އުނގޫފާރު ހޮސްޕިޓަލުން އާސަންދައިގެ ދަށުން ތިން އަހަރު ދިން ހިދުމަތްތަކުގެ ތެރެއިން 1.3 މިލިއަން ރުފިޔާގެ ހިދުމަތްތަކުގެ އިންވޮއިސް ނުހަދާ ހުރި ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓްގައިވަނީ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު އާސަންދައިގެ ދަށުން ހިދުމަތް ދިން ކަމަށް 5،186 ބިލެއް ތައްޔާރުކޮށްފައިވީ ނަމަވެސް، އުނގޫފާރު ހޮސްޕިޓަލުގެ އިންފޮމޭޝަން ސިސްޓަމް (އެޗްއައިއެސް) އިން އިންވޮއިސްތައް ތައްޔާރުކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، ހޮސްޕިޓަލުން ދޭ ހިދުމަތްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްވާ ކަމަށާއި އެކަމުގެ ސަބަބުން އެ ފައިސާ އެއްވެސް ގޮތަކަށް ނުލިބުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް އެ ރިޕޯޓްގައިވެ.
އެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ ހޮސްޕިޓަލުން އަމިއްލަ ފަރާތްތަކަށް ކްރެޑިޓަށް ދީފައިވާ ހިދުމަތްތަކަށް ވެސް އިންވޮއިސްތައް ނުހަދާ ހުރިކަން ފާހަގަކުރެވިފައިވެ އެވެ.
އޭގެ ތެރޭގައި 2022 އާއި 2023 އާއި 2024 ވަނަ އަހަރު ދީފައިވާ ގިނަ ހިދުމަތްތަކަށް އިންވޮއިސް ތައްޔާރުކޮށްފައެއް ނުވެ އެވެ. އަދި ބައެއް ފަހަރު އެ ހޮސްޕިޓަލުން ދީފައިވާ ހިދުމަތްތަކަށް އަހަރުތަކެއްގެ އިންވޮއިސް ހަދާފައި ހުރިކަން ފާހަގަކުރެވުނު ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފަިއވެ އެވެ.
އެގޮތަށް ހިދުމަތަށް އިންވޮއިސް ނުހަދާ 2022 ވަނަ އަހަރު އަށް ލައްކަ ރުފިޔާގެ ހިދުމަތް ފޯރުކޮށްދީފައިވާ އިރު، 2023 ވަނަ އަހަރު ގާތްގަނޑަކަށް ހަތަރު ލައްކައެއްހާ ރުފިޔާގެ ހިދުމަތް ފޯރުކޮށްދީފައިވާ އިރު އިންވޮއިސް ތައްޔާރުކޮށްފައެއް ނުވެ އެވެ. އަދި 2024 ވަނަ އަހަރު އެގޮތަށް 61،000ރ.ގެ ހިދުމަތުގެ އިންވޮއިސް ތައްޔާރުކޮށްފަ އެއް ނުވެ އެވެ.
އުނގޫފާރު ހޮސްޕިޓަލުން މާލީ ހިސާބުތައް ބެލެހެއްޓުމުގެ ގިނަ މައްސަލަތައް ފާހަގަކޮށްފައިވާއިރު، އެ ހޮސްޕިޓަލަށް ލިބޭ އާމްދަނީ ވެސް އެ އަހަރެއްގެ ތެރޭގައި ގަވާއިދުން ޕަބްލިކް އެކައުންޓް ސިސްޓަމަށް އަޕްޑޭޓް ނުކުރާ ކަމަށް އޮޑިޓް އޮފީހުން ބުނެފައިވެ އެވެ.
އެގޮތުން 2024 ވަނަ އަހަރު ޕަބްލިކް އެކައުންޓް ސިސްޓަމުން 9.2 މިލިއަން ރުފިޔާ ހުރިކަމަށް ފާހަގަވި ނަމަވެސް، އެކައުންޓުގައި ހުރީ 9.1 މިލިއަން ރުފިޔާ އެވެ. އަދި 2023 ވަނަ އަހަރު ޕަބްލިކް އެކައުންޓް ސިސްޓަމުން އެ ހޮސްޕިޓަލަށް ލިބުނު އާމްދަނީގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ހުރިއިރު އެކައުންޓުގައި 4.4 މިލިއަން ރުފިޔާ ހުރިކަން ވެސް ފާހަގަކުރެވުނު ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. އެ ފަރަގުތަކާ ގުޅިގެން އެ ހޮސްޕިޓަލަށް ލިބުނު ޖުމްލަ އާމްދަނީގެ ސައްހަކަން އޮޑިޓަރުންނަށް ކަށަވަރު ކުރެވިފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފައިވެ އެވެ.