ދައުލަތުން މުވައްޒަފުންނަށް ކުރާ ހަރަދު އަހަރުން އަހަރަށް އިތުރުވަމުންދާކަން ފާހަގަކޮށް، މުވައްޒަފުން އިތުރު ނުކުރަން އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ސަރުކާރަށް ލަފާދީފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އޮޑިޓަ ޖެނެރަލްގެ އޮފީހުން ހުށަހެޅި ލަފާގައި ބުނީ ދައުލަތުގެ މުވައްޒަފުން އިތުރު ކުރުމުގެ ބަދަލުގައި މިހާރު ތިބި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރަން ޖެހޭ ކަމަށެވެ. މުސާރަތައް ބޮޑުކުރުމާއި މުވައްޒަފުން އިތުރު ކުރުމުގެ ސަބަބުން މުވައްޒަފުންނަށް ދައުލަތުން ކުރާ ހޭދަ ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ވެސް އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ލަފާގައި ބުންޏެވެ.
"...މިކަމުގައި އަޅުގަނޑުމެން މިދޭ ލަފަޔަކީ މުވައްްޒަފުންގެ އަަދަދު އިތުރު ކުރުމުގެ ބަދަލުގައި މުވައްޒަފުންގެ އެފިޝަންސީ އިތުރުކޮށް، ދައުލަތުން މިދޭ ހިދުމަތްތައް ދެވޭނެ އިތުރު އެފިޝަންޓް ގޮތްތައް ހޯދައި، އިތުރު މުވައްޒަފުން ނެގުމުގެ ބަދަލުގައި މިދެންނެވިހެން އެފިޝަންސީ އިތުރުކޮށްގެން ކުރިއަށް ދިއުން،" އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ލަފާ ހުށަހަޅުއްވަމުން އެ އޮފީހުގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ޝާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ހަރަދު ބޮޑުވާ އަނެއް ކަމަކީ ޕެންޝަނުގެ ގޮތުގައި ދޭ ފައިސާ ވެސް އަހަރުން އަހަރަށް ވަރަށް ބޮޑަށް އިތުރުވަމުން ދިއުމެވެ. ދައުލަތުގެ ބައެއް މުވައްޒަފުންނަށް އެއް ޕެންޝަނަށް ވުރެ ގިނަ ޕެންޝަންތައް ދޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން މީގެ ކުރިން ބަޖެޓްތައް ދިރާސާކުރި އިރުގައި ވެސް ލަފާދީފައިވާކަން ޝާން ފާހަގަކުރެއްވި އެވެ.
އުމުރުން ދުވަސްވެ، ޕެންޝަން ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާއިރު ޑަބަލް ޕެންޝަނަށް ބޮޑު ހަރަދެއް ކުރާ ގޮތަށް އޮތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަމުގައި ވެސް އަޅުގަނޑުމެންގެ ރިކޮމެންޑޭޝަނަކީ ޕެންޝަން ގާނޫނާ އެއްގޮތަށް ޕެންޝަން ސްކީމްތައް ހާމަނައިޒްކޮށް، ޑަބަލް ޕެންޝަންގެ ގޮތުގައި މި ދެވޭ ފައިސާ، ޕެންޝަން ގާނޫނުގެ ތެރެއަށް ހާމަނައިޒް ކުރެވޭނެ ގޮތަކަށް އެ ކަންތައްތައް ކުރިއަށް ގެންދިއުން،" ޝާން ވިދާޅުވި އެވެ.
ދައުލަތުގެ ހަރަދު އަހަރުން އަހަރަށް އިތުރުވާ އަނެއް ދާއިރާއަކީ ދައުލަތުން ދޭ ސަބްސިޑީތައް ކަމަށާއި ސަބްސިޑީގެ ގޮތުގައި ފައިސާދޭ މިންވަރާއި ސަބްސިޑީ ސްކީމްތައް އިތުރުވާ ކަން ވެސް އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ލަފާގައި ފާހަގަކުރި އެވެ.
ޝާން ވިދާޅުވި ގޮތުގައި، ދައުލަތުގެ ބަޖެޓް ހުށަހަޅާއިރު ބަޖެޓްގައި ނުހިމަނާ ހުންނަ ބައެއް ސަބްސިޑީތައް ވެސް އަހަރުގެ ވަކި ހިސާބަކުން ތައާރަފްކުރާކަން ފާހަގަކުރެވެ އެވެ.
ސަބްސިޑީއަށް ކުރާ ހަރަދުގެ ބޮޑު ބައެއް ހޭދަވަނީ އޭނާ ވިދާޅުވި ގޮތުގައި ތެލަށެވެ.
އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓުން 52.6 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައި އޮތް އިރު އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާ އަކީ ރިކަރެންޓް ހަރަދެވެ. އެއީ މުޅި ބަޖެޓްގެ ގާތްގަނޑަކަށް 71.5 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ހިނގާނެކަމަށް ބަޖެޓްގައި ލަފާކޮށްފައި އޮތީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ. އެއީ 9.8 ބިލިއަން ރުފިޔާ އެވެ.