ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ ހުޅުވާލީ އެލްޖީއޭގެ ބޯޑުގައި މަދަނީ ޖަމިއްޔާއެއް ތަމްސީލުކުރާ މެމްބަރުގެ މަގާމު ހުސްވެފައިވާތީ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށާއި މިއަދުން ފެށިގެން އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމައަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 ފޯމު ބަލައިގަންނަމުންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެލްޖީއޭ ބޯޑަކީ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ. އޭގެ ތެރޭގައި ރަށު ކައުންސިލަރުންގެ ތެރެއިން ހޮވޭ މެމްބަރަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން ހޮވޭ މެމްބަރަކު ހިމެނެ އެވެ.

ކައުންސިލްތައް ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރުކުރުވުމުގެ ޒިންމާ އޮންނަ އެލްޖީއޭގެ ބޯޑު ރައީސަކަށް މިހާރު ހުންނަވަނީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އެ އޮތޯރިޓީގެ ސީއީއޯއަކީ މުހައްމަދު ނިމާލެވެ.