ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހުޅުލޭގެ އަގު ބޮޑު ބިމުގެ ލީސްހޯލްޑް ހައްގުތައް ރަހުނުކޮށް ބޮޑެތި ލޯނުތަކެއް ނަގާފައިވާ ކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
ސަރުކާރުގެ ބިޔަ ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގުމަށް އުފެއްދި ސަބްސިޑިއަރީ ކުންފުނި މެރިން އެންޑް އިންޓަގްރޭޓެޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް (އެމްއައިއައިޑީ) އިން ކުރު މުއްދަތެއްގެ ތެރޭގައި އެތައް ބިލިއަން ރުފިޔާއެއްގެ ދަރަންޏާއި މާލީ އިލްތިޒާމުތަކަކާ ހަވާލުވެފައިވާކަން ވެސް 2025 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެމްއޭސީއެލްގެ މާލީ ހާލަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވަނީ އެއާޕޯޓުގެ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ނަގާފައިވާ ބޮޑެތި ލޯނުތަކާއި ގައުމީ ފެންވަރުގެ ބިން ހިއްކުމުގެ އެއްބަސްވުންތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމާ ގުޅިގެންނެވެ.
ސަރުކާރުގެ ގްރާންޓެއްގެ ގޮތުގައި އެ ކުންފުނީގެ ހިސާބުތަކުގައި ހިމަނާފައިވާ ހުޅުލޭގެ ބިން ބޭނުންކުރުމުގެ ހައްގުގެ އަގު ހަތް ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރަ އެވެ.
ވީއައިއޭގެ ރަންވޭ އާއި ޓާމިނަލްގެ އިތުރުން، ހުޅުލޭގެ ގިނަ ސަރަހައްދުތަކެއް ވިޔަފާރި އުސޫލުން އެކި ފަރާތްތަކަށް ވަނީ ކުއްޔަށް ދޫކޮށްފަ އެވެ. މީގެ ތެރޭގައި ސީޕްލޭން ޓާމިނަލް ސަރަހައްދާއި ޑިއުޓީ ފްރީ ފިހާރަތަކާއި ކާގޯ ގުދަންތަކުގެ އިތުރުން ކޭޓަރިން އަދި ފިއުލް ފާމް ހިމެނޭ ސަރަހައްދުތައް ހިމެނެ އެވެ.
އޮޑިޓު ރިޕޯޓުގައި ބުނި ގޮތުގައި، އެމްއޭސީއެލްގެ ޕްރޮޕަޓީ، ޕްލާންޓް އެންޑް އިކުއިޕްމަންޓް (ޕީޕީއީ) އާއި ނުނިމި ހުރި މަޝްރޫއުތަކުގެ އަގު ވަނީ 20.37 ބިލިއަން ރުފިޔާއިން 23.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ ކުންފުނީގެ ޖުމްލަ ހަރުމުދަލުގެ ގާތްގަނޑަކަށް 59 ޕަސެންޓާއި 65 ޕަސެންޓާ ދެމެދުގެ ނިސްބަތެކެވެ.
އެއާޕޯޓުގެ އާ ޓާމިނަލާއި އާ ރަންވޭ އަދި ތެޔޮ ރައްކާކުރާ ނިޒާމު ފަދަ އުމްރާނީ ތަރައްގީގެ ބޮޑެތި މަސައްކަތްތަކަށް އެމްއޭސީއެލް އިން ވަނީ ބޭރުގެ މާލީ އިދާރާތަކުން ބޮޑެތި ލޯނުތަކެއް ނަގައިފަ އެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކުންފުނީގެ ޖުމްލަ ދަރަނި ވަނީ 16.64 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
މި ލޯނުތަކުގެ މައިގަނޑު ގެރެންޓީއެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ހުޅުލޭގެ ބިން ކުއްޔަށް ހިފުމުގެ ހައްގުތަކާއި އެ ބިމުގައި މިހާރު ހުރި އަދި ކުރިއަށް އޮތް ތަނުގައި އަޅާނެ އެންމެހައި އިމާރާތްތަކާއި އުމްރާނީ ވަސީލަތްތަކެވެ. މީގެ އިތުރުން، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ދައުލަތުގެ ސޮވަރިން ގެރެންޓީ ވެސް މި ލޯނުތަކަށް ވަނީ ފޯރުކޮށްދީފަ އެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އަނެއް ކަމަކީ، ސެޕްޓެމްބަރު 18، 2025 ގައި އުފެއްދި އެމްއޭސީއެލްގެ ސަބްސިޑިއަރީ ކުންފުނި އެމްއައިއައިޑީގެ ދައުރެވެ.
އެއީ ގިރާވަރު ފަޅު ހިއްކުން ފަދަ ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.
އެ ފަޅު ހިއްކަން ފުރަތަމަ ހަވާލުކުރި، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެކު ވެފައިވާ އެއްބަސްވުންތައް ބަދަލުކޮށް، އެމްއައިއައިޑީ އިން ވަނީ އެ މަސައްކަތްތަކާ ހަވާލުވެފަ އެވެ.
މިގޮތުން، އެމްއައިއައިޑީގެ ބެލެންސް ޝީޓުގައި ނުނިމި ހުރި މަޝްރޫއުތަކުގެ ގޮތުގައި 1.76 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
ބިން ހިއްކުމުގެ މަސައްކަތުގެ އަގަކީ ނަގުދު ފައިސާގެ ބަދަލުގައި އެ ހިއްކާ ބިމުން ލިބޭ ސަރަހައްދުތަކާއި ތަރައްގީކުރުމުގެ ހައްގުތައް ކަމަށް ވާތީ، އަދި އަގު ނުލިބި ހުރި ކޮންޓްރެކްޓް އެސެޓްގެ ގޮތުގައި 161.15 މިލިއަން ރުފިޔާ ވަނީ ރެކޯޑު ކޮށްފަ އެވެ. މިއާއެކު، އެ ކުންފުނީގެ ޖުމްލަ އެސެޓްގެ އަގު 1.95 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އެމްއައިއައިޑީ އިން ހަވާލުވި ޒިންމާތަކުގެ ތެރޭގައި ކޮންޓްރެކްޓަރުންނަށާއި ޑްރެޖިން ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު ވަނީ 1.47 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި، ބަޖެޓުން ބޭރުން ސަރުކާރުން ވަނީ އެމްއޭސީއެލް މެދުވެރިކޮށް 650.7 މިލިއަން ރުފިޔާގެ ލޯނެއް ދޫކޮށްފަ އެވެ.
އެހެންކަމުން، ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ހުޅުލޭގެ ބިމާއި އެ ބިމުގެ ލީސްހޯލްޑް އެންމެހައި ހައްގުތައް ބޮޑެތި ލޯނުތަކަކަށް ރަހުނުކޮށްފައި އޮތުމުގެ އިތުރުން، ބިންހިއްކުމުގެ ބިޔަ މަޝްރޫއުތަކާ ގުޅިގެން އުފެދިފައިވާ އެތައް ބިލިއަން ރުފިޔާއެއްގެ މާލީ އިލްތިޒާމުތައް އެމްއޭސީއެލުން އުފުލަން ޖެހުމަކީ، މުސްތަގުބަލުގައި އެ ކުންފުންޏަށާއި ދައުލަތަށް މާލީ ނުރައްކަލަކަށް ހުށަހެޅިދާނެ ކަމެއްގެ ގޮތުގައި އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.