިރިޝްގެ އުނދަގޫ ކުރިމަތިވެފައިވާތާ އެތައް ދުވަހެއްވެފައިވާއިރު، އެކަމުގެ ޝަކުވާ އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ބަޔަކު ވެސް ކޮށްފައިވެ އެވެ. އެ މަގުން ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ފުރައްސާރަކޮށް، ޖެންސުންކޮށް ހަދާ ފައިރިޝްގެ އެތައް މައްސަލައެއް މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ޕޮލިހަށް ރިޕޯޓްކުރި އެވެ. 

ނަމަވެސް، ވަރަށް ފަހުން އެ މައްސަލަތަކުގެ އަޕްޑޭޓް ބެލިއިރު، ފުލުހުން އެ ހުރިހާ މައްސަލައެއް ފައިލްކޮށްފައި ހުރިކަން އެނގުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ހަޅުތާލު ކުރަން ފެށުމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ރޭ އޭނާއާ ބައްދަލުކުރައްވައި، ޕޮރިސިއުޓާ ޖެނެރަލްއާ މަޝްވަރާ ކުރައްވައިގެން މި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.  

ސައީދު ހަޅުތާލު ފެށި ހަބަރު މީޑިއާތަކުގެ ސުރުހީތަކަށް އެރި ފަހުން ފުލުހުން ވަނީ ފައިރިޝް ރޭ ހައްޔަރުކޮށްފަ އެވެ.