އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންނަ އަހަރަށް 133.5 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ އިއްތިފާގުންނެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް މިއަދު އިއްވި އެވެ. މާލިއްޔަތު ކޮމިޓީގެ މެންބަރު، ފުނަދޫ ދާއިރާގެ މެންބަރު އަހުމަދު މަމްދޫހު، އެ ރިޕޯޓް އިއްވަމުން ވިދާޅުވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅީ މިއަހަރުގެ ބަޖެޓަށް ވުރެ ކުޑަކޮށް ކަމަށެވެ.
އެ އޮފީހުން ރިކަރެންޓް ހަރަދަށާއި އޮފީސް ހިންގަން ބޭނުންވާ ހަރުމުދާ ހޯދަން ކުރާ ހަރަދުގެ ގޮތުގައި އަންނަ އަހަރަށް ލަފާކޮށްފައި ވަނީ 90.09 މިލިއަން ރުފިޔާ އެވެ. އެ ކަންކަމަށް ހަރަދުކުރަން މިއަހަރަށް ލަފާކުރީ 92.1 މިލިއަން ރުފިޔާ އެވެ. އެހެންވެ އަންނަ އަހަރަށް ލަފާކޮށްފައިވާ އަދަދަކީ 2.7 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
އޮޑިޓް އޮފީހުގެ ރިކަރެންޓް ހަރަދުގެ ގޮތުގައި އަންނަ އަހަރަށް ލަފާކޮށްފައި އޮތީ 85.8 މިލިއަން ރުފިޔާ އެެވެ. އެއީ މިއަހަރަށް ފާސްކުރި ބަޖެޓަށް ވުރެ ހަތަރު ޕަސެންޓް ދަށް އަދަދެކެވެ.
އެގޮތަށް ނިންމައި މާލިއްޔަތު ކޮމިޓީން ހުށަހެޅި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ އޮޑިޓާ ޖެނެރަލްގެ އޮފީހަށް ފާސްކުރި ބަޖެޓްގެ ބޮޑު ބައެއް އެ އޮފީހަށް އިމާރާތެއް އަޅަން ހަރަދުކުރާ ގޮތަށް އޮތް ނަމަވެސް އެއީ ބޮޑު ބަޖެޓެއް ކަަމަށެވެ. އެވަރުގެ ބަޖެޓަކާ އެކު ޒިންމާދާރު މަސައްކަތްތަކެއް ކުރަން ބައެއް މެންބަރުން އެއޮފީހަށް ގޮވާލެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ އޮޑިޓް އޮފީހަކީ ރައްޔިތުންގެ ފައިސާއިން އިސްރާފުވާ ފައިސާ އަނބުރާ ހޯދައިދިނުމުގައި ބޮޑު ދައުރެއް އަދާކުރަން ޖެހޭ އިދާރާއެއް ކަަމަށެވެ.
"ހަމަ އެކަނި އެބޭފުޅުން ރިޕޯޓެއްގެ ސިފައިގައި އެކަންކަން ފާހަަގަކޮށްލައިގެން ނުވާނެ، ހަމަ އެއާ އެއްކޮަށް ސިޔާސީ ކުލަޖެހިގެން ހަމަ އެއްވެސް ކަމެއް ހާއްސަގޮތެއްގައި މި އޮޑިޓާ ޖެނެރަލް އޮފީހުން ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
"އެބޭފުޅުން ނެރޭ ރިޕޯޓްތަކަކީ ހައްގު ގޮތުގައި [ނެރޭ ރިޕޯޓްތަކަށް ވާން ޖެހޭނެ]. ކަމެއް ނުކުރާ މީހެއްގެ ބޮލުގައި ބަދުނާމު އަޅުވައިގެން ނުވާނެ އަދި ކަމެއް ކޮށްފައި ހުންނަ މުއައްސަސާއަކުން އެކަމެއް ނުކުރާ ކަމަށް ރިޕޯޓެއްގައި އެއްޗެއްގައި ހިމަނައިގެން ނުވާނެ،" ފަލާހު ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓް މިއަހަރާ އަަޅައި ބަަލާއިރު އަންނަ އަަހަރަށް ކުޑަކޮށްފައިވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ އޮފީހުގެ މުވައްޒަފުންނަށް ކުރާ ހަރަދު އަހަރުން އަހަރަށް ކުޑަކުރާ ނަމަ އޮޑިޓަރުންގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުކުރެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ބޭނުންވި އަދަދަށް މިދިޔަ ދެތިން އަހަރު ވެސް އެ އޮފީހަށް ބަޖެޓްދީފައިވާ ކަމަށެވެ. އެހެން އެކަން އޮތް އިރު އެ އޮފީހުގެ މަސައްކަތްތައް ތަރުތީބުކޮށްފައި އޮތީ ކައުންސިލްތަކުގެ އޮޑިޓްތަކަށް އިސްކަންދޭ ގޮތަށް ކަމަށާއި ކައުންސިލްތަކުގެ އޮޑިޓަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ފާހަގަކުރެވޭ ކަމަކީ އޮޑިޓާ ޖެނެރަލް އޮފީހުން ބޮޑަށް ފޯކަސް ކުރަންވީ އޭރިއާތަކަށް ފޯކަސްނުކުރެވިދާކަން. ބޮޑެތި ފައިސާގެ އަދަދުތައް ހުންނަ އޮޑިޓްތަކަށް ނުދެވޭތަން އަޅުގަނޑުމެންނަށް މިފެންނަނީ،" ޝަމްހީދު ވިދާޅުވި އެވެ.
ކައުންސިލްތަކުގެ އަަދަދު ގިނަކަމާ އެކު އެތަންތަނުގެ އޮޑިޓް ނިންމާފައި އޮޑިޓްއޮފީހުން ދެން ކުރާނެ އެހެން ކަމެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.