ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުން އައި ކުންފުންޏަކުން އެކަމާ ބެހޭ ގަވައިދާ ހިލާފުވުމުން 500،000ރ. އިން ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނި ގޮތުގައި މަނީ އެކްސްޗޭންޖިން ވިޔަފާރިއާ ބެހޭ ގަވައިދާ ހިލާފުވެގެން ޖޫރިމަނާކޮށް ލައިސަންސް ހިފެހެއްޓީ އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުފުންޏެކެވެ.
މިއީ ރާއްޖޭގައި އެންމެ ގިނައިން ބޭރު ފައިސާ މާރުކުރާ އެއް ކުންފުނި ކަމަށް އެނގިފައިވެ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޫބަރުން މި އަހަރުގެ ޖޫންއާ ދެމެދު 18 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ މުއާމަލާތް މި ކުންފުނިން ކޮށްފައިވެ އެވެ.
އެ ކުންފުންޏަށް ސުޕަވައިޒަރީ ފިޔަވަޅު އެޅީ އެމްއެމްއޭއިން ބުނި ގޮތުގައި މިއަދު އެވެ.
ރާއްޖޭގައި ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތާށިކަމާ އެކު ބޮޑު އަގުގައި، ގަވާއިދާ ހިލާފަށް ޑޮލަރު ވިއްކުން ހުއްޓުވަން މަރުކަޒީ ބޭންކާއި ތަންފީޒީ އިދާރާތައް ގުޅިގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ގަވައިދާ ހިލާފަށް ބޭރުފައިސާގެ ވިޔަފާރިކުރާ މީހުން ހޯދަން ފަށާފައިވާ މަސައްކަތުގައި ބައެއް ތަންތަން ފާސްކޮށް އެތައް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ގިނަ އަދަދެއްގެ ފައިސާ ވެސް ވަނީ ހިފަހައްޓައިފަ އެވެ. އެފަދަ މުއާމަލާތްތައް ހުއްޓުވަން ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ބޭރުފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ވަނީ ގެނެސްފަ އެވެ.
ބޭރު ފައިސާގެ ވަގު ވިޔަފާރި އާއި ބޭރު ފައިސާ ސިއްރުން ބޭރުކުރަން އުޅުމުގެ މައްސަލަތަކުގައި ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް އަތުލައިގެންފައިވެ އެވެ.
ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އެމްއެމްއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކަށް ކުރިއަށް އޮތްތާގައި ވެސް ތަންފީޒީ އިދާރާތަކާ ގުޅިގެން ފިޔަވަޅުއަޅާނެކަމުގެ އިންޒާރު ވެސް އެމްއެމްއޭއިން ދިނެވެ.