ގެދޮރު އިމާރާތްކުުރުމަށާއި ގަތުމަށް ލޯނު ނަގަން ބޭނުންވާ އިކުއިޓީގެ އެހީތެރިކަން ދިނުމަށް ސަރުކާރުން އެކުލަވާލާފައިވާ ޕްރޮގްރާމަށް އިތުރު ދެ ކަމެއް އިތުރުކޮށް، މާލީ ހަތަރު އިދާރާއެއްގެ ބައިވެރިވުމާ އެކު ހައުސިން މިނިސްޓްރީން މިއަދު އެމްއޯޔޫތަކުގައި ސޮއިކޮށްފި އެވެ.
"ނޭޝަނަލް ހޯމް އޯނަޝިޕް ޕްރޮގްރާމް" ދަށުން ނަގާ ލޯނަށް އިކުއިޓީ ދޭން ހިންގާ "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ޕްރޮގްރާމް މިއަދު ލޯންޗްކުރީ ބީއެމްއެލް އާއި އެމްއިބީ އާއި އެޗްޑީއެފްސީ އާއި މޯލްޑިވްސް ހައުސިން ފައިނޭންސް ލީޒިން (އެމްއެފްއެލްސީ) އާ ގުޅިގެންނެވެ.
ގެދޮރު އެޅުމަށާއި ގަތުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ބޭންކުތަކުން ކަނޑައަޅާ އިކުއިޓީ ޕޭމަންޓް ދެއްކުމުގައި ދިމާވާ ދަތިތައް ކަމަށް، ވޯލްޑް ބޭންކް ގްރޫޕްގެ އެހީތެރިކަމާ އެކު ހެދި މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓް (އެމްޔޫޑީއާރްޕީ) އިން ދައްކާފައިވާކަން ހައުސިން މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.
އެހެންވެ ނޭޝަނަލް ހޯމް އޯނަޝިޕް ޕްރޮގްރާމަށް މިއަދު އިތުރުކުރި ދެ ބައިގެ މަގްސަދަކީ ގޯއްޗެއް އޮވެ، މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރެވިފައިނުވާ މީހުންނަށާއި އަލަށް ގެދޮރު ގަންނަ މީހުންނަށް އެހޯވުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ހެލްޕް ޓު ބިލްޑް
- ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެދޮރު އިމާރާތްކުރުމަށް ބޭންކް ލޯނެއް ހޯދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ.
- މިބައި އަމާޒުކޮށްފައިވަނީ މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް. (ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު މީގެ ތެރޭގައި ނުހިމެނޭނެ)
- 1 މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީ ޕޭމަންޓަށް ދެ ލައްކަ ރުފިޔާއާ ހަމަޔަށް ސަރުކާރުން ހިލޭ އެހީ ދޭނެ.
- އާއިލީ ބިމެއްގައި އެއްފަރާތަށްވުރެ ގިނަ މިލްކުވެރިން އެކުވެގެން އިމާރާތްކުރަން ބޭނުންވާ ހާލަތެއްގައި ބޮލަކަށް ދެ ލައްކަ ރުފިޔާގެ މަގުން 1 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނުގެ އިކުއިޓީ ޕޭމަންޓުގެ ގޮތުގައި ހަމަޖައްސައިދޭނެ. މި އުސޫލު ހިނގާނީ މާލޭގެ ބިންތަކަށް އެކަނި.
- ކުރެހުމާއި ބީއޯކިއުއަށް ބަލައި، 1 މިލިއަން ރުފިޔާއަށްވުރެ މަތިން ލޯނު ނެގި ނަމަވެސް ސަރުކާރުން ދޭ އެހީގެ އެންމެ މަތީ އަދަދަކީ ބޮލަކަށް ދެ ލައްކަ ރުފިޔާ.
- މިއީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް. ނަމަވެސް 20 އަހަރު ދުވަހުގެ ތެރޭގައި އެ އިމާރާތް ވިއްކާލައިފި ނަމަ އެ ފައިސާ ދައުލަތަށް އަނބުރާ ދައްކަންޖެހޭނެ.
ހެލްޕު ޓު ބައި
- އެފޯޑަބްލް ހައުސިން: ޕީޕީޕީ އުސޫލުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އަގުހުރި އެފޯޑަބްލް ހައުސިން ޔުނިޓެއް ގަތުމަށް 250،000ރ. އާ ހަމައަށް ހިލޭ އެހީ ދޭނެ. (މިއީ 2024 ވަނަ އަހަރުގެ 'ހިޔާވަހި' ސްކީމާ ވަކިން ހިންގާ ސްކީމެއް)
- މާކެޓް ރޭޓް ޔުނިޓްސް: ރިއަލްއެސްޓޭޓް އުސޫލުން މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށް ވެސް 250،000ރ. އާ ހަމައަށް ހިލޭ އެހީ ދޭނެ.
- މި އެހީގެ ފައިސާ މާލީ އިދާރާތައް މެދުވެރިކޮށް ދައްކާނީ ސީދާ ޑިވެލޮޕަރަށް. އަދި ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ އަދަދު އުނިކުރާނެ.
މި ޕްރޮގްރާމްގެ ދަށުން އެހީ ލިބޭނީ އެދޭ ފަރާތުގެ ނަންމަތީގައި އިމާރާތްކޮށްފައިވާ އެހެން އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް ނެތް ފަރާތްތަކަށެވެ. އަދި އިމާރާތްކުރާ ބިމަކީ އެދޭ ފަރާތް ނުވަތަ ފަރާތްތަކުގެ އަމިއްލަ މިލްކަކަށް ވާންޖެހެ އެވެ.
ދިރިއުޅޭނެ ގެއެއް އެޅުމަށް މި ލޯނު މައިގަނޑު ގޮތެއްގައި އަމާޒުކުރި ނަމަވެސް އެ އިމާރާތުގެ ބައެއް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިކުއިޓީ ދޫކުރާ ޕްރޮގްރާމް ލޯންޗްކުރަން ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވީ މިއަދު ސޮއިކުރި އެމްއޯޔޫތަކަކީ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފަސޭހަކަން ހޯދައިދޭން ސަރުކާރުން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.
"ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، ބޯހިޔާވަހިކަން އެންމެންނަށް، މި ސިޔާސަތު ބިނާވެފައި ވަނީ ސަރުކާރުން އިމާރާތްކުރާ ފްލެޓް އަދި ގެތައް ރައްޔިތުންނަށް ލިބުމަށް މަގުފަހިކުރުމަށާއި ސަރުކާރުން އެހީވެދީގެން އަމިއްލަ ފަރާތްތަކުން އިމާރާތްކުރާ އެފޯޑަބަލް ހޯމްސްތައް އަތްފޯރާ އަގުތަކުގައި ވިއްކާ ހިޔާވަހިކަން ރައްޔިތުންނަށް ލިބޭނެ މަގުފަހިކުރުަމަށާއި ސަރުކާރުން އެކި ގޮތްގޮތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީގެން، ރައްޔިތުން އެފަރާތްތަކުގެ އަމިއްލަ ބިމުގައި އިމާރާތްކުރުމުގެ ފުރުސަތު ހޯދައިދިނުމަށާއި ހަމަ އެހެންމެ ސަރުކާރުން އެހީތެރިވެދީގެން އަމިއްލަ ބޯހިޔާވަހިކަން ގަތުމުގެ ފުރުސަތު ހޯދައިދިނުމުގެ މައްޗަށް،" މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމްގެ އެއް ބޭނުމަކީ ސަރުކާރުން އިމާރާތްކުރާ ހައުސިން ޔުނިޓްތައް އެންމެ ނިކަމެތި މީހުންނަށް ލިބޭނެ މަގުފަހިކުރުމެވެ.